ސީރިޔާ ދާހިލީ ހަނގުރާމައިގާ މިދިޔަ މަހު މަރުވި މީހުންގެ އަދަދު ތިން ހާހަށްވުރެ މަތީގައި

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ފަސް އަހަރު ވެފައިވާއިރު މިދިޔަ މަހުގައި އެކަނިވެސް މި ހަނގުރާމައާއި ގުޅިގެން މަރުވި މީހުންގެ އަދަދު އުޅެނީ ތިން ހާހަށްވުރެ މަތީގައި ކަމަށް ދަ ސީރިއަން އޮބަޒަވޭޓަރީ ފޮރ ހ...

01 Oct 2017 | 23:17

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ފަސް އަހަރު ވެފައިވާއިރު މިދިޔަ މަހުގައި އެކަނިވެސް މި ހަނގުރާމައާއި ގުޅިގެން މަރުވި މީހުންގެ އަދަދު އުޅެނީ ތިން ހާހަށްވުރެ މަތީގައި ކަމަށް ދަ ސީރިއަން އޮބަޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރު) އިން ބުނެފި އެވެ.

ސީރިޔާ ދާހިލީ ހަނގުރާމައިގެ ކަންކަން ގާތުން މޮނިޓަރ ކުރަމުން އަންނަ އެސްއޯއެޗްއާރުން ބުނެފައިވަނީ ފާއިތުވި މަހުގައި މަރުވެފައިވާ މީހުންގެ އަދަދު ތިންހާހަށްވުރެ މަތީގައި އުޅޭއިރު އޭގެ ތެރެއިން 955 މީހުންނަކީ އާއްމު ރައްޔިތުން ކަމަށެވެ.

ސީރިޔާ ދާހިލީ ހަނގުރާމައިގެ މިހާރުގެ ހާލަތަށް ބަލާލާއިރު ރަޝިޔާގެ ވާގިވެރިކަމާއެކު މިވަގުތު ސީރިޔާގެ ރައީސް ބައްސާރުލް އަސަދުގެ ސަރުކާރުން ހަނގުރާމަ ކުރަމުން އަންނަނީ އައިއސް ޖަމާއަތުގެ ކޮންޓްރޯލް އޮންނަ ދޭރު އަލްޒުވުރި ޕްރޮވިންސްގެ ކޮންޓްރޯލް ހޯދުމަށެވެ. އެއީ ސީރިޔާގެ އިރުމަތީގައި އޮންނަ އެންމެ ބޮޑު ޕްރޮވިންސެވެ.

މީގެ އިތުރުން އަރަބި އެލިއޭންސާއި އެމެރިކާގެ ބައިނަލްއަގްވާމީ ކޯލީޝަނުން ހަނގުރާމަ ކުރަމުން އަންނަނީ ރައްގާ ސިޓީގަ އެވެ. އެ ސިޓީން އައިއެސް ޖަމާއަތް ފައްސާލުމަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ސިރިޔާގެ ދާހިލީ ހަނގުރާމައިގާ މިހާތަނަށް ތިން ލައްކައަށްވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ. ގައުމު ދޫކޮށް ހިޖުރަކޮށްފައިވާ މީހުންގެ އަދަދާއި ގައުމުގެ އެތަންމިތާނގައި ގެއްލިފައިވާ މީހުންގެ އަދަދު މިލިޔަނުން ގުނާލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް