ބޭންކް އެކައުންޓް ކުއްޔަށް ދޭ ފަރާތްތަކަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލަނީ

މާލީ ޖަރީމާތައް ހިންގުމަށް ބޭންކް އެކައުންޓާއި ކާޑު އެހެން ފަރާތްތަކަށް ދޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. މ...

02 Sep 2026 | 13:12
N/A

N/A

މާލީ ޖަރީމާތައް ހިންގުމަށް ބޭންކް އެކައުންޓާއި ކާޑު އެހެން ފަރާތްތަކަށް ދޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

މި ނިންމުން އައީ އެކައުންޓް ކުއްޔަށް ދިނުމާއި ބޭނުންކުރަން ހަވާލުކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށް ޕީޖީ އައްބާސް ވިދާޅުވެފައިވެއެވެ. ގައިރުގާނޫނީ އަމަލެއް ހިންގާކަން އެނގިހުރެ އެކައުންޓާއި ކާޑު ދީފައި ތިބޭ ފަރާތްތައް ދެނެގަނެވޭ ހާލަތުގައި ދައުވާ އުފުލާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ހަމައެއާއެކު ކަނޑައެޅިފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރު މާރުކުރުމާއި ސްކޭމް ހިންގުމުގެ އަމަލުތަކުގައި ވެސް އެހެން މީހުންގެ އެކައުންޓް ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ޕީޖީ ވިދާޅުވެފައިވެއެވެ.

"ފުލުހުން ތަހުގީގުކޮށް ނިންމާފައި [ޖީޕީއަށް] ފޮނުވީމާ ކޭސް ބައި ކޭސް ބަލާފައި ދައުވާކުރާނަން" އައްބާސް ވިދާޅުވެފައިވެއެވެ.

"ސްކޭމް މައްސަލަތަކުގައި ވެސް ވަރަށް ބޮޑަށް ފާހަގަވޭ އެހެން މީހުންގެ އެކައުންޓް ބޭނުންކުރާކަން. އެކަން ކުރާ މީހާ ނޫން އެހެން މީހެއްގެ އެކައުންޓްތަކުގެ ތެރެއިން ފައިސާ ދައުރުކުރާކަން އެހެންވީމާ އެ މައްސަލަތައް ވެސް ސީރިއަސްކޮށް ބަލާފައި ދައުވާކުރުމުގެ ވިސްނުން މިހާރު ހުރީ" އައްބާސް ވިދާޅުވެފައިވެއެވެ.

ޕީޖީ އޮފީހުން ތަފްސީލުކޮށްދިން ގޮތުގައި އެހެން ބައެއްގެ ބޭނުމަށް އެކައުންޓް ދިނުމަކީ މަނީ ލޯންޑަރިންގެ ކުށުގެ އަމަލަކަށް މަގުފަހިކޮށްދިނުން ނުވަތަ އެހީތެރިވުން ކަމުގައި ބެލެވޭނެ ކަމެކެވެ. "މަނީ މިއުލް" އެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ ޝައްކުކުރެވޭ ފައިސާއާ މެދު މުއާމަލާތް ކުރުމުގެ ނުވަތަ މަނީ ލެޔަރިންގެ މެދުވެރިއެއްގެ ތެރޭގައި ހިމެނޭ އަމަލެއް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. ފައިސާގެ މަސްދަރު ނޭނގޭ ކަމަށް ނުވަތަ ކުށަކާ ގުޅުން ހުރި ކަމެއް ނޭނގޭ ކަމަށް ބުނި ނަމަވެސް ޝައްކު ކުރެވޭނެ ސަބަބު ފިލައިގެން ނުދާނެ ކަމަށް ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

"މިސާލަކަށް އެކައުންޓް ނުވަތަ ކާޑު އެހެން މީހަކު ބޭނުންކުރަން ކުއްޔަށް ވިޔަސް ނޫނީ ކުއްޔަށް ނޫން ގޮތަށް ވިޔަސް ދީގެން އެ ކާޑު މެދުވެރިކޮށް ގައިރުގާނޫނީ އަމަލެއް ކުރާ ހާލަތުގައި ކާޑު މެދުވެރިކޮށް މަނީ ލޯންޑްރިންގެ އަމަލެއް ކުރާ ހާލަތުގައި ކާޑުގެ ވެރިފަރާތަށް މަނީ ލޯންޑްރިންގެ އަމަލަކަށް ހިތްވަރު ދިނުން މަގުފަހިކޮށްދިނުން ބައިވެރިވުމުގެ ދައުވާކުރެވޭނެ" ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.

ސްކޭމް މައްސަލައެއްގައި މީހެއްގެ އެކައުންޓަށް ފައިސާ ޖަމާވި ނަމަވެސް އެ އެކައުންޓް އެހެން ފަރާތެއް ބޭނުންކުރަން ދީފައިވާ ކަމަށް ބުނެ ޒިންމާއިން ރެކެވެން ނެތް ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އެ އޮފީހުން ބުނި ގޮތުގައި އެކައުންޓުގެ ވެރިފަރާތް ޒިންމާދާރުކުރުވައި ދައުވާ ކުރުމާއި ފައިސާ އަނބުރާ ހޯދުމުގެ ފިޔަވަޅު ކުރިއަށް އޮތް ތަނުގައި ވެސް އަޅަމުން ގެންދާނެއެވެ.

ޓިކްޓޮކާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި "ބޭންކް އެކައުންޓް ކުއްޔަށް ނަގަނީ" ނުވަތަ "ފަސޭހައިން ލާރި ހޯދުމަށް އެކައުންޓް ދީ" ފަދަ އިޝްތިހާރުތައް ފެންނަ މިންވަރު ވަނީ ގިނަވެފައެވެ. އެންޓި ސްކޭމް ސެންޓަރުން ވެސް ބުނެފައިވާ ގޮތުގައި ބޭންކް އެކައުންޓާއި ޕިން އަދި އޯޓީޕީ އެހެން ފަރާތަކާ ހިއްސާ ކޮށްގެން ނުވާނެއެވެ. މީގެ އިތުރުން ބީއެމްއެލް އިން ވެސް ކުރިން ފާހަގަކޮށްފައިވާ ގޮތުގައި އެ ބޭންކުގެ ކާޑުތަކުގެ ޑޮލަރު ލިމިޓް ނާޖާއިޒު ގޮތުގައި ބޭނުންކޮށް މުއާމަލާތް ހިންގާ މައްސަލަތައް ފާހަގަކުރެވިފައިވެއެވެ. އެގޮތުން މިދިޔަ އަހަރު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް ބޭރު ފައިސާ ނެގި މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް