ވަޅިން ހަމަލާދީ މަރާލި ބޭންކް އޮފް އެމެރިކާގެ ނައިބު ރައީސް --
އެމެރިކާގެ ނިއު ޔޯކް ސިޓީގެ ޓައިމްސް ސްކެއާގައި ނުދަންނަ އަންހެނަކު ވަޅިން ދިން ކުއްލި ހަމަލާއެއްގައި ބޭންކް އޮފް އެމެރިކާ (ބީއޯއޭ)ގެ ނައިބު ރައީސް އެރިން ޕިއަސެންޓީ މަރުވެއްްޖެ އެވެ.
ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާއިން ކިޔަވައި ފޯޑެމް ލޯ ސްކޫލުން 2021 ވަނަ އަހަރު ޤާނޫނީ ޑިގްރީ ޙާޞިލްކޮށްފައިވާ އުމުރުން 32 އަހަރުގެ ޕިއަސެންޓީ އަކީ ދާދި ފަހުން ދަރިއަކު ލިބި ވިހެއުމުގެ ޗުއްޓީ ނިންމައި އެނބުރި ވަޒީފާއަށް ނުކުމެ އުޅުނު މީހެއް ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހަމަލާދިނީ ކުއީންސް އަށް ނިސްބަތްވާ ޢުމުރުން 49 އަހަރުގެ ޕެމެލާ ސިޒްނެރޯސް ކިޔާ މީހެކެވެ. ނަފްސާނީ ބަލީގެ މައްސަލަތައް ހުރި ތިން ކުދިންގެ މައެއް ކަމުގައިވާ ސިޒްނެރޯސް ވިޔަފާރި ކޮތަޅަކުން ދެ ވަޅި ނަގައި ފުރަތަމަ ޢުމުރުން 68 އަހަރުގެ ފިރިހެނަކަށް ހަމަލާ ދިނުމަށް ފަހު ޕިއަސެންޓީ އަށް ހަމަލާ ދިނީ ކަމަށް ފުލުހުންގެ ކޮމިޝަނާ ޖެސިކާ ޓިޝް ނޫސް ކޮންފަރެންސެއްގައި ބުންޏެވެ.
ހަމަލާ ދިން ފިރިހެން މީހާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ސިޒްނެރޯސް ހިފެހެއްޓުމަށް ސްޓަން ގަން ބޭނުންކުރުމުން ވެސް އޭނާ ވަޅިތައް ހިފައިގެން ފުލުހުންނާ ދިމާއަށް ހިނގާފައި ދިޔަ ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ނެގި ވީޑިއޯތަކުން ފެނެއެވެ. އެއަށް ފަހު ފުލުހުން ބަޑިޖަހައި ސިޒްނެރޯސް މަރާލީ ކަމަށް ފުލުހުން ބުންޏެވެ.
ސިޒްނެރޯސް ގެ ބޭބެ ޕެޓްރިކް ޕެރާލްޓާ ގޮތަމިސްޓް ނޫހަށް ބުނީ ސިޒްނެރޯސް އެތައް އަހަރެއް ވަންދެން ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން ގެންދިޔަ ކަމަށާއި ނަމަވެސް އެއްވެސް އިރެއްގައި އޭނާ އަކީ ހަރުކަށި މީހެއް ނޫން ކަމަށެވެ.
މި ހާދިސާ ހިނގީ ނިއު ޔޯކުގެ އެންމެ ފާރަވެރިކަން ބޮޑު ފަތުރުވެރިންނާއި ތިއެޓާ ސަރަހައްދުގެ މެދުގައި ހުންނަ ފުލުހުންގެ ސްޓޭޝަނެއް ކައިރީގައެވެ. އެ ސަރަހައްދުގައި ކޮންމެ އަހަރަކު ބާއްވާ އައު އަހަރު ފާހަގަކުރުމުގެ ބޯލް ޑްރޮޕް ހަފުލާ ބާއްވާ ޢިމާރާތް ކައިރީގައި މެއި މަހު ވެސް ވަޅިން ހަމަލާދީ މީހަކު މަރާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް