ކުއްޖާ މަރުވީ ގައިމައްޗަށް ކާރު އަރައިގެން ނުވަތަ ގައިގައި ކާރު ޖެހިގެން ކަމަށް ބެލެވޭ: ފުލުހުން

އިއްޔެ ރޭ މަރުވި އުމުރުން ނުވަ އަހަރުގެ ޒީވާ އަލީ ސިނާން އެކްސިޑެންޓުވި ހާދިސާ ހިނގީ އޭނާގެ ގައިމައްޗަށް ކާރު އަރައިގެން ނުވަތަ ގައިގަ ކާރު ޖެހިގެން ކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލ...

02 Sep 2026 | 04:10
ފަހަތުން އައި ކާރު ފުލުހުން ޓޯކޮށްގެން ގެންދަނީ -- ދުވަސް ފޮޓޯ

ފަހަތުން އައި ކާރު ފުލުހުން ޓޯކޮށްގެން ގެންދަނީ -- ދުވަސް ފޮޓޯ

އިއްޔެ ރޭ މަރުވި އުމުރުން ނުވަ އަހަރުގެ ޒީވާ އަލީ ސިނާން އެކްސިޑެންޓުވި ހާދިސާ ހިނގީ އޭނާގެ ގައިމައްޗަށް ކާރު އަރައިގެން ނުވަތަ ގައިގަ ކާރު ޖެހިގެން ކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޒީވާ އެކްސިޑެންޓުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެވެ. އެ ހާދިސާ ހިނގީ މަގުގެ އެއް ފަރާތުގައި އޮތް ކާރަކަށް މަގާވީ ފަޅިން އަރަން އުޅުނު ޑްރައިވަރު އޯވާ ޓޭކް ކުރަން ސައިކަލެއް އުޅުމުގެ ތެރޭގައި ސައިކަލު ވެއްޓިގެންނެވެ.

ޒީވާ އިނީ އެ ސައިކަލުގެ ފަހަތުގައި އެވެ. މި ހާދިސާގައި ޒީވާ ވެއްޓި ފަހަތުން އައި ކާރުގައި ޖެހިގެން ނުވަތަ ކާރުގެ ދަށު ވެގެން އެކްސިޑެންޓު ވީ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ ޒީވާގެ 18 އަހަރުގެ ބޮޑު ދައިތައެވެ.

ފުލުހުން ބުނީ ޒީވާ ޖެހުނީ ކާރަކީ ފަހަތުން އައި ކާރެއްގައި ކަމުން އެ ކާރަށް ކުއްލިއަކަށް މަޑު ކުރަން ފުރުސަތު ނުލިބުނީ ކަމަށް ބެލެވޭ ކަމަށެވެ.

ޒީވާ ވެއްޓި ބޮލަށް ބޮޑެތި އަނިޔާ ލިބުނުއިރު ހޭވެރިކަމެއް ނެތް ޙާލު ބޮލުން ގިނަ ޢަދަދެއްގެ ލޭ ފައިބަމުން ދިޔަ ކަމަށް މަންޒަރު ދުށް ފަރާތްތައް ބުނެފައިވެއެވެ. ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުން އައި ޒީވާއަށް ފުރަތަމަ ވަގުތުން ފެށިގެން ވެސް ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގައެވެ. ސައިކަލު ދުއްވި ބޮޑުދައިތައަށް ވެސް އަނިޔާވެ ފަރުވާ ދީފައިވެއެވެ.

ފުލުހުން ބުނީ ހާދިސާގައި ހިމެނޭ ތިން އުޅަނދު ޓޯކޮށް އެ ތިން އުޅަނދު ދުއްވި ތިން ފަރާތުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.

މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ ކާރު ދުއްވީ ކުރިން ވެސް ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ކަމަށް ތަޙުޤީޤަށް އެނގިފައިވާ ކަމަށާއި އެ ސަބަބަށްޓަކައި އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ހާދިސާ ހިނގި ގޮތް ކަށަވަރުކުރުމަށް ފޮރެންސިކް ތަޙުލީލުތައް މިހާރު ކުރިއަށް ގެންދާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް