ރިޟްވާންގެ އާއިލާއިން އުންމީދުކުރި ފަދަ ޚިދުމަތެއް ނުދެވުނީތީ ހިތާމަކުރަން: ފުލުހުން

ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލި މައްސަލައާއި ގުޅިގެން ރިޟްވާންގެ އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުން އުންމީދުކުރި ފަދަ ޚިދުމަތެއް ފޯރުކޮށްދެވިފައިނުވާތީ އެކަމާ ހިތާމަކުރާކަމަށް ފުލުހުން ބުނެފިއެވ...

02 Sep 2019 | 15:28

ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލި މައްސަލައާއި ގުޅިގެން ރިޟްވާންގެ އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުން އުންމީދުކުރި ފަދަ ޚިދުމަތެއް ފޯރުކޮށްދެވިފައިނުވާތީ އެކަމާ ހިތާމަކުރާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

" އަޙްމަދު ރިޟްވާން އަބްދުﷲ ގެއްލުވާލި މައްސަލައާއި ގުޅިގެން އަޙްމަދު ރިޟްވާން އަބްދުﷲގެ އާއިލާއާއި އެކުވެރީން ކުރަމުންދާ ހިތާމައިގައި މި ސަރވިސްއިން ވެސް ބައިވެރިވާކަމުގައި ދަންނަވަމެވެ. އަދި އަޙްމަދު ރިޟްވާން އަބްދުﷲ އަށް އިންސާފު ހޯދައިދިނުމުގައި އަޙްމަދު ރިޟްވާން އަބްދުﷲގެ އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކުން އުންމީދުކުރި ފަދަ ޚިދުމަތެއް މި ސަރވިސްއަށް ފޯރުކޮށްދެވިފައިނުވާތީ މި ސަރވިސްއިން އެކަމާ ހިތާމަކުރަމެވެ." ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޣުކުރާ ކޮމިޝަނުން އާންމުކުރި މަޢުލޫމާތުގެ ތެރޭގައި ދެ ފުލުހަކާއި ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ފަރާތްތަކުގެ މައްސަލަ ތަޙްޤީޤްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގައި ދަންނަވާކަމަށާއި އަދި މި މައްސަލަ ކޮމިޝަނުން ތަޙްޤީޤްކޮށް ނިންމާ، މި މައްސަލައިގެ ތަހްޤީޤް ރިޕޯޓް އެ ސަރވިސްއަށް ހަވާލުކުރުމުން އެ ސަރވިސްގެ މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ޖިނާޢީ ކުށެއް އޮތްކަމަށް ފެނިއްޖެނަމަ އެ ފަރާތަކާއި މެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް