ރިލްވާން ގެއްލުވާލި މައްސަލައިގާ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުން އާންމުކުރި މައުލޫމާތުގެ ތެރޭގައި ދެ ފުލުހަކާއި ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ފަރާތްތަކުގެ މައްސަލަ ތަޙްޤީޤްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.
" އެ ފަރާތްތަކުގެ މައްސަލަ މި ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އިތުރަށް ތަޙްޤީޤްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގައި ދަންނަވަމެވެ." ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މި މައްސަލަ ކޮމިޝަނުން ތަޙްޤީޤްކޮށް ނިންމާ، މި މައްސަލައިގެ ތަހްޤީޤް ރިޕޯޓް މި ސަރވިސްއަށް ހަވާލުކުރުމުން މި ސަރވިސްގެ މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ޖިނާޢީ ކުށެއް އޮތްކަމަށް ފެނިއްޖެނަމަ އެ ފަރާތަކާއި މެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް އަރުވާކަމަށެވެ.
މީގެ އިތުރުން އެކޮމިޝަށަށް މި މައްސަލައިގެ ތަޙްޤީޤުން ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން ފުލުހުން އިތުރަށް ތަޙްޤީޤް ކުރަންވީ ކަންކަމާއި ގުޅޭގޮތުން މިއަދު ފުލުހުން ވާނީ ކޮމިޝަނުގެ މެމްބަރުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފައި ކަމަށާއި އަދި އެ ކޮމިޝަނުގެ މަސައްކަތްތަކަށް ކުރިއަށް އޮތްތަނުގައިވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވާނީ ދަންނަވާފައިކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް