ރިލްވާންގެ މައްސަލާގައި ކޮމިޝަނުން ހާމަކުރީ ކުރީގެ ސަރުކާރުން ހޯދައިފައިވާ މައުލޫމާތުތަކެއް: ޕީޕީއެމް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ގުޅޭގޮތުން އިއްޔެ މަރުތައް ބަލާ ކޮމިޝަނުން ހާމަކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހޯދައިފައިވާ މައުލޫމާތުތަކެއް ކަމަށް ޕީޕީއެމ...

02 Sep 2019 | 09:50

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ގުޅޭގޮތުން އިއްޔެ މަރުތައް ބަލާ ކޮމިޝަނުން ހާމަކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހޯދައިފައިވާ މައުލޫމާތުތަކެއް ކަމަށް ޕީޕީއެމް އިން ބުނެފައެވެ.

ޕީޕީއެމް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮމިޝަނުން ހާމަކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ފުލުހުން ތަހުގީގުކޮށް ހޯދައިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

ޕީޕީއެމް އިން ބުނީ، ރިލްވާން ގެއްލުވާލި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ޔާމީންގެ ވެރިކަމުގައި ތަހުގީގުތަކަށް ލިބުނު މައުލޫމާތަށް ބަލައި ހައްޔަރުކޮށް، ދައުލަތުން ދައުވާކޮށްފައިވާ މީހުން ކަމަށެވެ.

ރިލްވާން ގެއްލުނު މައްސަލައާއި ރައީސް ޔާމީންގެ ސަރުކާރާއި އެއްވެސް ގުޅުމެއް ނެތްކަމަށް ހާމަކޮށް ޕީޕީއެމް އިން ބުނީ، މަރުތައް ބަލާ ކޮމިޝަނުން ރައީސް ޔާމީނޭ ކިޔައިގެން އިއްޔެ ހާމަކުރީ ސާބިތުނުހިފޭ ދޮގު މައުލޫމާތުތަކެއް ކަމަށެވެ.

ނޫސްވެރިނަށް މައުލޫމާތު ދިނުމުގެ ގޮތުން މަރުތައް ބަލާ ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ، ރިލްވާން ގެއްލިގެން ތަހުގީގު ކުރުމުގެ ތެރޭގައި އެ ތަހުގީގު ޑައިވާޓް ކުރުމަށް ކުރީގެ ރައީސް ޔާމީން މަސައްކަތް ކުރިކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. ޔާމީންގެ ސަރުކާރުން ފަންޑިތަ ހަދައި، ކާހިނުންނާއި ފާލުބަލާ މީހުން ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގުގެ ފޯކަސް އަނބުރާލުމަށްޓަކައި އެތަން މިތަނަށް ފުލުހުން ދުއްވާފައިވާ ކަމަށްވެސް ސުއޫދު ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދިނުމުގެ ގޮތުން ޕީޕީއެމުން ނެރުނު މި ބަޔާނުގައި ރައީސް ޔާމީނޭ ކިޔައިގެން އިއްޔެ ފަތުރާފައިވާ ވާހަކަތައް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

ރިލްވާން ގެއްލިފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި، 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހުއެވެ. ޔާމީންގެ ސަރުކާރު މިދިޔަ އަހަރު ނިމުންއިރުވެސް ރިލްވާނަށް ވީގޮތެއް ހާމަކޮށްދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް