ދައުލަތުގެ މީޑިޔާގައި 13 އަހަރު މަސައްކަތްކޮށްފައިވާ، މަޝްހޫރު ސްޕޯޓްސް ޖާނަލިސްޓް ހަފްސީ އަބްދުﷲ ޕީއެސްއެމްއިން އިސްތިއުފާ ދީފިއެވެ. ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރ- ސްޕޯޓްސްގެ މަޤާމުން އިސްތިއުފާ ދިނުމަށްފަހު ސޯޝަލް މީޑިޔާގައި ޢާންމުކޮށްފައިވާ ބަޔާނަކާއެކު ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ އިއްޔެވެސް، މިއަދުވެސް މާދަމާވެސް އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅު ކަމުގައެވެ.
"އިންސާފު ގާއިމުކުރަން ވާންޖެހުނު ކޮންމެ ގުރުބާނީ އެއް ވާން މިހުރީ ކެރިގެން ނުކުމެ. އިދިކޮޅު ކޯލިޝަން އާ އެކު ސާބިތުވެ، 23 ސެޕްޓެމްބަރ 2018 ގައި އަނިޔާވެރިކަން ނިންމާނަން އިންޝާ ﷲ" އިއްޔެ އިސްތިއުފާ ދިން ހަފްސީ ކުރި ޓްވީޓްގައި ބުނެފައިވެއެވެ.
ޕީއެސްއެމްގެ ވަޒީފާއިން އިސްތިއުފާ ދިނުމާ ގުޅޭ ގޮތުން ހަފްސީ ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ 2005 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދައުލަތުގެ ރަސްމީ މީޑިއާގައި ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށީ، ދާއިރާއަށް ހުރި ޝައުގުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހޭ މިނިވަން މީޑީއާއެއްގައި މަސައްކަތްކުރުމުގެ ނިޔަތުގައި ކަމަށެވެ.
އެހެންނަމަވެސް މިއަދު ދައުލަތުގެ މީޑިއާ، ޕީ.އެސް.އެމް. ގައި ކަންކަން ހިނގަމުންދަނީ އެގޮތުގެ މަތީން ނޫންކަން "
ދަންނަވަމެވެ. ދައުލަތުގެ މީޑިއާގައި އަޅުގަނޑު ހޭދަކުރި ދިގު މުއްދަތުގައި މި މިންވަރަށް ދައުލަތުގެ މީޑިއާގެ ހިންގުން ޚަރާބުވެގެންދިޔަ ފަހަރެއް ނާދެއެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
ޕީ.އެސް.އެމް އިން މިހާރު ފަތުރަމުން ގެންދާ ޚަބަރުތަކުގައި، ދައުލަތުގެ މީޑިއާއަކުން ޚަބަރު ފެތުރުމުގައި ގެންގުޅެންޖެހޭ ސިފަތަކާ ތަޢާރުޟުވެ، މުޖުތަމަޢުގެ ޢާންމު އަޚްލާޤީ މިންގަނޑު ހިފެހެއްޓުމުގެ ޒިންމާއާވެސް ޚިލާފްވެފައިވާކަމަށް ދެކޭ ކަމަށް ހަފްސީ އަބްދުﷲ ބުނެފައިވެއެވެ.
ހަފްސީ ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދު ޕީ.އެސް.އެމް. ގައި ހަމަހަމަ ކަމާއިއެކު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެވޭނެ ޖާގައެއް އަދި މާޙައުލެއް އޮތްކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް