އަނިޔާވެރިކަމާ ދެކޮޅު ހަދަންޖެހޭ، އަނިޔާވެރި ވެރިޔަކު ހުއްޓުވުމަށް ތެދުވުމަކީ ހުއްދަކަމެއް - ޝެއިޚް އިލްޔާސް

އަނިޔާވެރިކަމާ ދެކޮޅު ހެދުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެއްކަމަށާއި އަނިޔާވެރި ވެރިޔަކު ހުއްޓުވުމަށް ތެދުވުމަކީ ދީނީ ގޮތުން ހުއްދަ ކަމެއްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޢަދާލަތު ޕާ...

02 Sep 2018 | 05:28

އަނިޔާވެރިކަމާ ދެކޮޅު ހެދުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެއްކަމަށާއި އަނިޔާވެރި ވެރިޔަކު ހުއްޓުވުމަށް ތެދުވުމަކީ ދީނީ ގޮތުން ހުއްދަ ކަމެއްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝެއިޚް އިލްޔާސް ހުސައިން ވިދާޅު ވެއްޖެއެވެ. ޝެއިޚް އިލްޔާސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އިދިކޮޅު ކޯލިޝަނަށް ތާޢީދުކުރައްވާކަމަށް ހާމަކުރެއްވުމަށްފަހު ، ފުރަތަމަ ފަހަރަށް އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އައްޑޫ ސިޓީގައި ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް އިލްޔާސް ވިދާޅުވީ ވެރިޔަކު ހޮވަނީ ރައްޔިތުންކަމަށާއި ، ވެރިމީހާ ގޯސްކޮށް ކަންތައް ކުރާނަމަ އެކަން ހުއްޓުވުމަށް ތެދުވުމަކީ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއްކަމަށެވެ.

ޝެއިޚް ވިދާޅުވީ އަނިޔާ ލިބިގެންވާ ހާލުގައިވެސް އަނިޔާ ކުރާ ހާލުގައިވެސް ތިބާގެ އަޚާއަށް އެހީތެރިވުމަށް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމް ހަދީޘް ކުރައްވާފައިވާ ކަމުގައެވެ. އަނިޔާ ކުރާ ހާލުގައި އެހީތެރިވުމަށް އެކަން ހުއްޓުވުމަށް އަނިޔާ ނުކުރުމަށް ބުނެ އެކަން ހުއްޓުވަންޖެހޭ ކަމަށް ޝެއިޚް ވިދާޅުވިއެވެ. އެއަނިޔާވެރިކަން ނުހުއްޓުވައިފިނަމަ މާތްﷲ ގެ އާންމު ކޯފާއެއް އަތުވެދާނެކަމަށް ޝެއިޚް އިލްޔާސް ވިދާޅުވިއެވެ. " ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަޞައްލަމް އުންމަތަށް އިރުޝާދު ދެއްވަނީ، އަބޫދާއޫދުގެ ޞައްހަ ހަދީޘެއްގައި ވަނީ، މީސްތަކުންގެ ކުރިމަތީގައި އަނިޔާވެރިޔާ އަނިޔާވެރިކަން ކުރަމުންދާއިރު، އަނިޔާ ކުރަމުންދާއިރު، އެމީސްތަކުން އޭނާގެ އަތުގައި ހިފާ އޭނާގެ އަނިޔާ ވެރިކަން ނުހުއްޓުވައިފިނަމަ މާތްﷲ ގެ ޙަޟުރަތުން ޢާންމުވެގެންވާ ކޯފާއެއް އަތުވެދާނެ. އެކޯފާއިން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވޭ އަނިޔާވެރިކަމާ ދެކޮޅު ހެދުން. އަނިޔާވެރިކަމާ ދެކޮޅަށް ނިކުތުން. އިސްލާމްދީން ހުއްދަކުރާކަމެއް މިއީ މަނާކުރާކަމެއް ނޫން. " ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް އިލްޔާސް ވިދާޅުވީ އަނިޔާވެރިވުން ވަނީ މާތްﷲ ހަރާމްކުރައްވާފައި ކަމަށެވެ. އެހެންކަމުން އަނިޔާވެރި ވީމާ ވެރިޔާ އާ ދެކޮޅަށް ތެދުވެވޭނެކަމަށް ޝެއިޚް ވިދާޅުވިއެވެ. އަދި ބިރު ފަހަނަ އަޅާ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށް ޝެއިޚް ވިދާޅުވިއެވެ. އަނިޔާ ލިބޭ މީހާއަށް އެއީ އަނިޔާ އެކޭ ބުނެ އެކަމާ ދެކޮޅަށް ބަސްބުނުމުގެ ޙައްޤު އިސްލާމް ދީން ދޭކަމަށް ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް އިލްޔާސް ވިދާޅުވީ ޢިލްމުވެރިންނަކީ އަނިޔާވެރިކަމާ ނާއިންސާފާއި ޚިޔާނަތާއި ވައްކަމާއި މަގުފޭރުމާއި އަޅުވެތިކަމަށް ސަޕޯޓް ކުރާ ބައެއް ނޫންކަމަށެވެ. ޢަދުލު އިންސާފު އެންމެ ފުރަތަމަ ޤާއިމުވާން ޖެހޭނެ ކަމަށާއި އަނިޔާލިބެމުންދާ މީހާއަށް އެހީތެރިވާން ޖެހޭނެކަމަށާއި އަނިޔާ ކުރާ މީހާ ހުއްޓުވުމަށް ތެދުވަންވެސް ޖެހޭނެކަމަށާއި އެއީ ވާޖިބެއްކަމަށް ޝެއިޚް ވިދާޅުވިއެވެ. ޝެއިޚް ވިދާޅުވީ މިވާހަކަތައް ދައްކައިގެން ވަލިއްޔުލް އަމުރާ ދެކޮޅަށް ނިކުތުމަކީ ޚަވާރިޖުންގެ ސިފަޔެކޭ ބުނެ މިކަން އޮޅުވާލަން މަސައްކަތް ކުރަމުންދާކަމަށާއި އެކަން ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

" މުންކަރާތްތައް މަނާކުރުމުގެ ތިން ދަރަޖަ އޮންނާނީ، މުންކަރާތެއް ފެނިއްޖެނަމަ ބާރުގެ ބޭނުންކޮށްގެން އަތުން މަނާކުރުން، އަތުން މަނާ ނުކުރެވިއްޖެ ނަމަ ދުލުން މަނާކުރުން، އެއީ ޢިލްމުވެރިން ވާޖިބެއް، އަދި ތިންވަނަ ދަރަޖައަކީ ޢާންމު ރައްޔިތުންގެ ވާޖިބު ، އެއީ އެކަން މަނާކުރުމުގެ ކުޅަދާނަކަން މި ދެ ކެޓަގަރީގައި ނެތް އެހެންކަމަށްވާނަމަ އެކަމާ ހިތުން ނުރުހުންވާށޭ. " ޝެއިޚް ވިދާޅުވިއެވެ. މުންކަރާތެއް ފެނިއްޖެނަމަ ރުހިގެން ނުވާނެކަމަށާއި، މަގާމުގެ ދަހިވެތިކަމުގައި ވަޒީފާއިން ވަކިކޮށްފާނެތީ އެކަމާ ބިރު ނުގަތުމަށާއި ރިޒްޤު ދެއްވަނީ މާތްﷲ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ " ވެރިންގެ ފަރާތުން ފެންނަ މުންކަރާތްތަކާމެދުގައި އޭނާ ނުރުހުންވެއްޖެ ނަމަ، އޭނަ ބަރީޢަ ވެއްޖެއޭ، އެއީ ފުރަތަމަ ކެޓަގަރީ. ނަމަވެސް އެ މުންކަރާތްތަކަށް އޭނަ އިންކާރުކޮށްފިނަމަ ، އިންކާރު ކުރެވެނީ ކިހިނެއްތޯ، މިފަދަ ޕޯޑިއަމްތަކުގައި ، ލިޔެފައި ޚުތުބާ ތަކުގައި ވައުޟާއި ނަސޭހަތުގައި އެކަމަށް އިންކާރުކުރީމޭ އެއީ މުންކަރާތެކޭ އެކަން ކޮށްގެން ނުވާނޭ، މިއީ ޢިލްމުވެރިންގެ ވާޖިބެއް ، ޢިލްމުވެރިންގެ ވާޖިބު އަދާނުކޮށްފިނަމަ ޢިލްމުވެރިންނާ މާދަން މާތްﷲ ސުއާލު ކުރައްވާނެ. ޢިލްމުވެރިންގެ ވާޖިބެއް ކޮންމެ މީހަކު ކުރިކަމުގައިވިޔަސް އެއީ އަޅުގަނޑުމެން ބަލަން ޖެހޭ ކަމެއްނޫން. މޫނަކަށް ނޫން ބަލަންވީ، ޝަޙުސިއްޔަތަކަށް ނޫން ބަލަންވީ އެކުރި ކަމަކީ ގޯސްކަމެއްކަމަށް ވާނަމަ އެއީ ޢިލްމުވެރިންގެ ވާޖިބެއް އިންކާރު ކުރުމަކީ، އިންކާރުކޮށްފި ނަމަ އޭނަ ސަލާމަތްވީއޭ. " ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް އިލްޔާސް ވިދާޅުވީ މުންކަރާތްތައް މަނާނުކޮށް، އެކަމަށް ސަޕޯޓްކުރުމަކީ އެއީ މައްސަލަ ޖެހޭ ހިސާބުކަމަށެވެ. " ހަތަރު ވަނަ ކެޓަގަރީ އަކީ އެއީ ނުކުތުން. އެ ޙާލަތުގައި ހަމައެކަނި ބުނެވޭނީ އެއީ ވަލިއްޔުލް އަމުރާ ދެކޮޅަށް ނިކުތުމޭ، ކޮންއިރަކުތޯ؟ ކަނޑި ހިފައިގެން ، ތިމަންމެން ހަނގުރާމަ ނުކުރައްވީތޯ އޭ އެފަދަ ވެރިންނާ، ހަދީޘް ކުރައްވަނީ، ނޫން. އެމީހުން ނަމާދު ގާއިމްކުރާހާ ހިނދަކު ހަނގުރާމަ ނުކުރައްޗޭ. އެހެންވީމާ އޭގެ މާނައަކީ ހަތަރު ވަނަ ކެޓަގަރީގައޭ މިހުރީ ބަރުހަތިޔާރު ހިފައިގެން ވެރިންނާ ދެކޮޅަށް ހަނގުރާމަކުރުން. އެއީ އިމާމުންގެ މައްޗަށް ނިކުތުން. " ކަމަށެވެ. އެހެންކަމުން އަނިޔާވެރިކަމަށް ސަޕޯޓްކޮށް މަޤާމުގެ ދަހިވެތިކަމުގައި ވެރިންނާ ދެކޮޅަށް ނިކުތުމަކީ އެއީ ޚަވާރިޖުންގެ ސިފައެކޭ ބުނެ އޮޅުވާނުލުމަށް ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

" އެހެންކަމުން ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑު ގޮވާލާނީ ނިކުންނާށޭ އަނިޔާވެރިކަމާ ދެކޮޅަށް. އަނިޔާވެރިކަމަކީ ކޯއްޗެއްކަން އަޅުގަނޑުމެންނަށް އިނގިއްޖެ. އެއްވެސް ޙާލަތެއްގައި އަނިޔާވެރިކަން ހުއްދައެއް ނޫން. " ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

ޝެއިޚް އިލްޔާސް ވިދާޅުވީ ޢަދުލު އިންސާފު ގާއިމުނުކޮށް އިސްލާމްދީނޭ ކިޔުމުގެ ޙައްޤެއް ނޯންނާނެ ކަމަށެވެ. އަދި ޝެއިޚް އިލްޔާސް ދެ އިރު ދެގޮތަށް ވާހަކަދައްކާ ކަމަށް ބުނެ ފާޑުކިޔަމުންދާ ފަރާތްތަކަށް ރައްދުދެއްވަމުން ޝެއިޚް ވިދާޅުވީ އެއްވެސް އިރަކު ދެގޮތަށް ވާހަކަ ނުދައްކާކަކަމަށާއި އަބަދުވެސް ވާހަކަ ދައްކަނީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް