އެއީ ނައީމައްތަގެވެސް ބުރިޖު، ނައީމައްތައަކީ ސީދާ ރަތްލާޖެހި އެމްޑީޕީ މީހެއް
ސިނަމާލެ ބުރިޖަށް އިއްޔެ އެތައް ހާސް ދިވެހިން އެރިއެއް ކަމަކު އަދި އެތައް ފޮޓޯއެއް ސޯޝަލް މީޑިއާގައި އެނބުރިއެއްކަމަކު އެންމެ ގިނަ މީހުންގެ ނަޒަރު ހުއްޓުނީ ބުރިޖު މަތީގައި، އެމްޑީޕީގެ މަޝްހޫރު އެކްޓިވިސްޓު ނައީމައްތަގެ ފޮޓޯތަކެވެ.
މިނިސްޓަރުންނާއި އަތާއި އަތް ގުޅާލައި ހިނގާފައި ދިޔަ މަންޒަރާއި ޕީޕީއެމް ސަޕޯޓަރުން ނައީމައްތައާއެކު ނަގާފައިވާ ސެލްފީތަކެވެ.
އެ ސެލްފީ ތަކާއި ފޮޓޯތައް ދައުރުކުރަމުން ރައީސް ޔާމީނަށް ތާއީދުކުރާ މީހުން ސޯޝަލް މީޑިއާގައި ބުނަމުންދިޔައީ ރައީސް ޔާމީންގެ ތަރައްގީ ފެނި ނައީމައްތަ "ރީނދޫ ފޮށާ އެއްލާލައިފި" ކަމަށެވެ.
ނަމަވެސް ވީޑިއޯއެއް މެދުވެރިކޮށް ނައީމައްތަ މިވަނީ އެކަމަށް ރައްދު ދީފައެވެ.
ސޯޝަލް މީޑިއާގައި ރެއިން ފެށިގެން ވައިރަލް ވެފައިވާ މި ވީޑީއޯގައި ނައީމައްތަ ބުނެފައިވަނީ ބުރިޖަށް ދިޔައީ އެއީ ނައީމައްތަގެވެސް ބުރިޖެއް ކަމަށްވާތީ ކަމަށެވެ. ބުރިޖު ހެދީ ނައީމައްތަވެސް ދެއްކި ޓެކްސް ފައިސާއިން ކަމަށެވެ.
"މިމީހުންނާއެކީ (އެމްޑީޕީ އަށް ނިސްބަތްކޮށް) މިއުޅޭ ގޮތަކަށް ނައީމައްތައަކަށް ނޫޅެވޭނެ އެހެންތާކު" ނައީމައްތަ އެ ވީޑިއޯގައި ބުނެފައިވެއެވެ.
ނައީމައްތަ ބުނެފައިވަނީ ފޮޓޯ ނެގޭނެ ކަމަށާއި ނައީމައްތަ ނުރުހުމެއް ނުދައްކާނެ ކަމަށެވެ. އަދި ހަމަ ހެޔޮ ހިތުން އެމީހުންނާ ވާހަކަ ދައްކާނަން ކަމަށާއި ނައީމައްތަ ޒާތީވެގެނެއް ނޫޅޭނެ ކަމަށެވެ.
"ނައީމައްތަގެ ފިކުރު އޮންނާނީ އެމްޑީޕީގެ ފިކުރު، ނައީމައްތައަކީ ވިކިގެންދާނެ މީހެއް ނޫން." ނައީމައްތަ އެ ވީޑިއޯގައި ބުނެފައިވެއެވެ.
ނައީމައްތަ އިތުރަށް ބުނެފައިވަނީ ނައީމައްތަ ފޮޓޯ ނަގާފަ ލާފަ މއެމީހުންނާއެކީ ހުރި މީހެކޭ ބުނެގެން ނުވާނެ ކަމަށާއި އެއީ ގޯހެއް ކަމަށެވެ. އަދި ނައީމައްތައަކީ ސީދާ ރަތްލާޖެހި އެމްޑީޕީ މީހެއް ކަމުގައިވެސް ނައީމައްތަ އެ ވީޑިއޯގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް