އިންސާފެއް ނުލިބުނު، ރިޟްވާންގެ އާއިލާއަށް އިތުރު ހިތްދަތިކަން

ރިޟްވާން ގެއްލުނުތާ ހަތަރު އަހަރު މިމަހުގެ 8 ވަނަ ދުވަހު ވާނެއެވެ. އޮގަސްޓް 8 އަންނަން ބާކީ 6 ދުވަސް އިންދާ ލިބިގެން މިދިޔައީ އިންސާފު ލިބުމަށް އެދި އިންތިޒާރުކުރަމުން ދާ ރިޟްވާންގެ އާއިލާއަށް ހިތްތަދ...

02 Aug 2018 | 13:36

ރިޟްވާން ގެއްލުނުތާ ހަތަރު އަހަރު މިމަހުގެ 8 ވަނަ ދުވަހު ވާނެއެވެ. އޮގަސްޓް 8 އަންނަން ބާކީ 6 ދުވަސް އިންދާ ލިބިގެން މިދިޔައީ އިންސާފު ލިބުމަށް އެދި އިންތިޒާރުކުރަމުން ދާ ރިޟްވާންގެ އާއިލާއަށް ހިތްތަދި ހަބަރަކެވެ. ރިޟްވާން ގެއްލުވާލި މައްސަލައިގައި ޙުކުމް މިއަދު ކްރިމިނަލް ކޯޓުން ކުރިއިރު އެމައްސަލާގައި ރިޟްވާން ގެއްލުވާލިކަމަށް ދައުވާކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެގެންދިޔައީއެވެ. އެހެންވީއިރު ރިޟްވާން ކޮބައިހެއްޔެވެ؟ ވީތަނެއް ނޭންގި އެކަމުގެ ޖަވާބު ހޯދަމުންދާ ރިޟްވާން ގެ އާއިލާއަށް މިއަދު މިއީ ހިތްދަތިކަން ގެނުވި ދުވަހެކެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުން އިނގޭ އެއްކަމެއް އެބައޮތެވެ. މިމައްސަލާގައި ފުލުހުންގެ އިހުމާލު އޮތްކަމެވެ. އެއީ މިހާތަނަށް އާއިލާއާއި ރިޟްވާންގެ ރަހުމަތްތެރިންވެސް ދައްކަމުން އައި ވާހަކައެވެ. ރިޟްވާންގެ މައްސަލާގައި ފުލުހުން އެކަށީގެންވާވަރަށް އެމައްސަލަ ނުބަލާކަމާއި އެކަމުގައި ފުލުހުންގެ އިހުމާލު އެބައޮތްކަމަށް ތަކުރާރުކޮށް ރިޟްވާން ގެ އާއިލާއިންނާއި ރަހުމަތްތެރިން އައީ ބުނަމުންނެވެ. ދައުލަތުގެ ފަރާތުން މިމައްސަލާގައި ރިލްވާން ކިޑްނެޕްކުރުމުގެ ދައުވާ އުފުލީ، ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރި ގޮތުގައި ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންގޮސްގެންނެވެ. ކްރިމިނަލް ކޯޓުގެ ޙުކުމުގައި ބުނެފައި ވަނީ ރިލްވާން ގެއްލުނު މައްސަލަ ތަހުގީގު ކުރުމުގައި ތަހުގީގީ އިދާރާއިން ދޫކޮލައިގެން ނުވާނެ މުހިންމު އިޖުރާއަތްތަކެއް ދޫކޮށްލައިފައިވާ ކަމަށެވެ. މިމައްސަލާގައި ދައުވާ ކުރާ ދެމީހުންނާއި ރިޟްވާން ވަގަށް ނެގުމާއި ސީދާ ގުޅުމަށްވާކަމަށް ސާބިތުވާން ޖެހޭ މިންވަރަށް ހެއްކާއި ގަރީނާ ދައުލަތުން ހުށަހަޅާފައި ނުވާތީ އަދި ތަހުގީގު ކުރާ ފަރާތްތަކުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކެއް ދޫކޮށްލާފައިވާތީ އާލިފް އާއި ނޫރުއްދީންގެ މައްޗަށް މައްސަލަ ސާބިތުނުވާކަމަށް ޙުކުމުގައި  ބުނެފައި ވެއެވެ.

މިއަދުގެ ހުކުމުން ލިބިގެންދިޔަ ހިތްދަތިކަމާއެކު ވާހަކަދައްކަމުން ރިޟްވާންގެ ދައްތަ ޝެހެނާޒު ބުނީ މިޙުކުމުގެ ސަބަބުން އިތުރަށް ހިތްދަތިކަން ލިބިގެން ހިނގައްޖެކަމަށެވެ. " މިހާބޮޑު ޖިނާޢީ ކުށެއް ކޮށްފައިވާއިރު އެކަމުގެ ތަޙްޤީޤު މިހާ ދޯދިޔާކޮށް ފުލުހުން ކޮށްފައިވާތީ އެކަމާ ހިތާމަކުރަން." ޝެހެނާޒް ބުންޏެވެ. އެހެންނަމަވެސް ރިޟްވާންގެ އާއިލާ އަދި އޮތީ މިކަމުގައި ދޫދޭގޮތަކަށް ނޫނެވެ. އެންމެ ފަހުވަގުތާ ހަމައަށްވެސް ރިޟްވާނަށް ވީ ގޮތް ހޯދުމުގައި އެއާއިލާއިން ކުރަމުން އަންނަ މަސައްކަތަށް ފަނޑު ކަމެއް ގެންނާކަށް އެއާއިލާއިން އަދި ބޭނުމެއް ނުވެއެވެ. ޝެހެނާޒް ބުނީ މި ޙުކުމް ބަލައިނުގަންނަކަމަށާއި ހުކުމް އިސްތިއުނާފްކުރުމަށް އެދޭނެކަމުގައެވެ. އަދި މިކަމުގައި އިހުމާލުވެފައިވާތީ ފުލުހުންނާމެދު ދައުވާ ކުރާނެކަމަށް ޝެހެނާޒް ބުންޏެވެ.

ރިޟްވާނަށް ވީ ނުވީއެއް ނޭންގި ގެއްލިފައިވާތީ އިންސާފު ހޯދައިދިނުމަށް މިހާތަނަށް އާއިރު ތަފާތު އެކި ހަރަކާތްތައް ވަނީ ހިންގާފައެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް މިމައްސަލަ ރަނގަޅަށް ތަހްޤީޤުކޮށް އިންސާފު ހޯދައިދިނުމަށް ރިޟްވާންގެ އާއިލާއިން ވަނީ އެދިފައެވެ. މީގެއިތުރުން މިމައްސަލާގައި މަގުމަތީގައި އަޑުއުފުލުމަށް ހިންގި އެއްވެސް ހަރަކާތަކަށް ފުލުހުންގެ ހުރަސް އެޅުން ނެތި ކުރިޔަށް ގެންދެވިފައި ވީ ތަން ފެނިފައިވަނީ މަދު ފަހަރެއްގައެވެ. އެކި ހަރަކާތްތަކުގައި ރިޟްވާންގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ މެމްބަރުން ބައިވެރިވެފައިވާއިރު އެ މީހުންގެ މޫނުމަތިން ފެނިފައިވަނީ މާޔޫސްކަމާއި ހިތްދަތިކަމެވެ. ރިޟްވާންގެ އާއިލާއާއި ރަހުމަތްތެރިން މިކަމުގައި ކެނޑިނޭޅި އަޑުއުފުލަމުން ދާއިރު މިއަދަކީ ރިޟްވާންގެ ރަހުމަތްތެރިންނަށްވެސް މިކަމުގައި ހިތްދަތިކަން ގެނުވި ދުވަހެކެވެ.

ސޯޝަލް މީޑިޔާގައި ރިޟްވާންގެ ރަހުމަތްތެރިންނާއި އޭނާއަށް ހެޔޮއެދޭ މީހުން އަންނަނީ އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. ރިޟްވާނަށް ވީ ގޮތެއް ފުލުހުންނަށް ބުނެދެވިފައިނުވާއިރު މިމައްސަލާގައި ޝާމިލްވާކަމަށް ތުހުމަތުކުރާ ދެ މީހުންގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ހުށަނޭޅި އެ މީހުން ސަލާމަތްވެގެންދިޔުމަކީ މުޖުތަމަޢުއަށް އޮތް ބިރެއްކަމަށް އެއްބަޔަކު ސިފަކޮށްފައިވާއިރު އަނެއް ބަޔަކު ދެކެނީ  ފުލުހުން އަސްލު މައްސަލަ އޮއްބާލީ ކަމުގައެވެ. އަދި މިމައްސަލާގައި އެމީހުން ފަހަތަކަށް ނުޖެހޭނެކަމަށާއި އިންސާފު ލިބެންދެން މަސައްކަތް ކުރާނެކަމަށް އޭނާގެ ރަހުމަތްތެރިން އަންނަނީ ބުނަމުންނެވެ.

ރިޟްވާން ވަގަށް ނަގަން ޖެހޭ ސަބަބެއް، ރިޟްވާން ވީ ތަނެއް، ރިޟްވާނަށް ހެދި ގޮތެއް ފުލުހުންނަށް މިހާތަނަށް އާއިރުވެސް ބުނެދެވިފައެއް ނުވެއެވެ. އެހެންކަމުން މިމައްސަލާގައި މި ސުވާލުތަކުގެ ޖަވާބު ލިބެންދެން ރިޟްވާނަށް އިންސާފު ލިބެންދެން އެމީހުންގެ އަޑު އުފުލާނެކަމަށާއި ކުރެވެން ހުރި ކަމެއް ކުރާނެކަމަށް ރިޟްވާންގެ އާއިލާއާއި ރަހުމަތްތެރިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް