ރައްޔިތުން ކެންޑިޑޭޓުންނާ ކުރަން ބޭނުންވަނީ ކޮން ސުވާލެއް؟

މިދުވަސްވަރު ރާއްޖޭގެ ސިޔާސީ މަޝްރަހުން އެންމެ ގަދައަށް އަޑުއިވެނީ ޖަވާބު ދޭންޖެހޭ ސުވާލުތަކެއްގެ ވާހަކައެވެ. މިވާހަކަތައް މިހާ ބާރަށް ދެކެވެން މިފެށުނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވު...

02 Aug 2018 | 08:12

މިދުވަސްވަރު ރާއްޖޭގެ ސިޔާސީ މަޝްރަހުން އެންމެ ގަދައަށް އަޑުއިވެނީ ޖަވާބު ދޭންޖެހޭ ސުވާލުތަކެއްގެ ވާހަކައެވެ. މިވާހަކަތައް މިހާ ބާރަށް ދެކެވެން މިފެށުނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ކުރިމަތިކުރެއްވި ސުވާލުތަކަކާއެކުއެވެ. އެއީ ސުވާލުތަކެއްވެސް ނޫނެވެ. ސުވާލު ފައްޗެކެވެ. ސުވާލުތައް ގުޅިފައި ހުރީ އެމްޑީޕީ ސަރުކާރުގައި ހިނގާފައި ހުރި ކަންކަމާއެވެ.

ރައީސް ޔާމީން ވިދާޅުވަނީ އެކަންކަމަށް އިބޫ ޖަވާބު ދެއްވަންޖެހޭނެ ކަމުގައެވެ.  އެއީ އިބޫ އަކީ އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަށް ވާތީ ކަމަށް ރައީސް ދެކެވަޑައިގަންނަވައެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި އެކަންކަން ހިނގާފައިވުމާއި، އޭގެ ފަހުން ވެސް އެ ޕާޓީގެ ގައުމީ މަޖިލީހަށް ބަދަލު އައިސްފައި ނުވުންވެސް އެއީ އެ ސުވާލުތަކަށް އިބޫ ޖަވާބު ދެއްވަން ޖެހޭ ސަބަބުކަމަށް ރައީސް ޔާމީން ދެކެވަޑައިގަންނަވައެވެ. މީގެއިތުރުން އެމްޑީޕީގެ ފިކުރަށް ބަދަލު އައިސްފައި ނުވުމަކީ އިބޫ އެކަންކަމަށް ޖަވާބު ދެއްވަން ޖެހޭ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން މި ސުވާލުތައް އިބޫ އާ އަމާޒުކުރެއްވުމާއެކު ސަރުކާރާއި، އިދިކޮޅު ފަރާތްތަކުންވެސް ބަދަލުކުރަމުންދަނީ ސުވާލުތަކަކާއި ސުވާލުތަކުގެ ޖަވާބުތަކެކެވެ.

ރައީސް ޔާމީން ކުރެއްވި ސުވާލުތަކަށް އިބޫ ދެއްވާނެ ޖަވާބަކަށް ޕީޕީއެމްގެ މެމްބަރުން ވަރަށް އިންތިޒާރުކުރާ ހެން ހީވެއެވެ. އެއީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ދެ ފަހަރެއްގެ މަތިން އެ ސުވާލުތަކުގެ ޖަވާބު ދެއްވުމަށް އިބޫގެ އަރިހުން އެދިވަޑައިގެންފައި ވާތީއެވެ.  ޕީޕީއެމްގެ " ނަޔާ ޖަގަހަ 2" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ އިބޫ ވައުދުވެވަޑައިގަތުން ހުއްޓާލަން ޖެހޭކަމަށާއި އެއީ ވައުދުތައް ނުފުއް ދެވޭނެތީ ކަމަ ށެވެ. އަދި ރައީސް ޔާމީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަށް އަބްދުއްރަހީމް ވަނީ ގޮވާލައްވާފައެވެ. އޭގެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންވެސް އަބްދުއްރަހީމް ވަނީ އިބޫ އެސުވާލުތަކަށް ޖަވާބު ދެއްވުމަށް އެދި ވަޑައިގެންފައެވެ.

ސުވާލުތަކަށް ޖަވާބު ދެއްވުމާ ގުޅޭގޮތުން އިބޫ ވިދާޅުވަނީ އެސުވާލުތަކުގެ ޖަވާބު ރައްޔިތުން ނިކުމެ ސެޕްޓެމްބަރ 23 ގައި އޮންނަ ވޯޓުގައި ދޭނެކަމުގައެވެ. އިބޫ ވިދާޅުވަނީ މިސަރުކާރުގެ ކަންކަން ހުރިގޮތާއި އެމްޑީޕީ ސަރުކާރުގައި ކަންކަން ހުރިގޮތް ރައްޔިތުންނަށް އިނގޭކަމަށެވެ. އެހެންވީމާ ރައްޔިތުން ނިކުމެ އެކަން ވޯޓުން ދައްކާނެކަމަށް އިބޫ ވިދާޅުވިއެވެ. ސުވާލުތައް މާގިނައިން އަމާޒުވާތީ އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ތަރުޖަމާން އަދި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރ މާރިޔާ އަހުމަދު ވިދާޅުވީ އެމްޑީޕީން ކޮށްދިނީ ހެޔޮވެރިކަމެއް ކަމުގައެވެ.

ކޮންމެ އަކަސް ރައީސް ޔާމީންގެ މި ސުވާލުތަކާއެކު ދެ ކޮޅުން ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. ކޮންމެ ބަޔަކުވެސް އެބަޔަކަށް ރަނގަޅަށް ކޮށްދެވިފައި ހުރި ކަންކަމާ އަނެއް ބަޔަކަށް ގޯސްކޮށް ކުރެވިފައި ހުރި ކަންކަމުގެ ވާހަކަތަކުން ރައްދު ދެމުންދަނީއެވެ. މީގެ މެދުގައި ތާށިވެފައި މިތިބީ ރައްޔިތުންނެވެ. ރައީސް ޔާމީން ކުރެއްވި ސުވާލުތަކަކީ ގިނަ ރައްޔިތުންތަކެއް އިދިކޮޅު ކޯލިޝަނާއި ވަކިން ޚާއްސަކޮށް އެމްޑީޕީއާއި ކުރިމަތިކުރުވަން ބޭނުންވާނެ ސުވާލުތަކެކެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަކީ އެމްޑޕީގެ ބޭފުޅަކަށް ވުމާއެކުއެވެ. އަދި ކުރިން އެ ސިޔާސަތުތައް ހުރި ގޮތަށް އެއްވެސް ބަދަލެއް އައިސްފައި ހުރިތޯވެސް ރައްޔިތުން ބަލަން ބޭނުންވާނެއެވެ. އެހެންނަމަވެސް އޭގެ އަނެއް ކޮޅުވެސް އެބައޮތެވެ. އަނެއް ކޮޅުން ނިކުންނަން ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އެވެ. ދައްކަން އޮތީ މިސަރުކާރުން ފާއިތުވި ދުވަސްތަކުގައި ކަންކަންކޮށްފައި އޮތްގޮތެވެ.

އެކަންކަމަށް ރައްޔިތުން ޖަވާބު ބޭނުންވާނެއެވެ. އެހެންކަމުން ކޮންމެ ބަޔަކުވެސް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުން ކިހިނެއްވާނެތޯއެވެ؟ ކުރިޔަށް އޮތް ފަސް އަހަރަށް ރައްޔިތުންނާ ހަވާލުވާން އަންނަ މީހެއް ގެންގުޅޭނެ ސިޔާސަތުތަކާއި ކުރިން ގެންގުޅުނު އަދި ބަދަލުކުރާނެ ސިޔާސަތުތަތަކީ ކޮބައިކަން ބަލަން ރައްޔިތުން ބޭނުންވާނެއެވެ. އެހެންކަމުން ސުވާލުތަކަށް ރައްޔިތުންނަށް ހުޅުވާލާ އެ ސުވާލުތަކުގެ ޖަވާބު ސީދާ ކެންޑިޑޭޓުން ރައްޔިތުންނަށް ދިނުން ކިހިނެއްވާނެބާ؟ ވޯޓު ލާން ދަނީ ރައްޔިތުންނެވެ. ސިޔާސަތުތައް ހަދަނީ ރައްޔިތުންނަށް ޓަކައެވެ. އެހެންކަމުން ރައްޔިތުން ކުރާނެ ސުވާލެތަކެއް ހުންނާނެއެވެ. އެސުވާލުތަކަކީ ސިޔާސީ މީހުން ކުރާ ސުވާލުތަކާއި ތަފާތު ސުވާލުތަކަށް ވެދާނެއެވެ. އެފުރުސަތު ދޭނީ ކޮން ކެންޑިޑޭޓެއް ތޯއެވެ؟ އެ ސުވާލުތަކުގެ ޖަވާބު ދޭނީ ކޮން ކެންޑިޑޭޓެއްތޯއެވެ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް