މި ދުވަސްވަރަކީ ރިޔާސީ ކެންޑިޑޭޓުންގެ ވައުދުތަކުން އާއްމު ރައްޔިތުންގެ ހިތްތައް ފަތަހަކޮށްލުމަށް މަސައްކަތްކުރަމުންދާ ދުވަސްވަރެވެ. ރައްޔިތުންގެ ކުރިމަތީގައި ތިމާގެ މޮޅުކަން ދެއްކުމަށް އެއް ކެންޑިޑޭޓަކު ދަނީ އަނެއް ކެންޑިޑޭޓާއި ވެސް ސުވާލުކުރަމުންނެވެ. ހަގީގަތަކީ ކެންޑިޑޭޓުންނާއި ސުވާލުކުރުން އެއްމެ އައުލާކަންބޮޑީ ދިވެހި ރައްޔިތުންނެވެ.
ވިސާނާށެވެ. ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ދައްކާ ގޮތުން ދިވެހި ސިވިލްސާވިސްގައި 22082 ( ބާވީސް ހާސް އައްޑިހަ ދެ ) މުވައްޒަފުން ދަނީ ހިދުމަތްކުރަމުންނެވެ. އެހެންނަމަވެސް ހިތާމައަކީ މީގެ ތެރެއިން 47 ޕަސެންޓް މީހުން ނުވަތަ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށް މަހެއްގެ މައްޗަށް ލިބެނީ 5000 ރ އަށް މަދުންނެވެ. މީ ރާއްޖޭގެ އެއްވެސްތަނެއްގައި ވަކިން ޚާއްސަކޮށް މާލޭގައި ދިރިއުޅެވޭނެ ވަރެއް ނޫނެވެ. އެކަނި އެކަކަށް މި އާމްދަނީން ނޫޅެވޭނެއިރު އަމުދުން އާއިލާއެއް ބަލަހައްޓާނީ ކިހިނެއްހެއްޔެވެ.
މީ ދިވެހި ރައްޔިތުންނަށް ހައްގުމިންވަރެއް ނޫނެވެ. ރިޔާސީ ކެމްޕޭނާއި ދިމާކޮށް ދައްކަންވީ ވާހަކައަކީ މީއީއެވެ. ނިކެމެތި ރައްޔިތުންގެ ދިރިއުޅުމަށް ފަހުކަމެއް އާރޯކަމެއް ގެނެވޭނީ ކިހިނެއްތޯއެވެ. ސިވިލްސާވިސް ކޮމިޝަނުގެ މެމްބަރުން ވަކިން ޚާއްސަކޮށް އެ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު މިކަމާއި ލަދުގަންނަންޖެހެއެވެ. އިންސާނީ ހައްގުތަކޭ ކިޔައިގެން ޑރ. އަލީ ޝަމީމު ވާހަކަދެއްކެވި ޒަމާނުގައި ވަރަށް އުފާވެއެވެ. އެހެނަސް މިއަދު އެ ހަނދާނެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބޮޑު މުސާރަ ނަގައިގެން އަނެކާގެ މުސާރަ އާއި އިނާޔަތްތައް ކުޑަކޮށްލަށް 'ގްރީން' އަށް ފިއްތާލަ ފިއްތާލަ ތިބެނީއެވެ. މި ރާއްޖޭގެ އެއްވެސް ރައީސަކު މިހާތަނަށް ސިވިލް ސާވިސް އަށް ހައްގު މިންވަރު ދެއްވާފައެއް ނުވެއެވެ. މާޒީގަ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. މިހާރުގެ ރައީސަށް ވެސް ސިވިލްސާވިސް މުވައްޒަފުގެ ހިތަށް އުފާލާއި ހިތްހަމަޖެހުން ގެނެސްދޭން ރިޔާސީ ދައުރެއް ލިބިއްޖެއެވެ. އެހެނަސް އެދެވޭ ނަތީޖާއެއް ނުނުރެވެއެވެ.
ރިޔާސީ ހުރިހާ ކެންޑިޑޭޓުންނޭވެ. ތިޔަ ބޭފުޅުން ޖަވާބު ދެއްވާށެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ލިބިއްޖެނަމަ ސިވިލް ސާވިސް މުވައްޒަފުންނަށް ވަކިން ޚާއްސަކޮށް އެއްމެ މަދުން މުސާރަ ލިބޭ މުވައްޒަފުންނަށް ކޮށްދޭނީ ކޮންކަމެއްތޯ ވިދާޅުވެދެއްވާށެވެ. ވޯޓްގެ ވާހަކަ ދައްކާނީ އޭގެ ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް