ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲ ފޮރުވައިގެން ގެންގުޅުނު ނަމަ އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ވިދާޅުވީ ޝައިމް ފިލައިގެން އުޅުނު މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި، އެ ތަހުގީގުގައި ބަޔަކު އޭނާ ފޮރުވައިގެން ގެންގުޅުނުކަން ފާހަގަކުރެވިއްޖެ ނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް، 14، ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ. އަދި އެ ކުއްޖާ ހޯދަން ފުލުހުން އާންމުކޮށް އިއުލާންކުރީ މިދިޔަ މަހުގެ 20 ގަ އެވެ. އެ އަށް ފަހުން ތިން ގެއެއް ބަލާ ފާސްކޮށްފައި ވެ އެވެ.
ކޯޓު އަމުރެއްގެ ދަށުން ގަދަބާރުން ވަދެގެން ފުލުހުން އިއްޔެ މެންދުރު ދޭއް ޖަހާކަން ހާއިރު ޝައިމް ހޯދީ މާލޭގެ ގެއަކުންނެވެ. ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނާތީ ވަގުތީ ގޮތުން އޭނާ ހުރީ ފުލުހުންގެ ރައްކާތެރިކަމުގެ ދަށުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް