ކޮލަމް: މުޅިން ސަކަރާތް
ފޭސް ބުކުން ފެނުނު ފޮޓޯއެކެވެ. އެ ފޮޓޯގައި މިނިސްޓަރ ޢާތިފާ ޝުކޫރު ހުއްޓި ވަޑައިގެން ހުންނެވީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޙަރަކާތެއް ކަމުގައިވާ '' ހުނަރުވެރިން 2019 '' ގެ ފަރާތުން ބަޔަކު ދައްކާލައްވާފައިވާ މުހިންމު ހުނަރުތަކެއް ބައްލަވާ ލައްވަވާށެވެ. އުފާވެރި މަންޒަރެކެވެ. އެހެނަސް އަޅުގަނޑުގެ ނަޒަރު ގޮސް ހުއްޓުނީ އެ ފޮޓޯގެ ފަހަތުގައި ލިޔެލާފައިވާ ޢިބާރަތް ކޮޅަށެވެ. '' އުވިގެންދާ ސަގާފީ މަސައްކަތް ދިރުވާ އާލާ ކުރުމާ ބެހެގޮތުން'' ލިޔެފައިވާ ޢިބާރާތަށެވެ.
ތެދެކެވެ. މިއަދު އަޅުގަނޑުމެންނަށް ޖެހިފައި މިވަނީ އަޅުގަނޑުމެންގެ ފަޚުރެއް ކަމުގައިވާހާ، އަދި އެކަމަކުން އަޅުގަނޑުމެންނަށް ރީތިނަމެއް ލިބިދާނެހާ ކަންކަން އަލުން ބަލުން އާލާކޮށް ދިރުވާށެވެ. ސަޤާފީ ކަންކަން އާލާކޮށް ދިރުވޭތޯ ބަލާށެވެ. ދިވެހި ބަސް އާލާ ކޮށް ދިރުވޭތޯ ބަލާށެވެ. އިސްލާމްދީން އާލާކޮށް ދިރުވެތޯ ބަލާށެވެ. ރީތި އާދަތަކާއި އަދަބު އަޚްލާޤު އާލާކޮށް ދިރުވޭތޯ ބަލާށެވެ. އިސްލާމީ ޔުނިވަރސިޓީ އާލާކޮށް ދިރުވޭތޯ ބަލާށެވެ. ޝަރުޢީ ދާއިރާ އާލާކޮށް ދިރުވޭތޯ ބަލާށެވެ. ޙައްޖުގެ އަޅުކަން ފަސޭޙަ ގޮތަކަށް އަދާކުރެވޭނެގޮތެއް އާލާކޮށް ދިރުވޭތޯ ބަލާށެވެ. މަގުމަތީގެ ހަމަ ނޭވާލައިގެން ހިނގާބިނގާ އުޅެލެވޭނެގޮތެއް އާލާކޮށް ދިރުވޭތޯ ބަލާށެވެ. ރޯމާ ދުވާލު ވެސް ކުރަމުންދާ ވައްކަމާއި ފޭރުމުން ސަލާމަތްކަން ލިބޭތޯ އާލާކޮށް ދިރުވޭތޯ ބަލާށެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހަކު ނެތް ދެތިން ޢާއިލާއެއް ރާއްޖޭގައި ހުރިތޯ ބަލާ އާލާކޮށް ދިރުވާށެވެ. ފްލެޓާއި ގެދޮރު ހުވަފެނުންނަމަވެސް ޙައްޤުވެރިންނަށް ލިބޭނެގޮތެއްވޭތޯ އާލާކޮށް ދިރުވާށެވެ. ކަރަންޓް ބިލުގެ ސައިޒު ނަމަވެސް ކުޑަކުރެވޭނެ ގޮތެއް އާލާކޮށް ދިރުވޭތޯ ބަލާށެވެ. މޯބައިލް ފޯނާ އިންޓަރނެޓއި ދުއްވާ ސައިކަލާއި ކާރު އާކުރުމަށް މަރެއް ކަމުގައި ވިޔަސް ޒަމާނީ ނުވާ އަޅުގަނޑުމެންގެ ވިސްނުމާއި އުޅުމާއި ގުޅުން ތަރައްޤީ ކުރެވޭތޯ ބަލާ އާލާކޮށް ދިރުވާށެވެ.. ރާއްޖެއިން ފިލައިގެން ގޮސް އުޅޭ ބޮޑެތި ޚާއިނުން އަނބުރާ ގެނެސް ޙައްޤުވާ އަދަބުދެވޭނެ ގޮތްތައް އާލާކޮށް ދިރުވާށެވެ. ބޭރުމީހުން މުޅި ޤައުމުގައި ދިވެހިންނަށް ވުރެ ގިނަވެފައި ވާތީ ބޭރުމީހުން މަދުކުރެވޭތޯ އާލާކޮށް ދިރުވާށެވެ. ދެން ސަލާމަތެއް ނެތެއް ނޫން ހެއްޔެވެ!
ކޮންމެ ދިމާއަކުންވެސް މި ފެންނަނީ ހެޔޮ ރަނގަޅު ކަންތައް ނެތި ދާތަނެވެ. ދިވެހިންގެ ތެރޭގައި އޮތް ރީތިހާ އާދައެއް ނެތި ދާތަނެވެ. ދާ ތަނެއް ނޭނގެއެވެ. އެހެނަސް އެ ރީތީ އާދަތައް ފެންނާކަށް ނެތެވެ. ރީތި އާދަތައް އުވިގެން ހިނގައްޖެއެވެ. ސަޤާފީ ކަންކަން އުވިގެން ހިނގައްޖެއެވެ. އަމާނަތްތެރިކަން އުވިގެން ހިނގައްޖެއެވެ. އިޚްލާޞްތެރިކަން ނެތި ހިނގައްޖެއެވެ. ފަންނުވެރިކަން މަދުވެއްޖެއެވެ. މަސްތުވާތަކެތި ގިނަ ވެއްޖެއެވެ. ހަމަގައި ތިބޭ މީހުން މަދުވެއްޖެއެވެ. ރިޝްވަތު ޢާންމު ވެއްޖެއެވެ. ތެދުވެރިން މަދުވެއްޖެއެވެ. ވަޒީފާތަކުގައި ނާޤާބިލް މީހުން ގިނަވެއްޖެއެވެ. ކުރެވޭ މަސައްކަތްތައް މަދުވެއްޖެއެވެ. ކިޔަވައިގެން ޑިގްރީތައް ގިނަވެއްޖެއެވެ. ވަޒީފާތައް މަދުވެއްޖެއެވެ. ފާޙިޝް ޢަމަލުތައް އިންތިހާއަށް ގިނަވެއްޖެއެވެ. ހެޔޮލްފާ މީހުން މަދުވެއްޖެއެވެ.
ދެން އިތުރު ވާހަކައެއް ނުދައްކާ ނިންމާލާނަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް