ޕްރޮފެޝަނަލް ގޭންގަކުން ދަތުރު ހަދާފައި ގޮސް މަގޫދޫން ވަގަށް ނެގި ތިޖޫރީގައި ތިން ހާސް ރުފިޔާ !

އިއްޔެ ރޭ ދަންވަރު ވަގުތު ފ. މަގޫދުއަށް ބަޔަކު އަރައި އެ ރަށު ކައުންސިލް އިދާރާގައި ސެކިއުރިޓީ ގާޑު ބަނދެ އެ އިދާރާގެ ތިޖޫރި ވަގަށް ނެގި މައްސަލައިގާ ޖުމްލަ ނުވަ މީހަކު ހައްޔަރުކޮށްފިއެވެ. މިއަދު ފުލު...

02 Jul 2019 | 05:13

އިއްޔެ ރޭ ދަންވަރު ވަގުތު ފ. މަގޫދުއަށް ބަޔަކު އަރައި އެ ރަށު ކައުންސިލް އިދާރާގައި ސެކިއުރިޓީ ގާޑު ބަނދެ އެ އިދާރާގެ ތިޖޫރި ވަގަށް ނެގި މައްސަލައިގާ ޖުމްލަ ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.

މިއަދު ފުލުހުން ބުނެފައިވާގޮތުގައި ކައުންސިލް އިދާރާގެ ގާޑު ބަނދެ އެ އިދާރާގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ތިޖޫރި ފަޅާލައި ފައިސާ ވަގަށްނަގާފައިވާ މައްސަލައިގެ ތުހުމަތުގައި ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

"މި މީހުން ހައްޔަރުކޮށްފައިވަނީ މަގޫދޫ ކައިރިން ޑިންގީއަކާއި ދޯންޏެއްގައި ދަނިކޮށް ކަނޑުމަތިން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދެމީހަކާއި 24 އަހަރުގެ ދެމީހަކާއި 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ފިރިހެނުންނެވެ.

ދުވަހަށް އެނގިފައިވާގޮތުގައި މި މީހުންނަކީ ޕްރޮފެޝަނަލް ވަގުންގެ ގޭންގެކެވެ. މި މީހުން މަގޫދޫ ތިޖޫރި ނަގަން ގޮސްފައިވަނީ މާލެއިން ކަން ނުވަތަ ނޫންކަން އަދި ކަށަވަރުވާގޮތެއް ވަނީ އަދި ނުވެފައެވެ. ނަމަވެސް ކަށަވަރު ކުރެވިފައިވާގޮތުގައި އެ ތިޖޫރި ވަގަށް ނެގި އިރު އެ ތިޖޫރީގައި ހުރީ ގާތްގަނޑަކަށް ތިން ހާސް ރުފިޔާ ނުވަތަ އެއަށްވުރެވެސް މަދުންނެވެ.

މި މައުލޫމާތާއެކު ދުވަހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުން  ވިދާޅުވީ މަގޫދޫ ތިޖޫރި ފަޅާލި މައްސަލައިގަ ހައްޔަރުކޮށްފައިވާ ގިނަ މީހުން ނިސްބަތްވަނީ މާލެއަށް ކަމަށެވެ. އެމީހުން ހައްޔަރުކުރި އިރު ދަތުރު ކުރަމުންދިޔަ ޑިންގީ އަކީ ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ޑިންގީއެއްކަން މިހާތަނަށް ތަހުގީގަށް ވަނީ ފާހަގަ ކުރެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައިގާ ހައްޔަރުކޮށްފައިވާ ނުވަ މީހުންގެ ބަންދަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް