ށ. ކަނޑިތީމުގައި ސަރުކާރުން ހެދި ބަނދަރު ރަސްމީކޮށް ހުޅުވައިފި އެވެ.
މި ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވީ ށ. އަތޮޅަށް މިއަދު ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނެވެ.
ކަނޑިތީމުގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި ބޭނުންކުރަމުންދިޔަ ބަނދަރު 710 ފޫޓަށް ދިގުކޮށް، 300 ފޫޓަށް ވަނީ ފުޅާކޮށްފައެވެ. އަދި ކަނޑިތީމުގައި ބޮޑުހިލައިގެ ކަނޑުތޮއްޓަކާއި، ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖަހާފައިވެއެވެ.
ބަނދަރާ އިންވެގެން ދުވާރެއްވެސް ހަދާފައިވާއިރު، ބަނދަރު ސަރަހައްދު ދިއްލުމަށް ބޭނުންވާ މަގުބައްތިތައްވެސް މި މަޝްރޫއުގެ ދަށުން ހަރުކޮށްފައިވެއެވެ.
ކަނޑިތީމުގެ ބަނދަރު ހެދުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 46 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުއެވެ. އެ މަސައްކަތް ނިންމާލާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ.
ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ކަނޑިތީމަށް އެކަނި 105 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް