އިބޫ އާއި އެކު އުދާސްތައް ފިލައިފި: ރައީސް ޔާމީން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސުމުން އުދާސްތައް ފިލައި ހިނގައްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ބިލެއްފަހީ ރައްޔިތ...

02 Jul 2018 | 10:10

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސުމުން އުދާސްތައް ފިލައި ހިނގައްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ބިލެއްފަހީ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ޓިކެޓު ވަކި ބޭފުޅަކަށް ދޭން ޖެހިގެން އުފެދިފައި އޮތް ހަމަނުޖެހުމާއި އުދާސްތައް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހަމަޖެއްސުމާ އެކު ފިލައިގެން ހިނގައްޖެ ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސުމުން އުފާފުޅު ކުރައްވާ ކަމަށާއި އެ ނިންމުމަކީ އެމްޑީޕީގެ އިތުރުން ގައުމަށް ވެސް ހަމަޖެހުން ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ވަނީ އިބޫއަށް މަރުހަބާ ވިދާޅުވެ ސިޓީފުޅެއްވެސް ފޮނުވާފައި އެވެ. އެ ސިޓީގެ ތަފްސީލް ރައީސް އޮފީހުން ހާމަކޮށްފަ އެއް ނުވެ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް އިތުރަށް ވިދާޅުވީ މި ރަނގަޅު ނިންމުމާއި އެކު އިތުރު ތަކުލީފެއް ރައްޔިތުންނަށް ނުޖައްސާ އެމްޑީޕީވެސް ކެމްޕެއިނައިގެން ކުރިޔަށް ދާންވީ ކަމަށެވެެ. އެގޮތުން ޕީޕީއެމް އާއި އެމްޑީޕީ ކުރާ ކަންކަމަކީ ރައްޔިތުންނަށް އުނދަގޫވާ ކަންތައްތަކަކަށް ވެގެން ނުވާނެ ކަމަށެވެ. ރައްޔިތުންނަށް އުނދަގޫ އުފުލަން ނުޖެހޭ އަދި ގެއްލުން ނުވާ ގޮތަށް ކެމްޕޭން ކުރަން ޖެހޭ އަނެއް ސަބަބަކީ، އިންތިޚާބަށް ފަހު ރައްޔިތުންނަށް ގެއްލުންތަކެއް ލިބިއްޖެ ނަމަ އެކަން އާރާސްތުކުރަން އަނެއްކާވެސް އެތައް އަހަރެއް ހޭދަވެ ފައިސާ އާއި އެތައް ވަގުތެއް ވެސް ހޭދަވާނެ ކަމަކަށް ވާތީ ކަަމށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ޕީޕީއެމުން ވެރިކަމާ ހަވާލުވިއިރު ގައުމުގައި އޮތީ މުޅިން ވެސް ހަމަނުޖެހުމެވެ. އެކަމަކު، އެކަން ބަދަލުކޮށް ގައުމުގައި މިހާރު އޮތީ ތަރައްގީގެ މަޝްރޫއުތަކާ އެކު ހަމަޖެހުން ކަމަށް ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި އިބޫ ކަނޑައަޅާފައިވާއިރު ރަނިން މޭޓަކީ ޖޭޕީއަށް ނިސްބަތްވާ ކެންޑިޑޭޓެކެވެ. އެކަމަކު ޖޭޕީގެ ފަރާތުން ރަނިން މޭޓަކަށް ނެރޭ މީހަކު އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް