ރާއްޖެ އެތެރެކުރަން އުޅުނު 17 ކިލޯ ހަޝިޝް އޮއިލް އާއެކު މިދިޔަ މަހު ކުރީކޮޅު އިންޑިއާއިން ތިން ދިވެއްސަކު ހައްޔަރު ކޮށްފައިވާއިރު ހަމަ މި މައްސަލައިގާ އިތުރު ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.
އިންޑިއާ ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައިގާ އިއްޔެ ހައްޔަރު ކޮށްފައިވަނީ އުމުރުން 22 އަހަރުގެ އަމްހަރް ރަޝީދު ކިޔާ ތިނަދޫ މީހެކެވެ. މީގެ ކުރިން ހައްޔަރުކޮށްފައިވަނީ އައިމަން މުހައްމަދު އާއި އިބްރާހިމް ފައުޒަން ސާލިހް އާއި ޝާނީޒް މާހިރު އެވެ.
އަމްހަރަކީ މަސްތުވާތަކެތީގެ ބައިނަލްއަގްވާމީ ރެކެޓެއްގެ މެމްބަރެއް ކަމަށާއި އަތުލައިގަތް މަސްތުވާތަކެތި ގަނެ ތުރިވަނަންތަޕޫރަމްގައި އޭނާ ކުއްޔަށް އުޅުނު ގޭގައި އެ މަސްތުވާތަކެތި ރައްކާކޮށްގެން ގެންގުޅުނު ކަމަށެވެ. އަދި އަނެއް ތިން މީހުންނާއި އެ މަސްތުވާތަކެތި ހަވާލުކުރީ އަމްހަރު ކަމަށް ބުނެފައި ވެ އެވެ.
އިންޑިއާގެ ނާކޮޓިކްސް ސެލް އެސިސްޓެންޓް ޝީން ތަރަޔިލް އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވާގޮތުގައި ކުރިން ހައްޔަރުކުރި އައިމަން އަކީވެސް ތިނަދޫ މީހެއް ކަމުން އެ ދެމީހުންނަކީ އެކަކު އަނެކަކަށް ދަންނަ ދެމީހުން ކަމަށެވެ. އަދި އަމްހަރު އަތުލައިގަތީ ރާއްޖެއަށް ފުރަން އުޅެނިކޮށް ކަމުގައިވެސް އޭނާ ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް