ށ. ބިލެއްފަހީގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް މިކަން އިއުލާނު ކުރެއްވީ އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ބިލެއް ފަހީގައި އެއާޕޯޓެއް އަޅަން ނިންމި އިރު އެ ރަށާއި މާ ދުރުނޫން ހިސާބެއް ކަމަށްވާ ހދ. ކުޅުދުއްފުށީގައި ސަރުކާރުން ގެންދަނީ އެއާޕޯޓެއް އަޅަމުންނެވެ. އަދި ށ. ފުނަދޫގައިވެސް ދަނީ އެއާޕޯޓެއް އަޅަމުންނެވެ. މީގެ އިތުރުން ހދ. ހަނިމާދޫގައިވެސް އެއާޕޯޓެއް އޮވެ އެވެ.
މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ބިލެއްފަހީގައި އެއާޕޯޓުއެޅުމަށް ބޭރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ކުންފުންޏެއް ކަމެއް ހާމައެއް ނުކުރައްވައެވެ. ރައީސް ޔާމީން ވިދާޅުވީ އެ ކުންފުނީގެ ބޭފުޅުންނާއި އެކު އަންނަ ހަފްތާގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެ ރަށަށް ވަޑައިގެންނަވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ރަށުގައި 400 މީހުން ދިރިއުޅުނަސް ބިން ހިއްކުން ފަދަ މަޝްރޫއުތަކާ އެކު ރައްޔިތުންނަށް ތަރައްގީ ބޭނުންވާ ކަމަށެވެ. ގުދުރަތީ ވަސީލަތްތަކަކީ ބިލެތްފަހީގައި ތަރައްގީ އަށް ފަހި ފުރުސަތުތަކެއް ކަމަށާއި އެ ވަސީލަތުގެ ބޭނުން ސަރުކާރުން ހިފާނެ ކަމަށް ވިދާޅުވި އެވެ.
އެ ފުރުސަތުތަކަށް ބެލި އިރު، އެ ރަށުގައި ތަނަވަސް، ތިލަ ފަޅެއް އެބައޮތް ކަމަށާއި އެ ފަޅުގައި އެއާޕޯޓެއް މި ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ފުނަދު އާއި ބިލެތްފަހީގައި އަޅާ އެއާޕޯޓާ އެކު އެ ސަރަހައްދަކީ އެ އަތޮޅުގެ ޓޫރިޒަމްގެ މައި ނާރެހަށް ވެގެންދާނެ ކަމަށެވެ.
(ތަފްސީލް އަންނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް