ބިލެއްފަހީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފި

ށ. ބިލެއްފަހީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކޮށްފި އެވެ. މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއް...

02 Jul 2018 | 06:52

ށ. ބިލެއްފަހީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކޮށްފި އެވެ.

މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

މި މަޝްރޫއު ކުރިޔަށް ގެންގޮސްފައިވަނީ ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް ގެންނެވެ. މަސައްކަތް ހަވާލު ކުރީ 2015 ވަނަ އަހަރު އެވެ. 2016 ވަނަ އަހަރުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ނިންމާފައި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ. އެ މަޝްރޫއުއަށް ޖުމްލަ 15,247,932.76 ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން ބިލެއްފަހި ގިރާ ސަރަހައްދަށް 25،738 ކޮޑިމީޓަރުގެ ވެލިއަޅައި 520 މީޓަރު ދިގު މިނުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖަހައި އެސަރަހައްދު ހިމާޔަތްކޮށްފައި ވެއެވެ. ފާއިތުވީ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ 1.34 ބިލިއަން ރުފިޔާ ހަރަދުކޮށް، ޖުމްލަ 32 ރަށެއްގައި 31 ކިލޯ މީޓަރުގެ ގޮނޑުދޮށް އެކަށޭނެ އަދި ދެމެހެއްޓެނެވި ގޮތެއްގައި ހިމާޔަތްކޮށްފަ އެވެ.

ރައީސް ޔާމީން މިއަދު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު ކަނޑިތީމު، މިލަންދޫ އަދި ފުނަދޫ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް