ރާއްޖޭގެ އެންމެ ބޮޑު ރެޑީ މިކްސް ޕްލާންޓް ރޭ އެސްޓީއޯ އިން ހުޅުމާލޭގައި ހުޅުވައިފި އެވެ.
"ޕަވާ މިކްސް"ގެ ނަމުގައި ހުޅުމާލޭގެ އިންޑަސްޓްރިއަލް އޭރިއާގައި ހެދި ކޮންކްރީޓް ތައްޔާރުކުރާ ރެޑީ މިކްސް ޕްލާންޓް ހުޅުވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ ރެޑީ މިކްސް ޕްލާންޓެއް ހުޅުވުމަކީ ރާއްޖޭގެ އެންމެ ގިނަ ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުން އަންނަ ހުޅުމާލޭގައި ކޮންސްޓްރަކްޝަން ކުންފުނިތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި އެފަދަ ޕްލާންޓެއް އައްޑޫ އާއި ކުޅުދުއްފުށި ފަދަ ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ހިނގާ ރަށްރަށުގައި ހުޅުވުމަކީ ވެސް މުހިންމު ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މި ސަރުކާރު ވެރިކަމަށް އައިއިރު ކޮންސްޓްރަކްޝަން އިންޑަސްޓްރީ އޮތީ ވަރަށް ބޮޑަށް އަޑިއަޅާލާފައި. ކުދި އަދި މެދުފަންތީގެ ކުންފުނިތައް އޮތީ ހިނގައިނުގަންނަ ވަރަށް އަޑީގަ. ނަމަވެސް ރައީސް ޔާމީންގެ ސިޔާސަތުގެ ތެރޭގައި ހިމަނުއްވައިގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ނަގައި ކޮޅަށް ޖެހުމަށްޓަކައި ވަރަށް ގިނަ މަސަތްކަތްތަކެއް، ރެސްކިއު ޕެކޭޖެއްގެ ގޮތުގައި ތައާރަފްކުރައްވާފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ 2015 ވަނަ އަހަރުން ފެށިގެން ޖީޑީޕީއަށް ފެށިގެން ދެވަނައަށް އެންމެ ބޮޑު ހިއްސާއެއްކުރާ އިންޑަސްޓްރީއަށް ވެގެންދިޔަ ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ވެސް އެ އިންޑަސްޓްރީއަކީ ޖީޑީޕީއަށް ދެވަނައަށް އެންމެ ބޮޑު ހިއްސާއެއްކުރާ ދާއިރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ އެ ޕްލާންޓް ރަސްމީކޮށް ހުޅުވުމުގެ ކުރިން ވެސް ކެޕޭސިޓީއަށް ވުރެ ގިނަ އޯޑަރު ލިބިފައިވާ ކަމަށެވެ. އަދި ކޮންސްޓަރަކްޝަން އިންޑަސްޓްރީ ވަނީ ޕަވަމިކްސްގެ ސަބަބުން އިތުރަށް ކުރިއަރާ، ކޮންޓްރެކްޓަރުންގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަ ތަކެއް ހޯދައިދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން ބުނީ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް ދިނުމުގެ ގޮތުން ކޮންކްރީޓްގެ ކޮލިޓީ ހިފަހައްޓަން ބޭނުންވާ ސްލަންޕް އަދި ކިޔުބް ޓެސްޓިންގް ފަދަ ކަންތައްތައް ކުރެވޭނެ ލެބޯޓްރީއަކާއި އިންޖިނިއަރެއް ވެސް ސައިޓްގައި ހުންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް