ވަޒީފާގެ މާހައުލުގައި އަންހެން ކަނބަލަކަށް ޖިންސީ ފުރައްސާރަކޮށްފިނަމަ ގެންގުޅޭނީ "ޒީރޯ ޓޯލަރެންސް" އުސޫލުކަމުގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާނުކުރައްވާފައިވާ އެލްޖީއޭގެ ކުރީގެ ނައިބުރައީސް ޝުޖާޢު ހުސެއިން ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވަނީ ޝުޖާއުގެ ރިޔާސީ ތިންވަނަ ވައުދު ނުވަތަ ސިޔާސަތުގައި އެވެ. ކަނބަލުން ބާރުވެރިކުރުވުމުގެ އެ ސިޔާސަތުގައި ޝުޖާޢު ފާހަގަކުރައްވާފައިވާގޮތުގައި ދިވެހި ކަނބަލުންނަކީ ގައުމުގެ އެންމެހާ ކަންކަމުގައި ސާމިލުވެއުޅޭ ބައެކެވެ. އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ދާއިރާގައިވެސް އެ ކަނބަލުންގެ ޝާމިލުވުން ބޮޑެވެ.
"މަޔަކަށްވުމުގެ ސަބަބުން އުޅެމުންދިޔަ ވަޒީފާ ދޫކޮށްލަންޖެހޭ ނުވަތަ ކުރަމުން އައި މަސައްކަތް ހުއްޓާލަންޖެހޭ ބަޔަކަށް އެކަނބަލުން ވެގެންނުވާނެ އެވެ. ވަޒީފާ އަދާކުރާ ކަނބަލުންގެ ދަރިންގެ ތެރެއިން އުމުރުން 10 އަހަރު ނުފުރޭ ކުދިން "ޑޭކެއަރ" ސެންޓަރުތަކަށް ގެންދާ ގެންދިއުމަށް އިނާޔަތްތަކެއް ހަމަޖައްސައިދޭނަމެވެ. އަދި އެފަދަ "ޑޭކެއަރ" ސެންޓަރުތައް ތަރައްގީކޮށް ހިދުމަތް ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނަމެވެ." ޝުޖާއުގެ ތިންވަނަ ސިޔާސަތުގައި ބަޔާންކޮށްފައި ވެ އެވެ.
އެ ސިޔާސަތުގައި ޝުޖާއު ވިދާޅުވެފައިވަނީ އެކަނިވެރި މައިންނަށް ދައުލަތުން ދިނުމަށް ހަމަޖެހިފައިވާ އެހީތެރިކަން މިހާރަށްވުރެ ފަސޭހަކޮށް ލިބިގެންދާނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށާއި އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ކަންކަމުގައި ކަނބަލުންގެ ދައުރު އިތުރުކުރުމުގެ ގޮތުން އިސް މަގާމުތަކަށް ކަނބަލުން އައްޔަންކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި އެއްވެސް ބާވަތެއްގެ އަނިޔާގެ ޝިކާރައަކަށް ކަނބަލުން ހުށަހެޅިގެން ނުދާނެފަދަ އުސޫލުތަކެއް ގާނޫނީ ނިޒާމުގެ ތެރެއިން އެކަށައަޅައިދިނުމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމުގައިވެސް ޝުޖާޢު ވިދާޅުވެފައި ވެ އެވެ.
"ވަޒީފާ އަދާކުރާ މާހައުލުގައި ކަނބަލުންނަށް ކުރާ ފުރައްސާރައިން އެކަނބަލުން ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމުގެ ގޮތުން ހަރުދަނާ އުސޫލުތަކެއް ގާއިމްކޮށްދިނުމަށް އެދި ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި، ވަޒީފާއާއިބެހޭ ގާނޫނަށް މި ބަދަލުތައް ގެނައުމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަމެވެ. ކަނބަލުންގެ އަންނަން އޮތް ޖީލުގެ ހައްގުގައި، މި ޖީލުގެ ކަނބަލުންގެ އަޑުއަހައި، ފުރުސަތުތައް ހަމަހަމަކަމާއެކު ފަހިކޮށްދޭން ޖެހެ އެވެ." ޝުޖާޢުގެ ވައުދުގައި ވިދާޅުވެފައި ވެ އެވެ.
ޝުޖާޢުގެ ތިންވަނަ ސިޔާސަތުގައި އިތުރަށް ވިދާޅުވެފައިވަނީ ﷲގެ ވާގިފުޅާއެކު، ރައްޔިތުންގެ ތާއީދާއެކު، އަޅުގަނޑުގެ ޤިޔާދަތުގައި އުފެދޭ ސަރުކާރުގައި އިސްވެ މި ދެންނެވުނު ކަންތައްތައް ފުރިހަމަކޮށްދޭނެކަމަށް ވައުދުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް