ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވެރިކަން ކުރާ ޕީޕީއެމްއިން އަތޮޅުތަކަށް ފުރަން ތައްޔާރުވެއްޖެ އެވެ.
ޕީޕީއެމްއިން ބުނީ މި ހަފްތާގައި އެ ދަތުރުތައް ފަށާނެ ކަމަށެވެ. އެގޮތުން އާބާދީ ބޮޑެތި ރަށްރަށުގައި ކެމްޕެއިން ވަރުގަދަ ކުރުމުގެ ގޮތުން ޓިމުތައް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިން ކޮށްދިނުމުގައި ޕީޕީއެމްގެ އޮފީހުންނާއި ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މަސައްކަތް ކުރަނީ ގުޅިގެން ކަމަށް ޕީޕީއެމް އިން ބުނެ އެވެ.
އާބާދީ ބޮޑެތި ރަށްރަށުގެ ތެރެއިން ޕީޕީއެމްގެ ކެމްޕެއިން ވަރުގަދަ ކޮށް، މިހާރު ކެމްޕެއިން ފަށާފައިވަނީ އައްޑޫ ސިޓީ އާއި ގދ. ތިނަދޫގައި އެވެ. އެ ރަށްރަށުގައި 20 ނުވަތަ 25 މީހުންގެ ޓީމެއް މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށާއ އެ ޓީމުތައް އިންތިހާބު ނިމެންދެން ތިބޭނެ ކަމަށް މައުލޫމާތުދެ އެވެ.
މި ހަފްތާ ތެރޭ ކެމްޕެއިން ޓީމުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީ، ހއ. ދިއްދޫއާ، ހއ. އިހަވަންދޫއާ، ހދ. ކުޅުދުއްފުއްޓާއި ލ. ގަމަށް، ގއ، ވިލިނގިއްޔަށެވެ.
ޕީޕީއެމްއިން ބުނީ ޕީޕީއެމްގެ ޕީޖީ މެންބަރުންނާއި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ގުޅިގެން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ވަރަށް ވަރުގަދަ ކެމްޕެއިނެއް މިހާރު މާލޭގައި ކުރިއަށް ގެންދާ ކަމަށެވެ. ހަމަ އެކަނި މާލެ އިންވެސް 800 އަށްވުރެ ގިނަ ޒުވާނުން މި ޓީމްގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި މެޑަމް ކެމްޕެއިން އޮފީހުން މާލޭގައި ކުރިޔަށް ގެންދިޔަ ޑޯޓުޑޯ ކެމްޕެއިންވެސް ކުރިޔަށް ދިޔައީ ވަރަށް ކާމިޔާބު ކަމާއި އެކު ކަމަށެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް ހިންގާ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދާނީ ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ މީޑިއާގެ ވަސީލަތްތަކަށް ދައުވަތު ދެވިގެން ކަމަށް ޕީޕީއެމްއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް