ނާޒިމާއި އިމްރާން ވަގުތުން ދޫކޮށްލުމުން އިދިކޮޅު ކޯލީޝަނުން ގޮވާލައިފި

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްﷲ ވަގުތުން ދޫކޮށްލުމަށް އިދިކޮޅު ކޯލީޝަނުން ގޮވާލައިފި އެވެ. އިދ...

02 Jul 2017 | 15:49

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްﷲ ވަގުތުން ދޫކޮށްލުމަށް އިދިކޮޅު ކޯލީޝަނުން ގޮވާލައިފި އެވެ.

އިދިކޮޅު ކޯލީޝަނުން މިކަމަށް ގޮވާލާފައިވަނީ މި ދެބޭފުޅުން ގޭބަންދުގައި ތިއްބަވަނިކޮށް ކުއްލިގޮތަކަށް އެ ދެބޭފުޅުން ޖަލަށް ބަދަލުކޮށް، ކާނަލް ނާޒިމް އެކަހެރިކޮށް، ޝައިޚް އިމްރާން އިންސާނިއްޔަތާ ޚިލާފު ޙާލަތެއްގައި ބަންދުކޮށްފައިވުމުން ގުޅިގައިވާ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ކާނަލް ނާޒިމްއާއި ޝައިޚް އިމްރާނަށް ދެމުންދާ އަނިޔާތައް ނިމުމަކަށްގެނެސް ވަގުތުން މިނިވަންކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލާކަމަށެވެ.

ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަކީ މިވަގުތުވެސް ސިއްޙީ ބައެއް މައްސަލަތައް ކުރިމަތިވެފައިވާ ބޭފުޅަކަށް ވާހިނދު، ފާޚާނާކުރެވޭނެ އެކަށީގެންވާ ވަސީލަތެއްނެތް، ވައި ދައުރުނުވާ، ހޫނުގަދަ ގޮޅިއެއްގެ ބިންމަތީގައި އަވަހާރަފުޅު ލައްޕަވަން މަޖުބޫރުކުރުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިތުރުން އެއްވެސް ދިވެހި ރައްޔިތަކަށް އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ. އަދި އެއްވެސް އިންސާނަކާއި މެދު މިފަދަ ރަޙުމްކުޑަގޮތަކަށް ޢަމަލުކުރުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށާ އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތުގައި ވަރުބަލިކަމެއް އަދި ފަސްޖެހުމެއްނެތި ޝައިޚް އިމްރާން ޢަބްދުﷲ ކުރައްވަމުންގެންދަވާ ހިތްވަރުގަދަ މަސައްކަތްޕުޅު ފާހަގަކުރާކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ ފިނޑި އަދި ނާތަހުޒީބު މި އަމަލަކީ އިދިކޮޅު ހަތަރު ލީޑަރުން ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ނުހަނު އުޖާލާކޮށްފެނި، ދިވެހި ރައްޔިތުންނަށް އުންމީދީ ބަދަލުތަކެއްގެ ކޮޅުމަތި ފެންނަމުންދާތީ އާއި، ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ހިންގަމުންގެންދިޔަ ނާޖާއިޒު ބާރުތައް ހުއްޓި އެމަނިކުފާނުގެ ސަރުކާރު ބަލިކަށިވެ ގޮތްހުސްވަމުންދާތީ ހަސަދަވެރިކަމާއެކު ބަދަލު ހިފުމުގެ ގޮތުން ހިންގާ އަނިޔާވެރި އަމަލެއްކަމަށާއި ހަމައެހެންމެ ބިރުދެއްކުމަށްޓަކައި އެ ދެބޭފުޅުން ނުޙައްޤުން ހިފާ ހައްޔަރުކޮށްގެން ރައީސް ޔާމީން ހިންގަވާ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން އެ ބޭފުޅުންގެ އަޒުމަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ފުރިހަމަ އިތުބާރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕަށާއި މެންބަރުންނަށާއި އަދި ދިވެހި ރައްޔިތުންނަށް އަބަދުވެސް އޮންނަކަން ފާހަގަކުރެވޭކަމަށެވެ.

މީގެ އިތުރުން މިފަދަ ދަށުދަރަޖައިގެ ފިނޑި އަމަލުތަކުގެ ސަބަބުން ގައުމު ހަމަމަގަށް އެޅުވުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް މިންވަރެއްގެ ހީނަރުކަމެއް ނާންނާނެކަމުގެ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް އަރުވާކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް