ޖިނާއީ އިޖުރާތުގެ ގާނޫނަށް އަމަލު ކުރަން ފަށައިފި އެވެ.
މި ގާނޫނު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ އަހަރުގެ އެޕްރިލް މަހުގެ 18 ވަނަ ދުވަހު އެވެ. އަދި ކުރިން އަމަލު ކުރަން ފަށާ ގޮތަށް ކަނޑައަޅާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވ. އެކަމަކު ގާނޫނަށް އަމަލު ކުރުން ފަސްކުރަން އަލުން މަޖިލީހަށް ހުށަހެޅީ ކަމާ ބެހޭ މުއައްސަސާތަކުން ގާނޫނަށް އަހުލުވެރި ކުރަން އިތުރު ވަގުތު ބޭނުންވާތީ ކަމަށް އިސްލާހު ހުށަހެޅުއްވި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެފައިވެ އެވެ.
އެގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ދައުލަތުގެ ކަމާ ބެހޭ ހުރިހާ މުއައްސަސާއަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތައް ހިންގާފައި އެވެ. އެކަމަކު ފަހު ވަގުތު މިދިޔަ މަހު ފަހުކޮޅުވެސް މި ގާނޫނަށް އަމަލު ކުރުން އިތުރަށް ފަސް ކުރުމަށް ސަރުކާރު ފަރާތުން ހުށަހެޅުމަށް ފަހު ވަނީ އަނބުރާ ބިލު ގެންގޮސްފައި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ދައުވާ އުފުލުމާ ގުޅޭ ކަންކަމާ ގުޅޭގޮތުން އެ އޮފީހުން ހަދަންޖެހޭ ގަވާއިދު ހަދައި، އާންމުކޮށްފަ އެވެ.
މި ގާނޫނޫގައި ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް ދައުވާ ކުރެވޭނެ މުއްދަތާއި އަޑުއެހުންތައް ކުރިޔަށް ގެންދާނެ މުއްދަތު ކަނޑައަޅާފައިވެ އެވެ.
މި ގާނޫނުގައި ތަހުގީގު ކުރުމާއި މީހުން ހިފަހައްޓައި، ސުވާލުކުރުމާއި ހައްޔަރު ކުރުމާއި ބަންދު ކުރުމާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގުމާ ގުޅޭ އިޖުރައާތުތައް ތަފްސީލުކޮށް ބަޔާންކޮށްދީފަ ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް