މޫސުން ގޯސްވެ ގަދަ ވަޔާއެއެކު ބޯކޮށް ވާރޭވެހެމުންދަނިކޮށް ލ މާބައިދޫ ނެރަށް ކަންނެލި ދޯންޏެއް އުރިއްޖެ އެވެ. ނެރަށް އުރިފައިވަނީ ގއ ކޮލަމާފުށީ ނަބީލާ ނަމަކަށް ކިޔާ ދޯންޏެެކެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަހްމަދު އަބްދުއްރަހްމާން ވިދާޅުވީ ކަންނެލި ދޯންޏެއް އެރަށު ނެރަށް އުރުނީ މިއަދު ހެނދުނު 06:00 ހާއިރު ކަމަށާއި ރަށުގެ ރައްޔިތުންގެ މަސައްކަތުން އެ ދޯނީގައި ތިބި މީހުން އެ ރަށަށް މިހާރު ބާލާފައި ވާކަމަށެވެ.
"ރައްޔިތުން ނިކުމެ އެ ދޯނީގައި ތިބި މީހުން އެއްގަމަށް ގެނައީ، މިހާރު އެމީހުން ތިބޭނެ ރަށުގެ ސްޓޭޖް ސަރަހައްދުގައި، އެ ދޯނީގައި ހުރި ތަކެތިވެސް ވަނީ ސަލާމަތް ކުރެވިފައި" ޒިންމާދާރުވެރިޔާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދޯނި އަދިވެސް އޮތީ ނެރުމަތީގައި ކަމަށާއި ކަމާބެހޭ ފަރާތްތަކަށް މިހާރު ރިޕޯޓް ކޮށްފައިވާނެ ކަމަށެވެ. އަދި އެ ދޯނިން އެކަކަށް މާބައިދޫ ސިއްހީ މަރުކަޒުން ފަރުވާ ދެމުން އަންނަ ކަމުގައިވެސް ވިދާޅުވި އެެވެ. މީގެ އިތުރުން މާބައިދުއަށް މިހާރުވެސް ބޯކޮށް ވާރޭ ވެހެމުން އަންނައިރު ރަށުގައި ފެންބޮޑުވެފައިވާކަމަށާއި އަދި އަތިރިމަތީގައި ހުރި އެންޓަނާއެއް ވެއްޓިފައިވާކަމަށްވެސް ޒިންމާދާރުވެރިޔާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް