ރޭ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އަސްއަދު ވަރަށް ރަނގަޅު އަދި އެންމެންވެސް ހިތައް އަރާ ސުވާލެއް ކުރެއްވި އެވެ.ެ ޖަލަށް ލީމަ ބަލިވަނީ ނުވަތަ ފުރާނައަށް ނުރައްކާވާ ބައްޔެއްގެ ސަބަބުން ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހެނީ ސިޔާސީ ލީޑަރުން އެކަނި ހެއްޔެވެ؟
"މަހުލޫފު ޖަލަށް ލިތާ މަހެއް ނުވަނީ އާއިލާއިން ކަންބޮޑުވެގެން ވާހަކަ ދައްކަން ފެށީ މަހލޫފުގެ ފުރާނައަށް ނުރައްކާވާވަރަށް ބަލިވެގެން އުޅޭ ވާހަކަ. ހީވީ ހަމަ ދެންމެ ދެންމެ މަހުލޫފު ޖަލު ގޮޅީގައި މަރުވެދާނެހެން. އެކަމަކު އެހުންނެވީ މިނިވަން ވެގެން އައިސް، ކުރިޔަށްވުރެ ހަށިގަނޑު ރަނގަޅު ސިއްހަތު ރަނގަޅު މީގެއްގެ ގޮތުގައި ފެންނަނީ،" އަސްއަދު ވިދާޅުވި އެވެ.
މިއީ ގިނަ ބަޔަކު ހިތައް އަރާ ސުވާލެކެވެ. ސިޔާސީ މީހަކު ހަމަ ޖަލަށް ލުމާއި އެކު ޖެހިގެން އަންނަ ހަފްތާގައި އިވޭނީ ވަރަށް ނުރައްކާތެރި ނުވަތަ ސީރިއަސް ބައްޔަކަށް ފަރުވާ ހޯދަމުން ދާވަހަކަ އެވެ. މަހެއްހާ ދުވަސް ފަހުން އެދެނީ ރާއްޖެއިން ބޭރަށް ދިއުމަށެވެ. ދެން ހުރިހާ ސިޔާސީ ފަރާތްތަކުން އެ ބޭފުޅަކަށް ފަރުވާ ހޯދަން އެހީވެ ދިނުމުގައި އުޅެން ފަށައެވެ.
ސީރިއަސް ބައްޔެއް ނުވާނެ ވާހަކައެއް ނޫނެވެ. ޖަލުގައި ސިޔާސީ ކުށްވެރިންގެ ގޮތުގައި ތިބި ފަރާތްތަކަށް ބަލިވެއްޖެ ނަމަ ފަރުވާ ދޭން ޖެހޭނެ އެވެ. އެކަމަކު އެހެން ގައިދީންނާއި ހަމަހަމަ އުސޫލަކުންނެވެ.
މިފަހަކުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ސިޔާސީ ލީޑަރުންގެ ތެރެއިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވި ލީޑަރުން ކޮބައި ހެއްޔެވެ. އެނބުރި ރާއްޖެއެއް ނާދެ އެވެ. ހުކުމް ތަންފީޒު ކުރުން ހުއްޓުނީއެވެ. މިއީ ޖަލުގަ ހުކުމްތަންފީޒު ކުރަމުންދާ ގައިދީންނާއި ތަފާތު ކުރުމެއް ނޫންހެއްޔެވެ.
ހައްގުން ވިޔަސް ނުހައްގުން ވިޔަސް ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު ހުންނެވީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެންނެވެ. ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ބޭސްފަރުވާއަށް ބޭރަށް ވަޑައިގެންނެވި ގޮތަށް ވީގޮތެއް ނޭނގުނެވެ.
ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ޖަރީމާކަމަށްވާ ނޮވެމްބަރު ތިނެއްގަ ދިވެހިންގެ އެތައް ބައެއްގެ ލޭ އޮހޮރުވާލުމުގެ އަޑިގައި ހުރި އަބްދުﷲ ލުތުފީ 25 އަހަރުގެ ޖަލުހުކުމް ތަންފީޒު ކޮށް ނުނިމެނީސް ލަންކާއަށް ބޭސްފަރުވާއަށް ފޮނުވިގޮތަށް ވީ ނުވީއެއް ނޭނގި ގެއްލުނީ އެވެ. އޭނާ ގެއްލުނީ ނަމަކަށެވެ. ބޭރުގެ ނޫސްތަކަށް ފަހުރުވެރިކަމާއި އެކު ކޮންމެ އަހަރަކު ނޮވެމްބަރު ތިން ވަނަ ދުވަހު އެދުވަހުގެ ހާދިސާތައް އޭނާ ކިޔައިދެ އެވެ.
މިދިޔަ އެޕްރިލް މަހުގެ ތެރޭގައި މާފުށީ ޖަލުގައި ގައިދީންގެ މެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި ގައިދީއެއްގެ ގަޔަށް ހޫނުފެން ޖެހުމުން ގާތްގަނޑަކަށް އެމީހާގެ 50 ޕަސެންޓު ފިހުނެވެ. އެކަމަކު މިކަމާ ވާހަކަދެއްކި ނުވަތަ އޭނާގެ ހައްގުތައް ހިމާޔަތް ކުރުމަށް ވަކާލާތު ކުރި ސިޔާސީ ލީޑަރަކު ނުފެނެ އެވެ.
މީޑިއާއަށް އެކަން ތިލަވީވެސް ކަން ހިނގިތާ ދެތިން ދުވަސް ފަހުންނެވެ. އެކަމަކު ދެތިން ދުވަސް ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރަށް ކަމެއް ޖަލުގައި ހިނގައިގެން އުޅޭކަމެއް ނޭނގެ އެވެ.
މިއީ އެންމެ ކަމެއްގެ ވާހަކައެއްވެ. އެހެންވީމަ ދާންދޫ ދާއިރާގެ މެންބަރު އަސްއަދު އެ ވިދާޅުވީ ދޮގެކޭ ބުނެވޭކަށް ނެތެވެ. ޖަލަށް ލީމަ ބަލިވަނީ ސިޔާސީ ލީޑަރުން އެކަންޏެވެ.
ގައިދީއަކަސް ބަލިވެއްޖެ ނަމަ ފަރުވާ ދޭންޖެހޭނެ އެވެ. ގައިދީންނަށް ފަރުވާ ދިނުމަށް ގާނޫނުގައި ލާޒިމް ކުރަނީ ރާއްޖެއިން ދެވެން އޮންނަ އެންމެ ރަނގަޅު ފަރުވާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް