ކޮލެރާ ބަލި ޖެހިގެން ޔަމަނުގައި މަރުވި މީހުންގެ އަދަދު 1500 އަރައިފި ކަމަށް ޔަމަނުގައި ހަރަކާތްތެރިވާ އ.ދގެ ޚާއްޞަ އޮފިޝަލުން ބުނެފި އެވެ.
ޔަމަނުގައި އެ ބަލި ކޮންޓްރޯލެއް ނެތި ހަލުވިކަމާއެކު ފެތުރެމުންދާތީ އިތުރު އެހީއަށްވެސްވަނީ އ.ދ ގެ އޮފިޝަލުން އެދިފަ އެވެ.
ޔަމަނުގައި މިހާރު ދާޙިލީ ހަނގުރާމަ ކުރަމުންދާތާ 27 މަސްދުވަސް ވެއްޖެ އެވެ. ޔަމަނުގައި ކޮލެރާއި އެހާ ބާރުމިނެއްގައި ފެތުރެން މެދުވެރިވީ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގައި ނުތާހިރުކަން ބޮޑުވެ، ދުޅަހެޔޮ ކާނާ ނުލިބި، އަދި ސާފު ބޯފެން ނުލިބުގެ ސަބަބުންކަމަށް ބެލެވޭކަމަށް ރި÷ޕޯޓުތައް ބުނެ އެވެ. އަދި ހަނގުރާމައިގެ ސަބަބުން ޞިއްޚީ ޚިދުމަތްދޭ ތަންތަންވެސް ވަނީ ސުންނާފަތިވެފަ އެވެ.
އ.ދ ގެ ކުޑަކުދިންނަށް އެހީތެރިވާ ޚާއްޞަ ފަންޑު، ޔުނިސެފްއާއި ވޯލްޑް ބޭންކް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޔުނިސެފުން ބުނީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކޮލެރާކަމަށް ބެލެވޭ 246 ހާހަށްވުރެ ގިނަ ކޭސްތައް ލިބިފައިވާކަމަށެވެ.
ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު އ.ދ އިން މިހާރު ދަނީ ޔަމަނުގައި މީހުނަށް ފަރުވާދިނުމަށް 60 ނުވަތަ 50 އެނދު ހުންނަ ޞިއްޚީ ޚިދުމަތްދޭ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތްކުރަމުންނެވެ. އަދި ޝިފްޓް ޓިއުޓީގެ އުސޫލުން ކޮންމެ މަރުކަޒެއްގައި ފަރުވާދޭން 14 މީހުން ތިބޭނެކަމަށް އ.ދ އިން ބުނެ އެވެ.
އ.ދ ގެ އެއްމީދަކީ ފަރުވާދިނުމަށް ޖުމްލަ 5000 އެނދު އެ ޤައުމުގައި ބެހެއްޓުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް