އ.ދ ގެ ކުޑަކުދިނަށް އެހީތެރިވާ ފަންޑު ޔުނިސެފާއި ގުޅިގެން އެމެރިކާގެ މަޝްޙޫރު ޕޮޕް އައިކަން ބިޔޯންސޭ ނޯލްސް، އެފްރިކާ ބައްރުގެ ޤައުމެއްކަމަށްވާ ބުރުންޑީގައި ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޚާއްޞަ ޕްރޮޖެކްޓެއް ފަށައިފި އެވެ.
"ބީގުޑްފޯރބުރުންޑީ" ކިޔާ އެ ޕްރޮޖެކްޓުގެ ދަށުން އެ ޤައުމުގައި ސާފު ބޯފެން ލިބޭނެ ވަޅުތައް ޤާއިމްކުރުމާއި، ސާފުތާހިރުކަމަށް މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމާއި، އަދި ސުކޫލުތަކުގައި ސެނިޓޭޝަން ފެސިލިޓީތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބުރުންޑީގައި ކޮންމެ ދެ މީހަކުން އެކަކަކީ ސާފު ބޯފެން ނުލިބޭ މީހުންނެވެ. އެ ޤައުމުގައި އެންމެ ބޮޑު ޞިއްޚީ މައްސަލަކަމަށްވާ ޅައުމުރުގައި ކުދިން މަރުވާން މެދުވެރިވަނީވެސް ސާފު ބޯފެން ނުލިބުމުގެ ސަބަބުންނެވެ. ސާފު ބޯފެން ނުލިބުމުގެ ސަބަބުން ބުރުންޑީގައި ކޮންމެ 12 ކުއްޖަކު އެއް ކުއްޖަކު އުމުރުން ފަސް އަހަރު ވުމުގެ ކުރިން މަރުވެ އެވެ.
ބިޔޯންސޭ ބުނީ ބުރުންޑީގައި މީހުން ސާފު ބޯފެން ހޯދުމަށް އެކިއެކި މަސައްކަތްތައް ކުރަންޖެހޭތީ، މަޖުބޫރީ ޙާލަތައް ގޮސް ކުދިން ސުކޫލަށް ނުފޮނުވާ ފެން ހޯދުމުގެ ބުރަ މަސައްކަތުގައި އެ ކުދިން ބައިވެރި ކުރަންޖެހިފާވާކަމަށެވެ. އެހެންކަމުން ޔުނިސެފްއާއި ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓުގެ މަޤުޞަދަކީ އެ ކަމަށް ނިމުމެއް ގެނައުން ކަމަށް ބިޔޯންސޭ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް