ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ހުންނަ ކިންގްޑަމް ސްކޫލަށް ހަތިޔާރާއެކު ވަދެ މި އަހަރުގެ މެއި މަހުގެ ތެރޭގައި ދެ މީހަކު މަރާލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ ކުރިން އެ ސްކޫލު ޓީޗަރެއްގެ މަގާމު އަދާކުރި މީހެކެވެ. އޭނާ އަތުލައިގެންފައިވަނީ ފިލައިގެން އުޅެނިކޮށެވެ.
މި ހާދިސާއާއި ބެހޭގޮތުން ރިޔާދު ފުލުހުންގެ ތަރުޖަމާނު ކާނަލް ފަވާޒް ބިން ޖަމީލް އަލް މައިމަން ބުނެފައިވަނީ އެ ހަމަލާ ދީފައިވަނީ ސްކޫލު ބަންދު ދުވަސްކޮޅެއްގައި ހަތިޔާރާއެކު އެ ސްކޫލަށް ވަދެ ކަމަށެވެ. އަދި އެ ހަމަލާގައި މަރުވެފައިވަނީ އެ ސްކޫލްގެ މެއިންޓެނަންސް ސުޕަވައިޒަރު އަބްދުލް އަޒީޒް އާއި ސްކޫލްގެ ޕްރިންސިޕަލްގެ ނައިބު އަބްދުﷲ މާޖް އެވެ.
އަލް މައިމާން އިތުރަށް ބުނެފައިވަނީ ހައްޔަރުކުރި މީހާ އޭނާގެ ކުށަށް މިހާރު އިއުތިރާފުވެފައިވާކަމަށެވެ.
އެ ސްކޫލުގެ އޮފިޝަލުން ބުނެފައިވާގޮތުގައި އެ ހަމަލާދިން މީހާ އަކީ މީގެ ހަތަރު އަހަރު ކުރިން އެ ސްކޫލުގެ ޓީޗަރެއްގެ ވަޒީފާ އަދާކުރި މީހެކެވެ. އޭނާ ކަނޑާލީ ރުޅިގަދަވުމުގެ ސަބަބުން ކަމަށް އެ ސްކޫލުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް