އޭޑީކޭ ހޮސްޕިޓަލް އިން ކޯވިޑް-19 ގެ ސާމްޕަލެއް ޓެސްޓުކޮށްދެނީ 675 ރުފިޔާ އަށް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭޑީކޭއިން އެ އަގުގައި ޓެސްޓު ކުރިޔަސް އައިޖީއެމްއެޗުން ސާމްޕަލްތައް ޓެސްޓުކޮށްދެނީ ހިލޭ ކަމަށެވެ. އައިޖީއެމްއެޗުން ހިލޭ އެހިދުމަތް ފޯރުކޮށްދެނީ ލެބޯޓްރީގައި ޓެސްޓު ކުރުމަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ސަރުކާރުން ފޯރުކޮށްދޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން ސާމްޕަލްއެއް ޓެސްޓުކޮށްދޭ އަގު ކަނޑައަޅާފައި އޮތަސް އާންމު ރައްޔިތުން އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އެއީ އެ ހޮސްޕިޓަލުން ޓެސްޓު ކުރަމުންދާނީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ފޯރުކޮށްދޭ ސާމްޕަލްތައް އެކަނި ކަމަށާއި ހޮސްޕިޓަލަށް ގޮސް ޓެސްޓުކޮށްދޭން ބުނާ ކޮންމެ މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ނުކޮށްދޭނެ ކަމަށެވެ.
އޭޑީކޭއިން ކުރާ ކޯވިޑްގެ ޓެސްޓުތަކަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އާސަންދައިންނެވެ. އޭޑީކޭއިން ދުވާލަކު 500 ސާމްޕަލް ޓެސްޓު ކުރެވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލެކޭ އެއްގޮތަށް އެ ހިސްޕިޓަލުންވެސް ދަނީ ކޯވިޑާއި ގުޅިގެން ސަރުކާރުން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި މަސައްކަތް ކުރެ އެވެ.
މިހާރު ރާއްޖޭގައި ކޯވިޑް-19 އަށް ހަތަރު މެޝިނަކުން ޓެސްޓު ކުރެ އެވެ. އެއީ އޭޑީކޭ ހޮސްޕިޓަލްގެ މެޝިނާއި ފުލުހުންގެ ފޮރެންސިކް ލެބޯޓަރީގައި ހުންނަ މެޝިނެއްގެ އިތުރުން އައިޖީއެމްގައި ހުރި ދެ މެޝިނަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް