އަވަސް އަވަހާ ތައްޔާރު ވެލައިގެން ސިޓިންރޫމަށް ޒާރާ ނިކުތެވެ. މަންމަ ގާތުގައި ސޯފާގައި ދެބައި އުމުރުގެ އަންހެނަކު އިނެވެ. އެމީހުން ތިބީ ނިކަން އޮލަ ވާހަކައެއްގައެވެ. އެއީ އެބުނާ ސަރީފާއްތަ ކަމުގައި ޒާރާ ޔަގީން ކުރިއެވެ.
''ދަރިފުޅާ.... މީ ސަރީފާއްތަ....'' ނާޒިމާގެ މޫނުން ފެންނަނީ އުފާވެރިކަމެވެ.
''އާދޭ ... ޒާރާ... ހާދަ ބީރައްޓެހިކޮށް ތި ހުންނަނީ... އާދޭ މިތާ އިށީނދެލަން....'' ސަރީފައްތަ އެދުނެވެ.
އޯގާތެރި މަޑުމައިތިރި އަޑެކެވެ. ސަރީފާ ގެ މޫނަށް ޒާރާ ބަލާލިއެވެ. މޫނު ނުހަނު ދޮނެވެ. އެ މޫނުގެ ސިފަ ގެއްލިފައިވަނީ މީހާ މާބޮޑަށް ފަލަ ވުމުގެ ސަބަބުންނެވެ. އަޅާފައިވާ ނަމްބަރު އައިނުގައި އެލުވާފައިވާ ރަން ކެވެލިކޮޅު ވަޔާ ހެލިލަ ހެލިލާ އޮތެވެ. އަގުބޮޑު އަވި އައިނު އިނީ ބޯމަތީގައި އަޅުވާލާފައެވެ. އެއް އަތުގައި އޮތް އަތުކުރީގަޑީގައި ހަރުކޮށްފައިވާ ބޮޑެތި އެސްތަކުން ދިހުން އަރަމުންދިޔައެވެ. އޭގެ އިތުރުން ރަނުގެ ބޮޑެތި އުޅާ ފާޑުގެ ހައެއްކަ ގަނޑު ތަނޑި އެ އަތުގައި އަޅާފައިވެއެވެ. އަނެއްއަތުގައި އަޅާފައިވަނީ ހުދުރަނުން ކައިރި އަޅާފައިވާ ކެވެލި ގަނޑެކެވެ. އެއަތުގެ ކަށި އިނގިލީގައި އިތާމުތެއް ހަރުކޮށްފައިވާ ރީތި އަނގޮޓިއެއް އޮތެވެ.
''އާދޭ ....މިތާ އިށީންނަން.... '' ސަރީފާގެ ލޮލުގެ ދުރުމިން ޒާރާނޫން އެއްޗަކަށް އަމާޒެއް ނުވިއެވެ. ވާނީވެސް އެހެންނެވެ.
ޒާރާ ލައިގެންހުރި ހުދުކުލައިގެ ކުރުތާއާއި ނޫކުލައިގެ ޖީންސް އޭނާ އާ ނުހަނު ގުޅެއެވެ. މަޑު ފިޔާތޮށި ކުލައިގެ ޝޯލްއެއްގައި އެރީތި މޫނު ފެންނަލެއް ނުހަނު ހިތްގައިމެވެ. ތުންފަތުގައި ލިޕްގްލޯ ބޭނުންކޮށްވުމުން ފިނިފެންމަލެއްގެ ފިޔަފަދަ އެރީތި ދެތުންފަތް އެހާމެ އަސަރުގަދައެވެ. އެއްވެސް މޭކަޕެއް ބޭނުން ނުކުރިޔަސް ޒާރާގެ ރީތިކަމަކީ ފެންނަ ކޮންމެ މީހަކު ތައުރީފް ކުރާނެ ފަދަ ރީތި ކަމެކެވެ. ގުދުރަތުން ޒާރާއަށް ދެއްވާފައިވާ އަންހެންވަންތަ ހަށިގަނޑާ ބުރުސޫރަ ބަލާފޫހި ނުވާހާ ފުރިހަމައެވެ. ޒާރާގެ ރީތި ސޫރަ އަށް ބަލަން ސަރީފާއްތަ އިނީ ހިނިތުންވެފައެވެ. އެ ބެލުމުގައިވަނީ ލޯތްބާ ކުލުކަމުގައި ޒާރާއަށް ހީކުރެވުނެވެ.
ހިނިތުންވެފައި ޒާރާގެ ސޫރައަށް ބަލަންއިން ސަރީފާގެ ހަރަކާތްތަކަށް ފަޚުރުވެރިމަކާއެކު ބަލަން ނާޒިމާ އިނެވެ. ނާޒިމާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާ ބޮޑާކަން އެކުލެވިފައިވާ ހިނިތުންވުމެކެވެ. ތިމާގެ އަންހެންދަރިފުޅު އެހެން މީހަކަށް ވިއްކާލުމުގައި އޭނާ ކާމިޔާބީއާ ހަމައަށް ވާސިލްވެއްޖެއެވެ. އެކަމާ ހިތާހިތުން އުފާކުރަމުންދާއިރު، ކުޅިބައި އަތުރަމުން ދިޔައީ ވަރަށް ފުރިހަމައަށް، އެހާމެ ރޭވުންތެރިކަމާ އެކުގައެވެ. އޭނާގެ ކޮންމެ މަކަރުވެރި ރޭވުމެއް ރާވަމުން ގެންދަނީ ކުޅަދާނަ ކަމާއެކުގައެވެ. ނާޒިމާ އަޅާ ކޮންމެ ފިޔަވަޅެއް އޭނާ އަޅަނީ އެތައް ގޮތަކަށް ވިސްނުމަށްފަހު އޭނާއަށް އެންމެ ފައިދާވާނެ ގޮތަށެވެ.
ބޭރުން އިވުނު ކާރު ބަރުގޮނާއެކު ސަރީފާއާއި ނާޒިމާވެސް އިންތަނުން ތެދުވިއެވެ. އެމީހުން މިހުރިހާއިރު އިންތިޒާރު ކުރަމުން އެދިއައީ އެ އަޑަށްހެން ހީވާކަހަލައެވެ. ސަރީފާ އޭނާގެ އަގުބޮޑު ހޭންޑް ބޭގް ނަގާ ކޮނޑުގައި އަޅުވާލަމުން ޒާރާގެ ގާތަށް ޖެހިލިއެވެ.
''އާދޭ ބޭރަށް ނިކުންނަން ދަރިފުޅާ.....ޑްރައިވަރު އެއައީ ކާރުގަ....'' ސަރީފާ ޒާރާގެ އަތުގައި ހިފާލިއެވެ. ޒާރާއަށް އަތް ދަމައިގަނެވުނީ ކީއްވެކަމެއް ބުނެދޭކަށް ނޭނގުނެވެ. އަތުގައި ހިފުމުން ވީ އުނދަގުލަށްވުރެ، ސަރީފާ އޭނާއަށް ދަރިފުޅުގެ ނަމުން މުހާތަބު ކުރުމުންވީ އުނދަގޫ ކުޑައެއް ނޫނެވެ. ފޫހި ވިޔަސް މޫނުމަތިން އެކަން ނުދައްކާވޭތޯ ޒާރާބެލީ މަންމަ އަށްޓަކައެވެ. ނާޒިމާގެ މޫނަށް ޒާރާ ބަލާލީ ސުވާލުގެ ނަޒަކުންނެވެ. ނާޒިމާ ހުންނަނީ މިފަދަ ކޮންމެ ކަމަކަށް ހުޝިޔާރުވެގެން ކަމުން އެއްވެސް ތަފާތު އިހްސާސެއް އޭނާގެ މަކަރުވެރި މޫނަކުން ނުދައްކައެވެ.
''އާދޭ ދަރިފުޅާ...ސަރީފައްތަ އާއެކު އާދޭ... '' ނާޒިމާ ނުހަނު ލޯބިން ޒާރާއަށް އެކަމަށް ހިތްވަރުދިނެވެ.
ޒާރާ ބަސްއަހާ ކުޑަކުއްޖަކު ފަދައިން ސަރީފާ އާ އެކު ހިނގައިގަތެވެ. ބޭރަށް ނިކުމެވުނުއިރު ދޮރާށި ކައިރީގައި މަޑުކޮށްފައި އޮތީ ޓެކްސީއެއް ނޫނެވެ. ގަދަ ނޫކުލައާއި އަޅިކުލައިން ޑިޒައިން ގެނެސްފައިވާ ޕްރައިވެޓް ކާރެކެވެ. އެސްޓޯން މާޓިން ބްރޭންޑް ގެ އަގުބޮޑު ރީތި ކާރެކެވެ. ސަރީފާ އާއި އަލިބެމެންގެ މުއްސަނދި ދިރިއުޅުން ދައްކައިދޭ ހެއްކަކަށް އެކާރު އެކަނިވެސް ފުދެއެވެ.
ޒާރާ އިށީނީ ފަހަތު ސީޓުގައި އޭނާގެ މަންމަ ގާތުގައެވެ. ސަރީފާ އިނީ ޑްރައިވަރާ ޖެހިގެން އިން ސީޓުގައެވެ. ފޮނަދޫއިން ގަމަށް ކުރެވުނު ވިއްސަކަށް މިނެޓުގެ އެ ދަތުރުގައި އެއްވެސް މީހަކު އެއްވެސް ވާހަކައެއް ނުދައްކައެވެ. އެ ވަގުތު ވެސް ޒާރާ ހޭދަކުރީ މަންމަ އަށް ނުފެންނާނޭހެން އާދިލް އާ އޮންލައިންކޮށް ވާހަކަ ދެއްކުމުގައެވެ. އާދިލްގެ ލޯބިވެތި މެސެޖްތަކުން ޒާރާގެ ތުންފަތަށް ވެރިކުރުވާ ހިނިތުންވުން އޮއްބާލަނީ ގަދަކަމުންނެވެ. ކުރީ ސީޓުގައިން ސަރީފާއަށް ކިތައްމެ ރަނގަޅަކަށްވެސް ޒާރާގެ މޫނަށް އަރާފައިބަމުންދާ ކުލަތަކާ އަސަރުތައް ފެންނަމުންދެއެވެ. ކުރިމަތީގައި ހުރި ލޯގަނޑު ޒާރާގެ މޫނަށް އަމާޒު ވެފައިވާކަމެއް ސަރީފާ ނޫން ދެވަނަ މީހަކަށް އެނގޭ ހެނެއް ހިޔެއް ނުވެއެވެ.
ހޮސްޕިޓަލުގެ ޕޯޓިކޯތެރެއަށް ކާރު މަޑުކުރުމުން އެންމެންވެސް އަވަސްވެގަތީ ކާރުން ފައިބާށެވެ.
''މަންމަ މެން އެތެރެއަށް ވަދެލާފަ އާދޭ.....މަންމަ އަންނަންދެން އެތާއެތެރޭގައި އަހަރެން މަޑުކޮށްލާނަން....'' ޒާރާ އިޝާރާތްކުރީ ރިސެޕްޝަން ކައުންޓަރާ ދިމާއަށެވެ. ޒާރާ އެމީހުނާއެކު އެތެރެއަށް ވަންނަން އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.
ނާޒީމާ ޒާރާގެ ގާތަށް އައެވެ. އަދި ޒާރާގެ އަތުގައި ހިފައިގެން ސަރީފާ އާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
''ޒާރާ ޖެހޭނެ މިއަދު ސަރީފާއްތަ އާ އެކު އޭނާގެ ދަރިފުޅު އޮތް ވޯޑަށް ވަންނަން... މިހާހިސާބަށް މިކަން ގެނައުމަށްފަހު ތިހެން ހަދައިގެން ކަމަކުނުދާނެ...... އެކުން ބޮޑާ ހާކަން ނޫޅެ އާދޭ.... އެވަރުކަމެއް ނޫނެއްނު މީހަކު ބަލިވެ އޮތްތާކަށް ވަދެލުމަކީ..... '' މަންމަގެ މޫނުމަތިން ކުރިން ފެނުނު އުފާވެރިކަމުގެ ކުލަވަރު ކެނޑި ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. ޒާރާ އެއްވެސް އެއްޗެކޭ ނުބުނެ ބޯޖަހާލިއެވެ.
ސަރީފާ ކުރީގައި ހުރެގެން ހިނގަމުން ދިޔައިރު ޒާރާވެސް ޗާބި ދީފައި ހުރި ބުދެއް ފަދައިން އެމީހުންގެ ފަހަތުން ކުރިއަށް ދިޔައެވެ. އަތުގައި އޮތް ފޯނަށް މެސެޖްތައް އަންނަމުން ދެއެވެ. އެއީ ކާކުގެ މެސެޖްތަކެއް ކަންވެސް ޒާރާ އަށް އެނެގެއެވެ. ހިތް އެދި ގޮވަމުންދިޔައީ މެސެޖްތައް ކިޔާލުމަށެވެ. ޒާރާގެ ޖަވާބު ލަސްވުމުން އާދިލް ގުޅާފާނެތީވެސް ޒާރާ ހުރީ ކަންބޮޑުވެފައެވެ. އެކަން ވީވެސް އެހެނެވެ. އާދިލް ގުޅާކަން އެނގި ފޯނު ނުނަގާ ހުރުމަކީ ޒާރާ އަށް ކުރެވޭވަރު ކަމެއް ނޫނެވެ. ހިތާ ފުރާނައިން އާދިލް ދެކެ ޒާރާ ވާ ލޯތްބަކީ ދުވަހަކުވެސް ފަޑުވުމެއް ނާންނާނެ ލޯތްބެކެވެ.
''ހަލޯ...'' ކުޑަކޮށް ހިނގުން މަޑުކޮށްލުމަށްފަހު ޒާރާ ފޯނަށް ޖަވާބު ދިނެވެ. ސިއްރު ސިއްރުންނެވެ.
''ޒާ ހާދަ ވަރަކަށް މެސެޖް ކޮށްފީމޭ... ޒާރާ ބުނި ކުލައިގެ ޝޯލް އެއް ގަތީމި.... ބަލާބަލަ އެކުލަތޯ އެއީ.... ފޮޓޯ އިންނާނެ ފޮނުވާފަ...އަވަސްކޮށްލާތި... އެފިހާރައިގަ ހުރެފަ މި މެސެޖް ކުރަނީ... ކަމު ނުދަންޏާ ބަދަލު....'' އާދިލްގެ ވާހަކަ ކުރެއް ނުވާނެކަން ޒާރާ އަށް އެނގުނެވެ.
''ފަހުން ބަލާނަން....'' ޒާރާގެ ޖަވާބު ކުރެވެ. އާދިލްގެ ވާހަކަ ހުއްޓުވުން ނޫންގޮތެއް މިވަގުތު ނެތީމައެވެ.
''ކިހިކެތް ވެފަ ޒާ..... ކަމަކާ ދެރަވެފަ ތަ..... ބަލިވީތަ.... މިވަގުތު ބަލާފަ ބުނޭ.... އޭރުން ޗޭންޖް ކޮއްލެވޭނީ...'' އާދިލް ޒާރާގެ ކޮންމެ އެދުމެއް ފުރިހަމަ ކޮށްދިނުމަށްޓަކައި އަތުކުރި އޮޅާލާ ކަމީ އޭނާ ޒާރާ ބޭނުންވާ ވަރު އަންގައިދޭ ކަމެކެވެ. ޒާރާ ދުލުން ބޭރުވާ ކޮންމެ ކަމެއް އާދިލް ކޮށްދެވޭތޯ ބަލައެވެ.
''ޒާރާ....'' ނާޒިމާގެ އަޑު އިވުނީ ހީކުރިވަރަށްވުރެ ގާތުންނެވެ.
''މިވަގު ތީ ކޮންކަމެއްތަ..... ތި ފޯނު ކުރެވިދާނެ ފަހުންވެސް .... މާ ކަންތައްގަނޑު ބޮޑުނުކޮށް ތި ފޯނު ބާއްވާ.... ސާރިފާއްތަ އާ އަލިބެ އެތިބީ ޒާރާގެ ތި ޑްރާމާ ބަލަން ކަމެއް ނޭގޭތަ... ލަދުން އަހެރެން މިހުންނަނީ ބުނާނެ އެއްޗެއް ނޭނގިފަ.....'' ނާޒިމާ ހުރީ ސަރީފާ މެނަށް ފުރަދަސް ދީގެންކަމުން އޭނާގެ މޫނުގެ ކުލަވަރާ ދަތްކުނޑިއަށް އަރުވާލާފައި ހުރި ބާރު ފެނުނީ ހަމައެކަނި ޒާރާ އަށެވެ. މަންމަގެ ދެލޮލުން ފާލުވަމުންދާ ރުޅިވެރިކަމަކީ ޒާރާ އަށް އާ ކަމެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ތަނެއްގައި އެގޮތަށް ލޯ އަޅާލުމުން ޒާރާ އަށް އުނދަގޫވިއެވެ. މަންމަ ގެ އަޑު އިވުމާއެކު ފޯނު ކަނޑާލެވުނީތީ ޒާރާ ހިތާހިތުން އުފާކުރިއެވެ. އާދިލްގެ ކޯލެއް އެގޮތަށް ކަނޑާލަން ޖެހުނީތީ ދެރަވެސް ވިއެވެ. އާދިލް ހީކުރާނީ ކީކޭބާވައެވެ. އާދިލް ހީކުރާނީ މެސެޖް ބަލަން ވެގެން ފޯނު ކަނޑާލި ކަމަށެވެ. ނޫނެކެވެ. އޭނާ މިހާރު ހުންނާނީ ވަރަށް ދެރަވެފައެވެ. މެސެޖެއް ކޮއްލާފަ ފަހުން ގުޅާނެ ވާހަކަ ބުނަން ޒަރާ ބޭނުންވިއެވެ.
''އަދިވެސް ހުރީތަ... ކޮންކަހަލަ ބައްޔެއް ޖެހިފަ ހުރި ދުވަހެއްތަ... މިހާރު ކޮންއިރެއް ސަރީފާއްތަ ގެ ދެމަފިރިން އެތާކޮޅަށް ތިބޭތާ.....'' ނާޒިމާގެ ރުޅިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އެނބުރި ހިގައިގަތެވެ.
ޒާރާ ބަލާލީ މާ ދުރުނޫން ހިސާބެއްގައި މަޑުކޮށްގެން ހުރި ސަރީފާ އަށެވެ. ގާތުގައި ހުރި އޭނާގެ ފިރިމީހާ ފެނުނުވަގުތު ޒާރާގެ ހަތަރެސްފައި ގަނޑުވި ކަހަލައެވެ. ސިނކުޑީގައި ބިރުވެރި ރަނގަބީލެއް އަޑު ގުގުމާލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް