ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ ނަމުގައި އޭޖީ ގެންނެވި ތަޖުރިބާކާރު ދެއްވީ އިންޒާރު: ސުޕްރީމް ކޯޓު

އެޓަރނީ ޖެނެރަލްގެ އޮފީހުން ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ ނަމުގައި ދިރާސާއެއް ކުރެއްވުމަށް ނިންމަވައި، އެ ދިރާސާ ކުރެއްވުމަށްޓަކައި ގެންނެވި ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔަރޑް ޖަސްޓިސް ޔޮހ...

02 Jun 2019 | 15:24

އެޓަރނީ ޖެނެރަލްގެ އޮފީހުން ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ ނަމުގައި ދިރާސާއެއް ކުރެއްވުމަށް ނިންމަވައި، އެ ދިރާސާ ކުރެއްވުމަށްޓަކައި ގެންނެވި ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި ޝަރުއީ ދާއިރާއަށް ބިރުދައްކަވައި އިންޒާރު ދީފައިވާކަމުގައި ސުޕްރީމް ކޯޓުން ބުނެފިއެވެ.

އެ ކޯޓުން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިވަޑައިގެންނެވުމުން، 29 މެއި 2019 ވީ ބުދަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ވަނީ ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރއާ ބައްދަލު ކުރައްވައިފައެވެ.

"އިޚްލާޞްތެރި ހެޔޮ ނިޔަތެއްގައި މި ކަންކަން ޙިއްޞާ ކުރުމުން، މިއިން އެއްވެސް ކަމަކާ މެދު މަޝްވަރާ ކުރެއްވުމުގެ ބަދަލުގައި، ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަޤާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށާއި، ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އަދި އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑްކުރައްވާނެކަމަށްވެސް ވިދާޅުވެ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވަރަށް ޞަރީޙަ އިބާރާތުން ވަނީ ބިރު ދައްކަވައި އިންޒާރު ދެއްވާފައެވެ." ސުޕްރީމް ކޯޓުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވާގޮތުގައި އެ ބައްދަލުވުމުގައި، ޝަރުޢީ ދާއިރާގެ ޙާލަތު ހުރި ގޮތާއި، ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްޞީލު ޙިއްޞާކުރެވުނެވެ. މިގޮތުން ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިޞްލާޙުކުރުމާ ބެހޭގޮތުން ތައްޔާރު ކުރެވެމުންދާ އެކްޝަން ޕްލޭނުގެ މައުލޫމާތުވެސް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރއާ ޙިއްޞާކުރެވުނު ކަމަށާއި އަދި ސިޔާސީ ނުފޫޒާއި، ބިރުދެއްކުންތަކާއި، ފަނޑިޔާރުގޭގެ ޙުރުމަތަށް އަރައިގަނެ ފަނޑިޔާރުންގެ އަގު ވައްޓައިލައި ބަދުނާމު ކުރުމުގެ މަޤްޞަދުގައި ކުރެވޭ ކަންކަމުގެ ސަބަބުން ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ކުރިމަތި ވެފައިވާ ނުރައްކާތަކާ ބެހޭގޮތުން ވެސް އޭނާޔަށް މަޢުލޫމާތު އެރުވުނު ކަމުގައި ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

" ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ނިޒާމު އިޞްލާޙު ކުރުމުގެ މަސައްކަތުގައި ދައުލަތުގެ އެއްވެސް އިދާރާއަކުން އެ އިދާރާއަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ އިޚްތިޞާޞާއި މެންޑޭޓް އަދާކުރުމާ ބެހޭގޮތުން ލަފާ ދެއްވުމަށް ވަޑައިގަންނަވާ ބައިނަލްއަޤުވާމީ ކޮންސަލްޓަންޓެއްގެ ދައުރަކަށް ވާންޖެހޭނީ ޕްރޮފެޝަނަލްކަމާއި މިނިވަންކަމާއެކު، ފަންނީ ލަފާދިނުމެވެ. ނަމަވެސް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރގެ ޢަމަލާއި ބަސްމަގުހުރީ އެގޮތުގެމަތިން ނޫންކަން މި ފާހަގަކުރަނީ ކަންބޮޑުވުމާއި ހިތާމަޔާ އެކުގައެވެ." ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

އެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ދިވެހި ދައުލަތަކީ ދުސްތޫރީ ގޮތުން ބާރުތައް ވަކިކުރެވިފައިވާ، އަދި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރު މިނިވަން ކުރެވިފައިވާ ދީމިޤްރާޠީ އަދި ޤާނޫނީ ދައުލަތެއް ކަމަށެވެ. މި ދައުލަތުގެ ކަންކަން ހިނގާންވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ކަމަށެވެ. ޤާނޫނުއަސާސީން މިނިވަން ކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަން ގެއްލި، އެއިރަކު ބާރުވެރިކަން އޮންނަ ފަރާތްތަކުން ކޯޓުތަކުގެ މައްޗަށް އެކި ގޮތްގޮތުން ނުފޫޒު ހިންގުމުގެ ޘަޤާފަތެއް ދިވެހިރާއްޖޭގައި އުފެދިގެން ދިޔުމަކީ، ޤާނޫނުގެ ޙުކުމް ނަގަހައްޓައި، މިނިވަންކަމާއެކު ޢަދުލުއިންޞާފު ޤާއިމުކޮށް، ދީމިޤްރާޠީ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް މުޅީން ހަލާކު ވެގެން ހިނގައިދާނެ ކަމެއްކަން ކަށަވަރު ކަމަށެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކަކުން ވެސް ޤާނޫނުއަސާސީއިން  ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުރިހަމައަށް އިޙުތިރާމުކުރުމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން ފަނޑިޔާރުގެ އިޞްލާޙުކޮށް ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުން ގެންދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ.

[contentcards url="http://supremecourt.gov.mv/29-2011.html" target="_blank"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް