ތ އަތޮޅުގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދާ މީހަކު ހައްޔަރު ކޮއްފި

ތ އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދާ މީހަކު ހައްޔަރުކޮއްފިއެވެ. މާލެއިން ފުރައިގެން ހިރިލަންދޫއަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ލިބުނު މަޢުލޫމ...

02 Jun 2019 | 08:19

ތ އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދާ މީހަކު ހައްޔަރުކޮއްފިއެވެ.

މާލެއިން ފުރައިގެން ހިރިލަންދޫއަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުއެވެ.

ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި، އެބޯޓު ހިރިލަންދޫ ބަނދަރާ ގާތްކުރުމުން ފުލުހުން އެބޯޓަށް އަރައި ބޯޓު ބަލައިފާސްކުރި އިރު ބޯޓު ތެރޭގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބުލެޓު ސައިޒުގެ ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ޖޫން 01 ވަނަ ދުވަހުގެ ހަވީރު 16:15 ހާއިރު ހިރިލަންދޫ ބަނދަރަށް ގާތްކުރި މާލެ ދަތުރުކުރާ ބޯޓަކުން ވެސް މަސްތުވާތަކެތި ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.

މިއޮޕަރޭޝަނުގައި އެ ބޯޓު ހިރިލަންދޫ ބަނދަރާއި ގާތްކުރުމުން ބޯޓަށް އަރައި އެބޯޓު ބަލައިފާސްކުރިއިރު ބޯޓުތެރޭގައި ހުރި ތަރުކާރީ ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު  ޕެކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފޮއިލްކޮޅެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ދެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮއްފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 19 އަހަރުގެ މީހަކު މިވަނީ ހައްޔަރުކޮށްފައެވެ. ތިމަރަފުށީގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ޖޫން 1 ވަނަ ދުވަހުގެ 18:00 ހާއިރެވެ. މިއޮޕަރޭޝަންގައި އެރަށުމަގުމަތިން މިމީހާ ހުއްޓުވައި ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މިތިން މައްސަލަވެސް މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް