ވަގުތުން ތައްޔާރުކޮށްލެވޭ ނޫޑްލްސްގެ އަނދިރި ފަރާތް

އަތުން ކައްކާލައިގެން ކެއުން ބުރަ ކަމަކަށްވާ ގިނަ މީހުންގެ އެންމެ ގާތް އެކުވެރިޔަކީ އިންސްޓެންޓް ނޫޑްލްސް ނުވަތަ ދިވެހިން ކިޔާ ގޮތުން ނަމަ ކަޕް ނޫޑްލްސް އެވެ. ވަރަށް ބުރަކޮށް އުޅޭ ދުވަސް ދުވަހު ގިނަ ފ...

02 Jun 2019 | 07:39

އަތުން ކައްކާލައިގެން ކެއުން ބުރަ ކަމަކަށްވާ ގިނަ މީހުންގެ އެންމެ ގާތް އެކުވެރިޔަކީ އިންސްޓެންޓް ނޫޑްލްސް ނުވަތަ ދިވެހިން ކިޔާ ގޮތުން ނަމަ ކަޕް ނޫޑްލްސް އެވެ. ވަރަށް ބުރަކޮށް އުޅޭ ދުވަސް ދުވަހު ގިނަ ފަހަރަށް ކައިލެވެނީ ކަޕް ނޫޑްލްސް އެކެވެ. ހަދާލަން ކިތަންމެ ފަސޭހަ އަދި އަނގަޔަށް ކިތަންމެ މީރު ނަމަވެސް ކަޕް ނޫޑްލްސް އަކީ ކާން ރަގަޅު އެއްޗެއް ނޫނެވެ. މި ވާހަކަ ކިޔައިދިނީ ބޮސްޓޮންގެ މަސަޗޫސެޓްސް ޖެނެރަލް ހޮސްޕިޓަލުގެ ގޭސްޓްރޮއެންޓެރޮލޮޖިސްޓް ޑރ. ބްރެޑެން ކޯ އެވެ.

ޑރ. ކޯ ހެދި މި ދިރާސާއިން ދައްކާގޮތުގައި އިންސްޓެންޓް ނޫޑްލްސް އަކީ ހަށިގަނޑަށް ވަރަށް ގެއްލުން ކުރާ ކާނާއެވެ. އާންމު ގޮތެއްގައި އަހަރެމެން ކައްކައިގެން ކާ ނޫޑްލްސް ހަޖަމް ވާން 1 ނުވަތަ 2 ގަޑި އިރު ނަގާ ކަމަށް ޑރ. ކޯ ވިދާޅުވިއެވެ. ނަމަވެސް ކެއުމަށްފަހު އެތައް ގަޑި އިރެއް ވަންދެން އިންސްޓެންޓް ނޫޑްލްސް ހަޖަމު ނުވެ ހުރެއެވެ. ޑރ. ކޯ ވިދާޅުވީ، މީގެ އިތުރުން ވެސް މިކަހަލަ ނޫޑްލްސް ގެ ސަބަބުން ވަރަށް ހައިރާން ކުރަނިވި ގެއްލުންތަކެއް ހަށިގަނޑަށް ވާކަމުގައެވެ.

ޑރ. ކޯ ގެ މިދިރާސާއިން ދެއްކި ގޮތުގައި، އަބަދުމެ މިކަހަލަ ނޫޑްލްސް ކާކަމަށްވާނަމަ ހަށިގަނޑުގައި ޓިއުމަރު އުފެދި ކެންސަރަށް ވެސް މަގުފަހި ވެއެވެ. މިކަން މި ގޮތަށް ވެފައި ހުރި ކަމަށް ވެސް ޑރ. ކޯ ފާހަގަކުރިއެވެ. މިކަހަލަ ނޫޑްލްސްގައި "ޓާށަރީ ބިއުޓީން ހައިޑްރޯކުއިނޯން" ކިޔާ އަލްކަހޯލް އެއް އެކުލެވިގެންވާ ނޫޑްލްސް އެކެވެ. މި އަލްކަހޯލް އަކީ ސެންޓް އުފެއްދުމުގައި ބޭނުންކުރާ ބާވަތެކެވެ. މީގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ ދިފާއީ ނިޒާމް ބަލިކަށިވެއެވެ. މީގެ އިތުރުން އިންސްޓެންޓް ނޫޑްލްސްގައި "ޕްރޯޕްލީން ލައިކޮލް" ނަމަކަށް ކިއުނު ކެމިކަލެއް ވެސް އެކުލެވިގެން ވާކަމަށް މި ދިރާސާއިން ދެއްކިއެވެ. މި ކެމިކަލް އަކީ ދުންފަތުގެ ބާވަތްތަކަށް އަޅާ ކެމިކަލެކެވެ.

އާންމު ގޮތެއްގައި އިންސްޓެންޓް ނޫޑްލްސް ހުންނަނީ ތައްޓެއްގައި ބަންދުކޮށްފައެވެ. މި ދިރާސާއިން ދެއްކި ގޮތުގައި، ނޫޑްލްސް ބަންދުކުރާ ތަށީގައި "ބިސްފީނޯލް އޭ" ނަމަކަށް ކިއުނު މާއްދާއެއް އެކުލެވިގެންވެއެވެ. ތަށީ ތެރެއަށް ހޫނު ފެން އެޅުމުން ނުވަތަ ތަށި މައިކްރޮވޭވް ތެރެއަށް ލުމުން މި ކެމިކަލް ނޫޑްލްސް ތެރެއަށް ފެތުރިގެން ދެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ "މެޓަބޮލިޒަމް" ހަލާކުކޮށްލައެވެ. އެއީ ހަށިގަނޑުގެ ސެލްތައް ވަރުގަދަ ކުރާ ކެމިކަލް ރިއެކްޝަން އެކެވެ.

މިފަދަ ނޫޑްލްސް ގައި ހިމެނޭ އިތުރު ނުރައްކާތެރި ކެމިކަލްތަކުގެ ތެރޭގައި، ކޯން ސިރަޕް، ޕާމް އޮއިލް އަދި މޮނޯސޯޑިއަމް ގްލޫޓަމޭޓް ހިމެނެއެވެ. މި ކެމިކަލް ތަކުގެ ސަބަބުން އެކި ކަހަލަ ކުދި ބަލިތައް ހަށިގަނޑަށް ޖެހެއެވެ.

ޑރ. ކޯ ނިންމާލަމުން ވިދާޅުވީ، ކިތަންމެ ފަސޭހައިން ހަދާލެވުން ކަމުގައި ވިޔަސް އިންސްޓޭންޓް ނޫޑްލްސް ނުކެއުމަށެވެ. ނޫޑްލްސް ކާހިތްވާނަމަ ކައްކައިގެން ކެވޭ ކަހަލަ ނޫޑްލްސް ކައްކައިގެން ކެއުމަށް ވެސް އިލްތިމާސްކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް