ބުރުސޫރަ- ތިރީސް ދެވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... މާޒިން އާއި ޒައިނާ އެ ގެއިން ދާން ހިނގައިގަތުމުން އީމާން ވެސް ދާން ހިނގައިގަތެވެ. "އީމު މަޑުކޮށްބަލަ" އީމާން ހުއްޓުނީ މަންހާ އައިސް އީމާންގެ އަތުގައި ހިފުމުންނެވެ. "އީމު މަން ދައ...

02 Jun 2019 | 06:45

ކުރީގެ އަދަދާ ގުޅޭ...

މާޒިން އާއި ޒައިނާ އެ ގެއިން ދާން ހިނގައިގަތުމުން އީމާން ވެސް ދާން ހިނގައިގަތެވެ.

"އީމު މަޑުކޮށްބަލަ" އީމާން ހުއްޓުނީ މަންހާ އައިސް އީމާންގެ އަތުގައި ހިފުމުންނެވެ.

"އީމު މަން ދައްކާ ވާހަކަ އަޑުއަހާބަލަ... މަން އަންޑަސްޓޭންޑް ވާ މީހަކަށް ހުރީ އީމު އެކަންޏޭ ޕްލީޒް" އީމާންގެ އަތުގައި ހިފައިގެން މަންހާ ދަމަންފެށިއެވެ. އެ އަޑަށް މާޒިން އާއި ޒައިނާ ވެސް މަޑުކޮށްލިއެވެ.

"މަންހާ ޔޫ އާރ ސޯ ޗީޕް" ކުރަކި އަޑަކުން އީމާން ބުނެލިއެވެ.

"މަން އެހެން ހެދީ ޒިއަން ދެކެ ލޯބި ވާތީ... ޒިއަންގެ ލޯބި ބޭނުންވާތީ... ލޯބިވާ ކޮންމެ މީހަކުވެސް ހަމަ ހަދާނީ މަން ހެދިހެން... އީމު މީހަކު ދެކެ ލޯބި ވީމަ އިނގޭނީ..." ސީދާ އީމާންގެ ލޮލަށް ބަލަން ހުރެ މަންހާ ބުނެލިއެވެ. އީމާން ބޯ ހޫރައިލިއެވެ.

"އަހަރެން ވެސް މީހަކު ދެކެ ލޯބިވޭ... އެކަމަކު އަހަރެން އެބަ އުޅެންތަ ތިހެން؟ އަހަރެން ހަމަގައިމުވެސް ލޯބި ވަނީ މީހެއްގެ އަންބެއް ދެކެ އެއް ނޫން އެކަމަކުވެސް މަޑުން މި ހުންނަނީނު..." މަންހާގެ އަތް ފޮޅުވައިލަމުން އީމާން ބުނެލިއެވެ. އީމާން މިހެން ބުނުމުން އެންމެން ހައިރާންވިއެވެ. މަންހާ ވެސް ދޫ ބަންދުވި ކަހަލައެވެ. އީމާން އަނެއްކާ ވެސް ދާން ހިނގައިގަތެވެ.

"އެއީ އީމު އެހާ ބޭނުންނުވާތީ.." މަންހާ އަނެއްކާ ވެސް އީމާން ހުއްޓުވިއެވެ. މަންހާ ބޭނުންވަނީ އީމާންގެ ބޮލަށް ސަވާރުވާށެވެ. ކޮންމެވެސް އެކަކު އޭނަގެ ކޮޅަށް ހުންނަން ޖެހޭނެ ކަމަށް އޭނާ އަށް ގަބޫލުކުރެވެއެވެ.

"ނޫން މަންހާ... ވަރަށް ބޭނުންވޭ... އަހަރެން އޭނަ ދެކެ ލޯބިވަނީ މިއަދަކު އިއްޔެ އަކު ނޫން.. މާ ކުރީއްސުރެވެސް މަންހާ ދެކެ އަހަރެން ލޯބިވޭ... އެކަމަކު މަންހާ ޒިއަންގެ ފަހަތުން އުޅޭތީ އަހަރެން ނުބުނަން ހުރީ... އަހަރެން ބޭނުމެއް ނުވޭ އެހެން މީހަކާ ހެދިގެން އުޅޭ މީހަކާ އެކީ އުޅޭކަށް... އަދި އަމުދުން މަންހާ ކަހަލަ ދަށުދަރަޖައިގެ މީހަކާ ދޭތެރޭ އެކަހަލަ ނަޒަރަކުން ދެކެވުނީމަ މިއަދު ވަރަށް ދެރަވެއްޖެ... އަހަންނަށް މިއަދު ބޭވަފާތެރި މިވެވުނީ އަމިއްލަ ހިތަށް... މަންހާ ތީ މީހެއްގެ ލޯބި ޑިޒާވްވާ ވަރުގެ މީހެއް ނޫން... އެޔަށްވުރެ މާ ނުބައި އަމިއްލަ އެދުން ބޮޑު މީހެއްތީ..." އީމާންގެ ހިތުގައި މިހުރިހާ އިރު އަނދަމުން ދިޔަ އަލިފާންގަނޑު ނިއްވައިލިއެވެ. ހުރިހާ އެއްޗެއް ބުނެ ނިމުން އިރު އީމާން ހުރީ ތުރުތުރު އަޅައިގަނެފައެވެ. ކިޔުނީ ކީކޭކަން ހަނދާންވުމުން އީމާންގެ އަތް ފައި ފިނިވާން ފެށިއެވެ. އެހެންކަމުން އޭތާ އެންމެ ހިނދުކޮޅަކު ވެސް މަޑުނުކޮށް އެގެއިން ނިކުމެގެން ދިޔައީއެވެ.

އީމާންގެ ވާހަކަތައް އަޑު އިވި ހައިރާންވެފައި ތިބި ޒައިނާ އާއި މާޒިން ވެސް އެންމެ ފަހުން ނިކުމެގެން ދިޔައީއެވެ. ހާއްސަކޮށް މާޒިން ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އީމާން އަންހެން ކުދިންނާ އެހާ ދުރުދުރުން އުޅޭ ސަބަބު މި އިނގުނީތާއޭ މާޒިންގެ ހިތައް އެރިއެވެ.

އެމީހުންގެ އިތުރުން މަންހާ ވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. މަންހާ އަށް މުހިންމު ވީ އީމާން އޭނާ ދެކެ ލޯބިވާ ވާހަކައެއް ނޫނެވެ. އޭގެ ފަހުން އީމާން އޭނާ އޭ ކިޔައިގެން ކީ އެއްޗިއްސެވެ. އެންމެން އެއްފަހަރާ އެއްޗެހި ކިއުމުން މަންހާ ހުރީ ވަރަށް ހިތުގައި ޖެހިފައެވެ. ޒިއަން ރާނީގެ ދިފާއުގައި ދެއްކި ވާހަކަތައް ހަނދާންވުމުން މާންހާގެ ރުޅިގަނޑު ހުރީ ފަޅައިގެންދާން ކައިރިވިއެވެ. މިހުރިހާ ދުވަހު މިކުރެވުނީ ބޭކާރު މަސައްކަތެކެވެ. މަންހާ އެދިޔަ ގޮތަށް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އަދި ބާލީސް ދަށުން ސިނގިރެޓެއް ނަގައި ރޯކޮށްލިއެވެ. އަދި މީހަކަށް ގުޅައިގެން ވާހަކަ ދައްކަން ފެށިއެވެ.

****

ކުޑަދޮރުން ބޭރު ބަލަންހުރި ރާނީ ސިހުނީ ފަހަތުން ޒިއަން އައިސް ބައްދައިލުމުންނެވެ. ޒިއަންގެ ހޫނު އިހުސާސް ވުމުން ރާނީގެ ހަށިގަނޑު ޒިއަންގެ އަތުތެރެއަށް ދޫކޮށްލެވުނެވެ.

"އައި މިސް ޔުއަރ ހެއާ ބޭބީ" ރާނީގެ އިސްތަށިގަނޑުގައި މޫނު ފޮރުވައިލަމުން ޒިއަން ބުނެލިއެވެ. ރާނީ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް އެންމެ ފުރަތަމަ ބުނަންވާނީ އަހަރެން ކައިރީގަ... އެވަރިހަމަ ކޮންމެ ގަޑިއެއް ވިޔަސް... އަދި ބުނަންތަ؟ ދެން ނުދައްޗޭ އަދި މީހަކު ނިކުންނާށޭ ބުންޏަސް... އަހަރެން ހާދަ ބިރެއް ގަތޭ މިރޭ ވެސް... އަދި ވާރެއާ ވެސް ތެމިގެން" ރާނީ ޒިއަން އާއި ދިމާލަށް އަނބުރައިލަމުން ޒިއަން ބުނެލިއެވެ. އަދި ރާނީގެ ނިތުގައި ތުންފަތް ޖައްސައިލިއެވެ.

"ޒިއަން ގެނަ ބްލެކް ރޯޒް ގަސް މަންހާ ލުއްސައިލީ" ޒިއަންގެ ގައިގައި ބައްދައިލަމުން ރާނީ ބުނެލިއެވެ. އެހެން ބުނި އިރު ރާނީ އަށް ވަނީ ރޮވިފައެވެ.

"އޭގެ ގަހެއް ގެނެސްދޭނަން އިނގޭ... ދެން ހުއްޓާލަބަލަ އެކަން އެ ނިމުނީ އޭ... މަންހާ މިގެއިން ވަރަށް އަވަހަށް ފޮނުވާލާނަން... އޭރަށް ރާނީ އަށް ހަމަޖެހިގެން އުޅެވޭނު" ރާނީގެ ކަރުނަތައް ފުހެލަމުން ޒިއަން ބުނެލިއެވެ.

"ހިނގާބަލަ މޫޑު ރަގަޅު ކޮށްލަން" ކުއްލިއަކަށް ރާނީގެ އަތުގައި ހިފައި ދަމައިގަންނަމުން ޒިއަން ބުނެލިއެވެ. ޒިއަން ދިޔައީ ރާނީގެ އަތުގައި ހިފައިގެން އޭނާގެ ކުޑަކުޑަ މިއުޒިކް ސްޓޫޑިއޯ އަށެވެ.

"ވަރަށް ދުވަސް ވެއްޖެ ތި އަޑު ނީވޭތާ..." ގިޓާ ނަގަމުން ޒިއަން ބުނެލިއެވެ.

ޒިއަން ގިޓާ ކުޅެން ފެށުމުން ރާނީ ލަވައެއް ކިޔަން ފެށިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރާނީގެ ޖާދުވީ އަޑު މުޅި ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައެވެ. ޒިއަންގެ ހިތްވެސް ހީވީ ވިރިގެން ދިޔަހެންނެވެ. ރާނީގެ އެ މިއުޒިކީ އަޑުގެ މަސްތުގައި އިން ޒިއަން ދިޔައީ ކަޅި ޖަހާނުލައި އެ މޫނަށް ބަލަމުންނެވެ. ރާނީ ވެސް އިނީ ސީދާ ޒިއަންގެ ލޮލަށް ބަލަހައްޓައިގެންނެވެ. މިއީ ދެމީހުން ކުރިމަތީގައި ތިބެގެން މިގޮތަށް ލަވަ ކިޔާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ރޭ ލަވަ ކީ ދެމީހުންނަށް ނުވެސް ފެނިއެވެ. އެރޭގެ އެ ހަނދާންތައް އާވުމުން ޒިއަންގެ މޫނުމަތި ރަތް ވެގެން ދިޔައެވެ. އެރެއިން ފެށިގެން ޒިއަންގެ ހިތް ވަނީ އެ އަޑަށް ހިބަކޮށްދީފައެވެ.

ޒިއަން އާއި ރާނީގެ ހަރަކާތްތަކަށް ފާރަލާން ދޮރުކައިރީ ހުރި މަންހާގެ ލޭ ދިޔައީ ފަހަރެއް ފަހަރަކަށް ވުރެ ބޮޑަށް ކެކެމުންނެވެ. ޒިއަން ރާނީގެ މޫނަށް ބަލަމުން އެދާ އިޝްގީ ނަޒަރު ފެނުމުން މަންހާ އަށް ބާރަށް މުށްކަވައިލެވުނެވެ. ދަތްޕިލަ ޖައްސާ ބާރުކޮށްލުމަށްފަހު މަންހާ ދުވެލާފައި ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. އަދި އަލަމާރި ހުޅުވުމަށްފަހު ހެދުންތަކުގެ ދަށުން އޮޅާފައި އޮތް ކުޑަ ކަރުދާކޮޅެއް ކަހަލަ އެއްޗެއް ނަގައި ރޯކޮށްލިއެވެ. އަދި އެނދުމަތީގައި ހަމަޖެހިލައިގެން އިނދެ ލަސް ލަހުން ދަމަން ފެށިއެވެ. މިވަގުތު މަންހާގެ ބޮލުތެރޭގައި އެކި ކަހަލަ ހިޔާލުތައް އެނބުރެމުން ދިޔައެވެ. ދެންމެ ފެނުން މަންޒަރުން ބޯ ހަމަޖައްސައިލުމުގެ ގޮތުން މަންހާ ކުޑަކޮށް އެނދުމަތީގައި ހުރަހަށް އޮށޯތެވެ. އިރުކޮޅަކު މިހެން އޮތުމަށްފަހު ވަރަށް ބާރަށް ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ.

ރާނީ އިނީ ޒިއަންގެ އުނގުތެރޭގައެވެ. ޒިއަން ދިޔައީ ގިޓާ ކުޅޭނެގޮތް ރާނީ އަށް ކިޔައިދެމުންނެވެ. ރާނީ ދިޔައީ ޒިއަން ބުނާގޮތަށް ހަދަމުން ލަސްލަހުން ގިޓާގެ ނަރުތަކާއި ކުޅެމުންނެވެ. ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ ވަރަށް ބާރަށް މީހަކު އައިސް ދޮރު ހުޅުވައިލުމުންނެވެ. ކުރިމަތީގައި ހުރި މަންހާ ފެނުމުން ދެމީހުންނަށް ވެސް ތިބެވުނީ ބަލަހައްޓައިގެންނެވެ.

"އޭތް ކަލޭ ތެދުވޭ ތިތަނުން" ވައި ރޯޅިއެއްހާ ބާރުމިނުގައި އައިސް މަންހާ ހިފީ ރާނީގެ އަތުގެ މުލައްދަނޑީގައެވެ. އަދި ބާރަށް ހިފައި ރާނީ ކޮޅަށް ނެގިއިރު ގިޓާ އޮތީ ތިރިއަށް ވެއްޓިފައެވެ. ހުރިހާ ކަމެއްވެސް ހިނގީ ސިކުންތުކޮޅެއްހާ އަވަހަށެވެ. ޒިއަން ވެސް ހަމަ އެ ސިކުންތުގައި ކޮޅަށް ތެދުވިއެވެ.

"މަންހާ މޮޔަވީތަ؟" ޒިއަން ހަޅޭއްލަވައިގަތެވެ. ރާނީގެ އަތުގައި ހިފައިގެން ހުރި މަންހާ އައި ރުޅިން ރާނީ ކޮއްޕައިލީ ކައިރީ ހުރި ޑްރަމް ސެޓާއި ދިމާލަށެވެ. ރާނީ ގޮސް ޖެހުނީ ރައިޑް ސިމްބަލްގެ ކައިރިފަށުގައެވެ. ޖެހުމަށްފަހު ރާނީ ވެއްޓުނީ ތިރިއަށެވެ. ޒިއަން ރާނީ އާއި ދިމާލަށް ދުއްވައިގަތުމުން މަންހާ ކުރިމައްޗަށް އެރިއެވެ. އަދި ފަހަތުގައި ވެއްޓިފައި އޮތް ރާނީގެ ފަޔަށް ފައިން އަރައި ފިތައިލިއެވެ. ވީ ތަދުން ރާނީ އަށް ވޭނީ އާހް އަކާއި އެކީ ހަޅޭއްލަވައިގަނެވުނެވެ.

"ދުރައްދޭ މަންހާ އަހަރެންގެ އަތުން ގޯހެއް ނުހެދެނިސް" މަންހާގެ އަތުގައި ހިފައި އެއްފަރާތް ކުރަމުން ޒިއަން ބުނެލިއެވެ. ޒިއަން ހުރީ ރުޅި އައިސްގެން ފަޅައިގެންދާން ކައިރިވެފައެވެ. ޒިއަން ރާނީ ކައިރިޔަށް ތިރިވެ ތިރިވެ ހުއްޓައި މަންހާ އައިސް ޖެހިގަތީ ދެމީހުންގެ މެދަށެވެ. އަދި ވެއްޓިފައި އޮތް ރާނީގެ ކަރުގައި ހިފައި ބާރުކޮށްލިއެވެ.

"އަހަރެން ކަލޭ މަރާލާނަން" ދެ ދަތްޕިލަ ފިއްތައިލުމަށްފަހު މަންހާ ބުނެލިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް