މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެނިއްޖެނަމަ އަމަލު ކުރަންވީގޮތް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެދެއްވައިފިއެވެ.
އެ ޑިޕާޓްމެންޓުން ކުރައްވާފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކާ މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައެވެ. އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައި ކަމަށެވެ.
"މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައެވެ. ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެއެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ރަމަޟާން 1440 ( 03 ޖޫން 2019 ) ވާ ހޯމަ ދުވަހުގެ ހަވީރު 5.30 ން ފެށިގެން މި ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ސިޓީކައުންސިލް އިދާރާ ތަކާއި، އަތޮޅުކައުންސިލް އިދާރާތައް އަދި ރަށުކައުންސިލްއިދާރާތަކާއި އެރަށެއްގެ އަވަށުއޮފީސްތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.
"ވީމާ، މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ކައުންސިލްގެ އިދާރާއަށް ނުވަތަ އަވަށުއޮފީސް ތަކަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދެއްވުން އެދެމެވެ. ޑީޖޭއޭގެ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި ބުނެފައިވާގޮތުގައި ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ، ދިއުމުގެ ޓެކްސީޚަރަދު ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ހަނދާއި ބެހޭގޮތުން ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތެއް ވާނަމަ މި ޑިޕާޓްމަންޓުގެ ނަންބަރު 3006258 3006259 ފޯނަށް ގުޅުއްވުން އެދޭ ކަމަށާއި ރަށްރަށުގައިނަމަ ގުޅުއްވާނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ. މެޖިސްޓްރޭޓްނެތް ރަށެއްގައިނަމަ ގުޅުއްވާނީ އެރަށެއްގެ ކައުންސިލް އިދާރާ ނުވަތަ އަވަށުއޮފީހަށް ކަމުގައިވެސް ބުނެފައިވެއެވެ.
މިހެންވެ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް