އޭޑީކޭ އެވެ. ވަރަށް ބަރާބަރެވެ.

ކޮލަމް : މުޅިން ސަކަރާތް އަޅުގަނޑުގެ ދަރިފުޅު ޢުމައިރު ރޭ ސިޑިން ފައިބަމުން ބުންޏެވެ. '' ބައްޕާ! އޭ.ޑީ.ކޭ އިން ވަރަށް ރަނގަޅު ކަމެއް ކުރި ވާހަކަ ނޫހުގައި އޮތެއްނު، ބައްޕަ އެ ވާހަކަ ކިއިންތަ؟''- އަޅުގަ...

02 Jun 2019 | 04:27

ކޮލަމް : މުޅިން ސަކަރާތް

އަޅުގަނޑުގެ ދަރިފުޅު ޢުމައިރު ރޭ ސިޑިން ފައިބަމުން ބުންޏެވެ. '' ބައްޕާ! އޭ.ޑީ.ކޭ އިން ވަރަށް ރަނގަޅު ކަމެއް ކުރި ވާހަކަ ނޫހުގައި އޮތެއްނު، ބައްޕަ އެ ވާހަކަ ކިއިންތަ؟''- އަޅުގަނޑުގެ ދަރިފުޅު އެވާހަކަ ބުނި ރާގާއި އެކަމަކީ ވަރަށް މާތް ކަމެއްކަމަށް ޤަބޫލުކުރެވިގެން އެބުނި ގޮތް ފެނިފައި ހާދަހާ އުފަލެއް ވިއެވެ. ހިތަށް އެރީ ހާދަ ބަޔަކު އެކަމަށް ތަޢުރީފު ކުރާނެތާއެވެ. އަދި ހާދަ ބައެއްގެ ހިތުގައި އުފާވެރިކަމުގެ އިޙްސާސްތައް ހިނގަހިނގާ ހުންނާނެ ތާއެވެ.

2019 މޭ 31 ވަނަ ދުވަހު، ދުވަހު ނޫސް '' މިހާރު '' ގައި  '' ނިކަމެތި ދިރިއުޅުން އެންމެ 13 ދުވަސްތެރޭގައި އޭޑީކޭއިން ބަދަލުކޮށްލައިފި '' މި ސުރުޚީގެ ދަށުގައި ގެނެސްދީފައިވާ ލ. ހިތަދޫ އާރާސްތުގޭ އައިމިނަތު މުޙައްމަދާއި އޭނާގެ ފަސް ކުދިން ގެ ވާހަކަ ކިޔާލި މީހަކު، މިއަދު އުފަލުން ފޮޅޭނެއެވެ. މިހާތަނަށް އެ ޢާއިލާ އުޅެމުންދިޔަ ނިކަމެތި ޙާލު ލޮލުން ދެކި އަތުން ހިފުމަށްފަހު އޭޑީކޭ ކޮމްޕެނީން ވަނީ އެ ޢާއިލާއަށް ރީތި ގެއެއް މަރާމާތުކޮށްދީ ބޭނުންވާނެ ފަރުނީޗަރާއި އެހެންވެސް ތަކެތި ހޯދާދީފައެވެ. އެވާހަކަ ވަރަށް ތަފްޞީލްކޮށް ނޫހުގައި ގެނެސްދީފައި ވެއެވެ. އަދި އަސަރުން ފުރިފައިވާ ވީޑިއޯ ކޮޅެއްވެސް އެ ލިޔުމާއެކު ހިމަނާލައިފައިވެއެވެ.

ތެދެއް ބުނަން ހެއްޔެވެ! ކުރަންޏާ ކުރަންވީ މިފަދަ ހެޔޮ ކަންކަމެވެ. އިންސާނިއްޔަތައްޓަކާ ވިޔަސް އަދި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަތުމަށްޓަކާ ވިއަސް ކުރަންވީ މިފަދަ މާތް ކަންކަމެވެ. ނިކަމެއްޗަކަށް ހިނިތުންވުން ލިބިދޭފަދަ ކަންކަމެވެ. ބަޔަކަށް ދިރިއުޅުން ލިބޭފަދަ ކަންކަމެވެ. ހިތުގެ އަޑިން ޝުކުރު އަދާކުރެވޭފަދަ ކަންކަމެވެ.

[contentcards url="https://dhuvas.mv/86476" target="_blank"]

ރާއްޖޭގައި ވިޔަފާރީގެ ބޮޑެތި ކުންފުނިތަކާއި ތަފާތު ޚިދުމަތްތައް ދޭ އެކި ކުންފުނިތައް އެބަހުއްޓެވެ. އަދި މިފަދަ އެހީތައް އެކި ގޮތްގޮތުން ފޯރުކޮށްދޭ ތަންތަންވެސް އެބަހުއްޓެވެ. އެކި ބޭފުޅުންވެސް އެބަ ތިއްބެވެ. މިއީ އުފާކުރަންޖެހޭ ކަމެކެވެ. މިފަދަ ކަންކަމުން އެލިބޭ އުފާވެރިކަން ފަހަރުގައި ފައިސާއިން ގުނާފައި ޢަދަދު ނުކުރެވިދާނެ އެވެ. ނުވަތަ ސައިޒުން ނުދެއްކިދާނެ އެވެ. އެހެނަސް އެފަދަ އެހީތެރިކަން ލިބޭ ފަރާތްތަކުން ދޭ ހެޔޮ ދުޢާތައް މަދެއް ނުވާނެއެވެ.

ފާޑުކިޔަން ޖެހޭ ތަންތާގައި ފާޑުކިޔަންވެސް ޖެހޭނެއެވެ. ހިތްހަމަ ނުޖެހޭ ކަންކަމުގެ ވާހަކަވެސް ދައްކަން ޖެހޭނެއެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ކަންކަން ބުނަން ހެއްޔެވެ.

ބައެއްފަހަރު އެކި ކުންފުނިތަކުން އެތަނެއް އިޝްތިހާރު ކުރުމުގެ ނަމުގައި އެކޮށްލާ ޚަރަދުތައް ފެނި ދަތްކުނޑި ވިކިގެން ދެއެވެ. މިސާލަކަށް '' މޯލްޑިވިއަން އައިޑޮލް '' އޭ ކިޔައިގެން ބޭއްވި މުބާރާތަށް އެކި ކުންފުނިތަކުން މިލިއަނުން، ފަސް ލައްކައިން ނުވަތަ ދެންވެސް ކިޔޭނެ ބޮޑު ޢަދަދަކުން ސްޕޮންސަރ ކޮށް ފައިސާ ދީފައި ވެއެވެ. ކުރާކަމަކީ ދުނިޔެއެއް އާޚިރަތެއް ލިބެން ނެތްފަދަ ކަމަކަށް ޚަރަދުކޮށް ނަގަނީ އެވެ. އޭގައި ބައިވެރިވާ ފަރާތްތަކަށް ސުމާރެއް ނެތި ބޭކާރު ޚަރަދުތައް އެއިން ކުރުވަނީއެވެ. އެއްވެސް މަންފާއެއް ނެތްކަމަކަށް ހަމަ ހުސްކޮށްލާފައި ޚަރަދުކޮށް ނިންމަނީ އެވެ. މިކަން ކުރާ ފަރާތްތަކުން ދެކެނީ އެއީ ތިމަންނަމެންގެ ކުންފުނި '' އިޝްތިހާރު '' ކުރުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. އެހެންވެ އެކަމާ ހިތްހަމަ ޖައްސާލައިގެން ތިބެނީއެވެ.

އިޝްތިހާރުވެސް ކުރަންވާނެއެވެ. އެހެނަސް އިސްކަން ދޭންވީ އެފައިސާއިން ކުރެވޭ ޚަރަދަކީ މިކަހަލަ އިންސާނިއްޔައްތަށްޓަކާ ކުރެވޭ ޚަރަދަކަށް ހެދުމަށެވެ. ޙަޤީޤަތުގައި އޭރުން އެ ބަލައިގަންނަ މީހުންގެ ހިތުގައި އެ ދެވޭ ޤަދަރު މާ މަތިވާނެއެވެ. އަދި އެކަން ތާ އަބަދަށް ދެމިހުންނާނެއެވެ. އޭރުން އެ ވެވޭ އިޝްތިހާރު މާ ބޮޑުވާނެއެވެ. ނޫސް މަޖައްލާތަކާއި ސޯޝަލް މީޑިއާގައިވެސް އެވާހަކަ ދައުރު ކުރާނެއެވެ. ދެ ލޯބިވެރިން ބައްދަލުވިޔަސް އެވާހަކަ ދައްކާނެއެވެ. ތަޢުރީފާއެކު އެވާހަކަ ޙިއްސާ ކުރާނެއެވެ.

[contentcards url="https://dhuvas.mv/86290" target="_blank"]

އަޅުގަނޑުގެ ނަޒަރުގައި އޭޑީކޭ އިން މި ކުރިފަދަ މާތް ކަންކަމަކަށް ޚަރަދު ކުރުމުން ލިބޭ އެތައް ފައިދާތަކެއް އެބަހުއްޓެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި ނިކަމެތި ބަޔަކަށް އެދެވޭ އެހީތެރިކަމެއްގެ ސަބަބުން އެ ބަޔަކަށް އުފާވެރި ޙަޔާތެއް އެބަ ހޯދައިދެވެއެވެ. އެތައް ބައެއްގެ ހެޔޮދުޢާ އެބަ ލިބެއެވެ. ﷲ ގެ މަގުގައި ކުރެވޭ ހޭދައެއް އެކަލާނގެ ނެތިނުކުރައްވަވާނެއެވެ. އެއަށްވުރެ މަތީ ނިޢުމަތެއް ކޮބައިތޯއެވެ؟ އަދި މިއީ ރާއްޖޭގެ ކުދި ބޮޑު އެންމެން ފާހަގަ ކުރާނެ ރަނގަޅު ކަމަކަށްވާއިރު އެއީ ކުޑަކަމެއްތޯއެވެ.

ލ. ހިތަދޫ އާރާސްތުގޭ އައިމިނަތު މުޙައްމަދާއި އޭނާގެ ފަސް ކުދިން ގެ ވާހަކަ ކިޔަމުން ދިޔައިރު ޔަޤީންވި އެއްކަމެއް އެބައޮތެވެ. އެއީ އެ މާތް މަޤްޞަދު ޙާޞިލް ކުރުމަށް ކުރެވިފައިވާ މަސައްކަތުގެ ހަލުވި ކަމާއި އެކަމަށް ހޭދަވާނެ ޚަރަދަކީވެސް ކުޑަ އެއްޗަކަށް ނުވާނެކަމެވެ. މުދާ ބަރުކޮށްގެން ލ. އަތޮޅަށް ދޯންޏެއް ދިއުމާއި ގެންދިޔަ ސާމާނާއި، ގެ ނިމުނު އިރު ހުރިގޮތާއި ގެއަށް ބޭނުންވާ ސާމާނަށް ބަލާއިރު އެއީ ލައްކަ އެއް ދެ ލައްކަ ރުފިޔާއިން ނިންމާލެވޭނެ ކަމެއް ނޫނެވެ. ސީދާ ދިޔަ ޚަރަދު ނޭގުނަސް ގެ މާރާމާތާއި ފާޚާނާ އާއި ބަދިގެ އަދި ފަރުނީޗަރ ފަދަ ޚަރަދުތަކަށް ބަލާއިރު ހަތަރު ފަސްލައްކައެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މިއަށް ވުރެ ބޮޑުވުން ވެސް އެކަށީގެންވެއެވެ. އެއްކަލަ އައިޑޮލް ފަދަ ތާކުންތާކު ނުޖެހޭ ކަމަކަށް ކުންފުނިން ބޭކާރު ޚަރަދުތަކެއް ކުރުމުގެ ބަދަލުގައި މިފަދަ ކަމަކަށް ޚަރަދު ކުރުމުން އެ ޚަރަދު ކޮށްދެވެނީ މުޅި އިންސާނިއްޔަތަށްޓަކައެވެ. ބޭނުންތެރި އަބަދަށް ދިރިހުންނާނެ ފަދަ ކަމަކަށެވެ.

ނިންމާލަމުން އޭޑީކޭ ގެ މި މަސައްކަތަށް އައްސަރިބަހާ ސާބަސް ދެމެވެ. އަދި މިކަހަލަ މަންޒަރުތައް އަދިވެސް ތަކުރާރުވާނެ ކަމަށް އުއްމީދުވެސް ކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް