ބޮޑަށް ބެލެވޭ ގޮތުގައި މި އަހަރުގެ ރަމަޟާން މަސް ފެށޭ ދުވަހަށް ވާނީ އަންނަ ހޯމަ ދުވަހެވެ. އޭގެ ކުރީ ދުވަސް ކަމުގައިވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކަނޑައެޅުއްވުމާއެކު ރޯދަ މަހަށް ތައްޔާރުވުމަށް ރައްޔިތުންނަށް މިވަނީ ހާއްސަ ދުވަހެއް ލިބިފައެވެ.
ކޮންމެއަކަސް ރޯދަ އަށް ހަނދު ބެލުން އޮތީ އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ. ނަމަވެސް އޭގެ މާ ކުރިން މިއޮތީ މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިފައެވެ. ހަނދު ފެނިފައިމިވަނީ ދުވަހަށް ލިބިފައިވާ ރަމަޟާން މުބާރަކު ވީޑިއޯއަކުންނެވެ.
މި ވީޑިއޯއިން ފެންނަނީ ރަމަޟާން މަހުގެ ހަނދެވެ. ބެކްގްރައުންޑުން އިވެނީ ކުދިންތަކެއް ވާހަކަ ދައްކާ އަޑެވެ.
"މި ކޯއްޗެއް" އެއް ކުއްޖަކު ބުނާއިރު "ތި ހަނދެއްނޫ" މިހެން އެހެން ކުއްޖަކު ބުނެއެވެ. "އޭ ކީއްވެ މިތަނުން ފެންނަނީ؟" ކުރިން ސުވާލުކުރި ކުއްޖާ އަނެއްކާވެސް އިތުރު ސުވާލެއް ކުރެއެވެ. ޖަވާބުގައި އަނެއް ކުއްޖާ ބުނަނީ އެއަށް ފެން އަޅާފައި ހުރުމުން ކަމަށެވެ. އެހެން ކުއްޖަކު "ދައްކާލަބަ ބަލަން" ބުނާ އަޑު އިވެއެވެ.
އިރުކޮޅަކުން ފެން އަޅާފައި ހުރި އެތި ތަޅުވާލައެވެ. އަދި ހަނދުވެސް ފެނުގެ ތެރެއިން ތޮޅިލައެވެ. ކުދިންތައް އުފަލުން އުޅޭ އަޑު އިވެއެވެ. އަދި އެއަށްފަހު "ރަމަޟާން މުބާރަކް" އަރަބި ބަހުން ފެނިގެން ދެއެވެ.
މިއީ ކުރީ ޒަމާނުގައި ހަނދު ބަލަން ބައެއް ރަށްރަށުގައި ކަން ކުރަމުންދިޔަ ގޮތެވެ. ކަރުމައްޗަށް ޖަހައިގެން ތިބުމުގެ ބަދަލުގައި އެއްޗަކަށް ފެން އަޅައިގެން ތިބެ އެ ފެން އެތިން ހަނދު ފެނޭތޯ ބަލަތެވެ. އަދި ހަނދު ފެނުމުން އެއް ރަށުން އަނެއް ރަށަށް އެކަން އެންގުމަށްޓަކައި އަތިރި މަތީގައި އަލިފާން ރޯކޮށް އެއް ރަށުން އަނެއް ރަށަށް އެކަން އަންގައެވެ.
އުތީމާ އާދަމް ޢަބްދުއްރަޙްމާނު ލިޔުއްވި ”ދިވެހީންގެ ދިރިއުޅުން“ މި ފޮތުގައި ދިވެހިން ކުރިން ހަނދު ބަލާގޮތާއި ހަދު ފެނުމުން އެއް ރަށުން އަނެއް ރަށަށް އެއް ބަޔަކު އަނެއް ބަޔަކަށް މިކަން އަންގާގޮތް ބުނެދެއްވާފައިވެއެވެ. އެއީ މީގެ 40 ވަރަކަށް އަހަރު ކުރިން އެކަން ކުރަމުން އައި ގޮތެވެ.
”ފަލަކީ ޢިލްމުން ހަނދު ސާބިތު ކުރުމުގެ ޒަމާން އައުމުގެ ކުރީގައި ރާއްޖޭގައި ހަނދު ސާބިތުކޮށް ހަދަނީ ހަނދުބަލައިގެނެވެ. ތަޞައްރަފު ފުދިފައިވާ ބަޔެއްގެ ހަމަ ލޮލަށް ހަނދު ފެނުމުން އެމީހުންގެ ބަހުގެ މައްޗަށް ހަނދު ސާބިތު ކުރަނީ އެވެ. އަދި ފަޅު ރަށެއްގައި ތިބި ބަޔަކަށް ހަނދު ފެނިއްޖެ ނަމަ ހުޅު އަޅައިގެން ކައިރީގައިވާ ރަށްރަށާއި އެ ހިސާބުން ދަތުރުކުރާ އުޅަނދު ފަހަރުގައި ތިބި ބަޔަކަށް އެކަން އަންގާ ހަދައެވެ. (އާދައިގެ ގޮތުގައި ހުޅު އެޅުމަކީ ރަށެއްގެ އަތިރި މަތީގައި ނޫނީ ހޭޅިން އަތިރީގައި ތިބެ ކޮންމެވެސް އެއްޗެއްގައި ރޯކޮށްގެން އެ އަލިފާންގަނޑު ހޫރުވުމެވެ.)" އެ ފޮތުގައި ލިޔުންތެރިޔާ ލިޔުއްވާފައިވެއެވެ.
ބަރަކާތްތެރި ރަމަޟާން މަސް ފެށެން ދެން އޮތީ އެންމެ ތިން ދުވަހެވެ. އެ ވީޑިއޯ ދުވަހަށް ފޮނުވި ފަރާތުގެ ނަމުގައްޔާއި ދުވަސް ޓީމުގެ ނަމުގައި ދުވަހުގެ އެންމެހާ ކިޔުންތެރިންނަށް ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް