ބުރުސޫރަ- އެކާވީސް ވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... ޒިއަން އާއި ރާނީ ގާތްވާ ވަރަކަށް މަންހާގެ ހިތް ދިޔައީ ތެޅެމުންނެވެ. ބަގީޗާ ތެރޭގައި ރާނީ އާއި ޒިއަންގެ ހަރަކާތްތަކަށް ފާރަލާން ހުރި މަންހާގެ ހިތުގައި ހިނގަމުން ދިޔަ ތޫފާނުގެ އަޑު...

02 May 2019 | 09:54

ކުރީގެ އަދަދާ ގުޅޭ...

ޒިއަން އާއި ރާނީ ގާތްވާ ވަރަކަށް މަންހާގެ ހިތް ދިޔައީ ތެޅެމުންނެވެ. ބަގީޗާ ތެރޭގައި ރާނީ އާއި ޒިއަންގެ ހަރަކާތްތަކަށް ފާރަލާން ހުރި މަންހާގެ ހިތުގައި ހިނގަމުން ދިޔަ ތޫފާނުގެ އަޑު ހުދު މަންހާގެ ކަންފަތަށް ވެސް އިވެމުން ދިޔައެވެ. އެ ވޭންދެނިވި އިހުސާސްތަކުގެ މައްޗަށް ރުޅިވެރިކަން ގަދަވާން ފެށުމުން މަންހާ ދުވެލާފައި އެތަނުން ދިޔައެވެ.

"ފިޔަވަޅެއްގެ އަޑު އިވުންތަ؟" ރާނީ ޒިއަން އާއި ދުރުވެލަމުން ފަހަތް ބަލައިލިއެވެ. ޒިއަން ނޭންގެއޭ ބުނެ ކޮނޑު އަރުވައިލިއެވެ.

"ހިނގާ ކޮޓަރިއަށް..." ރާނީގެ އަތުގައި ހިފާ ދަމައިލަމުން ޒިއަން ބުނެލިއެވެ. އެޔާއި އެކީ ރާނީ ވެސް ޒިއަންގެ ފަހަތުން ހިނގައިގަތެވެ.

ކޮޓަރިއަށް ވަދެވުމާއި އެކީ ބާރު ބާރަށް ދޮރު ޖެހުމަށްފަހު އެނދު މައްޗަށް މަންހާ ވެއްޓިގަތެވެ. ބެޑްޝީޓުގައި މޫނު ފޮރުވައިގެން އޮވެ މަންހާ ރޮމުން ދިޔައެވެ. އިރުކޮޅަކު މިހެން އޮތުމަށްފަހު ތެދުވެ ހުރިހާ ބާލީހެއް އުކައިލިއެވެ. މަންހާގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އައި ރުޅީގައި އަތުޖެހުނު އެއްޗެއް އުކަން ފެށިއެވެ. ޑްރެސިން ޓޭބަލް މަތީގައި ހުރި ހުރިހާ އެއްޗެއްވެސް ވަރައިލިއެވެ. އެވަގުތު މުޅި ކޮޓަރި ތެރޭ ހީވީ ބޮމެއް ގޮވިހެންނެވެ. ނަމަވެސް މަންހާ އެއްވެސް ކަމަކާ އަޅައެއް ނުލައެވެ. ދެން ފެށީ މުޅި ކޮޓަރީގައި މޮޔައަކު ފަދައިން އެނބުރޭށެވެ. މަންހާ ހުރީ މާނޭވާ ލެވިފައެވެ.

"ރާނީ ޖެހޭނީ މިގެއިން ދާން..." ކުއްލިއަކަށް ކޮޓަރީގައި ހުރި ދޮރުފޮތިގަނޑު މަންހާ ދަމައިގަތެވެ. މަންހާގެ އަތައް އޮޅިފައި އޮތް ދޮރުފޮތިގަނޑު އެއްލައިލުމަށްފަހު ދެން ވަނީ ފާހާނާއަށެވެ. ފާހާނާއަށް ވަނުމަށްފަހު މޫނު ދޮވެގެން އައިސް ކޮޓަރީގެ ހުރިހާ ބޮތްކެއް ނިއްވައިލުމަށްފަހު އެނދުމަތީގައި އޮށޯތެވެ.

"ޒިއަން އެއީ އަހަރެންގެ މީހެއް... ރާނީ ޖެހޭނީ މިގެއިން ދާން" މަންހާ ބަނދިވަރެއްހެން މިހެން ކިޔަމުން ދިޔައެވެ.

***

ރޭގެ އުވާވެރި އަދި މަސްތީ ވަގުތުތަކަށް ފަހު ޒިއަން އާއި ރާނީ އަށް ނިދުނީ ވަރަށް ލަހުންނެވެ. ޒިއަން އަށް ކުއްލިއަކަށް ހޭލެވުނީ ވަރަށް ބޮޑަށް ކެއްސައިގަނެގެންނެވެ. ލޯ ހުޅުވައިލުމަށްފަހު އެނދު ބަލައިލިއިރު ރާނީ އެއް ނެތެވެ. ޒިއަން ތެދުވެ ފެން ފޮދެއް ބޯލުމަށްފަހު ފާހާނާ ބަލައިލިއެވެ. ބޭރަށް ދިޔައީ ކަމަށްވެސް ވެދާނެއެވެ. ޒިއަން ގަޑި ބަލައިލިއިރު ދިހައެއް ޖަހައިފިއެވެ.

ޒިއަން ފެންވަރައިގެން ނިކުތްއިރު ރާނީ އިނީ ބަދިގޭގައި މަންމަ އާއި އެކީ ބަނބުކެޔޮ ތަކެއް ކޮށާށެވެ.

"ޒިއަން މަންމަ މިއުޅެނީ ބޮނޑިބަތް ކައްކަން... ގެންނައްޗޭ މާޒިން..." ބޮނޑިބަތަކީ މާޒިންއަށް ވަރަށް މީރު އެއްޗެއް ކަމުން ޒިއަން ފެނުމާއި އެކީ ބުނެލިއެވެ. ޒިއަން އައިސް ކާ މޭޒު ދޮށުގައި އިށީނުމުން ރާނީ އައިސް ސައި ހަދައިދިނެވެ.

"މަންމަ އަށް ވަރަށް ފަސޭހަ ދެން" އެމަންޒަރު ފެނުމުން ޒާހިދާ ބުނެލިއެވެ.

"ޒިއަން ޓެސްޓް ފެށެނީ އެއްނު... ކިޔަވަންވާނެ އިނގޭ" އަނެއްކާވެސް ޒާހިދާ ބުނެލިއެވެ. ޒިއަން ބޯ ޖަހައިލިއެވެ. އިރުކޮޅެއް ފަހުން ޒައިނާ ވެސް އައިސް ކާ ކޮޓަރިއަށް ވަނެވެ. ބަދިގެޔާއި ކާ ކޮޓަރި އިންނަނީ ކުޑަ ފާރަކުން ވަކިކޮށްލާފައި ކަމުން ބަދިގެ ތެރޭ ކުރާ ކަންކަން ވަރަށް ރީއްޗަށް ފެނެއެވެ. ޒައިނާ ވެސް ފުރަތަމަ ބަލައިލީ ރާނީ އަށެވެ. މިގޭގައި މަންމަ ނޫނީ އިތުރު މީހަކު ކައްކާކަށް ނުވަންނާނެއެވެ. ޒައިނާ ވެސް ކަމެއް ކޮށްލާނީ ހިތައް އެރިއްޔާއެވެ. އެކަމާ ޒާހިދާ އެއްވެސް ވަރަކަށް ޝަކުވާއެއް ނުކުރެއެވެ. ދެން އަންނާނީ ހުކުރު ދުވަހަށް އަންނަ ބަންގްލަދޭޝް މީހާއެވެ. ރާނީ ފެނުމުން ޒައިނާ ވެސް ކުޑަކޮށް ހައިރާންވިއެވެ.

"މުރާލި ކުއްޖެއް ޒިއަން ތި ގެނައީ" މޭޒު ދޮށުގައި އިށީންނަމުން ޒައިނާ ބުނެލިއެވެ.

"މަންމަ ބުނިން ބަހައްޓާށޭ ވެސް..." ޒާހިދާ ބުނެލިއެވެ.

"ރާނީ އަކީ މުރާލި ކުއްޖެކޭ މަންމާ... ބަހައްޓަބަލަ..." ޒިއަން ބުނެލިއެވެ. ރާނީ ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުމުގެ ހުއްދަ ޒިއަން ދޭނެއެވެ.

"އެކަމަކު ދެން ތި އިސްތަށިގަނޑު ބަނދެލަބަލަ ކިހާ އުނދަގޫ ވާނެ" ތިރީގައި ދެމެމުންދިޔަ ރާނީގެ އިސްތަށިގަނޑު ފެނުމުން ޒައިނާ ބުނެލިއެވެ.

"އޯކޭ ވާނެ" ރާނީ އިއްވައިލިއެވެ. އެންމެން ވާހަކަ ދައްކަން ތިއްބައި ރާނީ ހުރިހާ ބަނބުކޭލެއް ކޮށައި ނިންމައިލިއެވެ. ދެން ރާނީ އުޅުނީ ބޮނޑިބަތް ކައްކަން އުދާށެވެ. އަނެއްކާވެސް ހައިރާން ކުރުވަނިވި ކަމެކެވެ. މިހާރުގެ ކުއްޖަކަށް ބޮނޑިބަތް ކައްކަން އިނގުމުން ޒާހިދާ ހުރީ ހައިރާންވެފައެވެ. ރާނީ އަކީ މިހާ މޮޅު ކުއްޖެއް ކަމެއް ޒިއަން އަކަށްވެސް ނޭންގެއެވެ. ގޭތެރޭގެ މަސައްކަތްތައް ރާނީއަށް ދަސްވެފައި އެބަހުއްޓޭ ޒިއަންގެ ހިތައް އެރިއެވެ.

"މަންހާ ނުތެދުވޭތަ؟" ޒާހިދާ އަހައިލިއެވެ. އެ ސުވާލަށް އެކަކުވެސް ޖަވާބެއް ނުދިނެވެ. އެގޭގައި މަންހާގެ ވާހަކަ އަހައިލަނީ ޒިއަންގެ މައިންބަފައިން އެކަންޏެވެ. އެއީ މީހަކު ހަވާލުކޮށްފައިވާ އަމާނާތެއް ކަމުން މަންހާ އުޅޭ ނޫޅޭ ގޮތް ބެލުމަކީ އެދެމަފިރިންގެ ވާޖިބެކެވެ.

މަންހާ އަށް ހޭލެވުނީ ފޯނަށް މީހަކު ގުޅާ އަޑަށެވެ. މަންހާ ކުޑަކޮށް ބޯ ހިއްލައިލުމަށްފަހު ފޯނު އަތުޖެހޭތޯ ބަލައިލިއެވެ. ކުޑަކޮށް ލޯ ހުޅުވައިލުމަށްފަހު ފޯނަށް ބަލައިލިއިރު ގުޅަނީ އީމާން އެވެ. ފޯނު ސައިލެންޓަށް ލުމަށްފަހު މަންހާ އަނެއްކާވެސް މޫނު މަތީގައި ބާލިސް އެޅުމަށްފަހު ލޯމަރައިލިއެވެ. އިރުކޮޅަކު އޮތުމަށްފަހު މޫނު މަތިން ބާލިސް ނަގައި ކޮޓަރި ތެރެއަށް ބަލައިލިއެވެ. އެޔާއި އެކު ދެލޯ ބޮޑުވެގެން ދިޔައެވެ. ކުއްލިއަކަށް މަންހާ އެނދުން ތެދުވެ މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލިއެވެ.

ރޭގައި އޭނާއަށް އުޅެވުންގޮތް ހަނދާންވުމުން މަންހާގެ ގައިން ދާހިތްލައިގަތެވެ. މީހަކަށް ފެނުމުގެ ކުރިން އަވަސް އަވަސް ކޮށްލާފައި ހުރިހާ އެއްޗެއް ތަޅަންމަތިން ނަގަންފެށިއެވެ. ތެޅިފައި އޮތް ސެންޓް ފުޅީގެ ބިއްލޫރިތައް ނަގައި ސާފުކޮށްލިއެވެ. ޑްރެސިން ޓޭބަލް މަތި ރީތިކޮށްލުމަށްފަހު ދޮރު ފޮތިގަނޑު ވެސް އެޅުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެތަން ހަލާކުވެފައި އިނުމުން އެޅުވޭ ގޮތެއް ނުވިއެވެ. ކުޑަކޮށް ހަމަޖެހިލުމަށްފަހު މަންހާ ފާހާނާއަށް ވަނެވެ.

ޒިއަން ގެއިން ނިކުމެ ނިކުމެ ހުއްޓައި ފެނުނީ އާލިމް ގޭ ކުރިމަތީގައި ސައިކަލު ޕާކު ކުރަނިކޮށެވެ. ޒިއަން ކުޑަކޮށް މަޑުކޮށްލިއެވެ. އާލިމް އައިސް ޒިއަންގެ ކުރިމަތީގައި މަޑުކޮށްލިއެވެ.

"ޒިއަން ކިހިނެއް؟" މޫނުމަތީގެ ހާސްކަން ފޮރުވަމުން އާލިމް އަހައިލިއެވެ. ރުޅިވެރި މޫނެއް އާލިމްއަށް ދައްކައިލުމަށްފަހު ޒިއަން ނިކުމެގެން ދިޔައެވެ. ޒިއަން ދިޔަ ދިމާލަށް ބަލައިލުމަށްފަހު އާލިމް ގޭތެރެއަށް ވަންނަން ދިޔައެވެ.

ޒިއަންއަށް އާލިމްގެ ހަގީގަތް އިނގުން ދުވަހުން ފެށިގެން އާލިމް އަށް ނަފްރަތު ކުރެއެވެ. އޭނަގެ ކުޑޫގެ މުޅި ދިރިއުޅުން ބަނަކޮށްލި މީހަކީ އެއީއެވެ. ޒިއަން އަށް ވެގެން ނަމަ މިހާރު އާލިމް ޒައިނާގެ ހަޔާތުން އެއްފަރާތް ކުރިތާ ކޮން ދުވަހެއް ހެއްޔެވެ. ނަމަވެސް ޒައިނާގެ ހިތުގައި އާލިމް އަށްޓަކައި ވާ ލޯތްބެއްގެ ސަބަބުން އާލިމް އާއި ދިމާލަށް އެއްވެސް އެއްޗެއް ބުނަން ނުކެރެނީއެވެ. ސަބަބަކީ ޒައިނާ ދެރަވެދާނެތީއެވެ.

އާލިމް ގޭތެރެއަށް ވަތްއިރަށް ފުރަތަމަ ވެސް ދިމާވީ ރާނީ އާއެވެ. ނުވެސް ދަންނަ މީހެއް ގެއަށް ވަނުމުން ރާނީ އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ރާނީ ތަންކޮޅެއް ބާރަށް ހިނގާފައި ގޮސް ކާކޮޓަރިއަށް ވަދެ ކޮންމެވެސް މީހަކު އައިސް ހުރި ވާހަކަ ޒައިނާ ކައިރީ ބުނެލިއެވެ. ޒައިނާ އިނީ ކާމޭޒު ދޮށުގައި މަންމައާ ވާހަކަ ދައްކާށެވެ.

"އެބަ އަންނަން ބަލާލާފަ" ޒައިނާގެ ފަހަތުން ރާނީ ވެސް ނިކުތެވެ.

އާލިމް ފެނުމުން ޒައިނާ ކުޑަކޮށް ސިހުނެވެ. ނަމަވެސް އެކަން ފޮރުވަމުން އާލިމް އަށް ބަލައިލުމަށްފަހު ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ފަހަތުން އާލިމް ވެސް ގޮސް ވަނެވެ. އެވީގޮތެއް ރާނީ އަކަށް ނުވިސްނުނެވެ. ކުޑަކޮށް ވިސްނާލަން ހުރެފައި ރާނީ ދިޔައީ ބަގީޗާއަށެވެ.

"އާދޭސް ކުރާންތަ ތިއައީ؟" ޒައިނާ ފުރަތަމަ ވެސް ބުނެލީ މިހެންނެވެ.

"ޒައިނާ އަށް ބެލޭނެތަ ދެ ކުދިން؟" އާލިމް ވެސް ހަމަ އެރާގަށް އަހައިލިއެވެ. ޒައިނާގެ ލޮލުން ކަރުނަ ހިލުނެވެ.

"ކީއްވެގެންތަ ނުބެލެންވީ؟ އާލިމް ދެކެ ވާ ލޯބި އެކުދިން ދެކެވެސް ވާނަމޭ..." ޒައިނާ އަށް އިހްތިޔާރަކާއި ނުލައި އާލިމްގެ ގައިގައި އޮޅުލައިގަނެވުނެވެ.

"މި ހަފްތާ ކޮންމެވެސް ގޮތެއް ނިންމާނަން... ޕްލީޒް ޒައި ވަރި ފޯމު ނުލައްޗޭ ޕްލީޒް" އާލިމް ބުނެލިއެވެ. ޒައިނާ އާލިމް އާއި ދުރުވެލިއެވެ.

"ފައިން.. އެންމެ ހަފްތާއެއް... އަހަރެން ނޫނީ އަހުދާ" ޒައިނާ މިހެން ބުނުމުން އާލިމް އަށް އާނ އެކޭ ބުނަން ވަގުތުކޮޅެއް ނެގިއެވެ. ނަމަވެސް މާގިނައިރު ވިސްނަން ނުހުރެ އެއްބަސްވީ ޒައިނާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެހެން މީހެއް ނަމަ މިހާރު އަތުން ބީވިތާ ކޮން ދުވަހެއް ހެއްޔެވެ. ޒައިނާ އޭނާ ދެކެ ވަނީ ހަގީގީ ލޯބިކަން މާ ރަގަޅަށްވެސް އާލިމް އަށް އިނގެއެވެ. އެ ލޯބި ބީވެދާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް ހެވެވެ. އާލިމް ޒައިނާ އާއި ވަކިވާކަށް ބޭނުމެއް ނޫނެވެ.

***

ސައި ބޮއެގެން މަންހާ ނިކުތީ ރާނީ ކޮބައިތޯ ބަލައިލާށެވެ. އޭނާގެ ކަމަކީ މިހާރު ރާނީ އަށް ފާރަލުމެވެ. މުޅި ގެ ބެލިއިރުވެސް ރާނީ އެއް ނުފެނުނެވެ. ދެން މަންހާ ދިޔައީ ބަގީޗާ ތެރެއަށެވެ. އޭރު ރާނީ އިނީ އުޑުފައިން އިށީންދެ ގަހަކާއި ކުޅޭށެވެ. އެގަހުގައި ހުރި ހަޑި ފަތްތައް ނައްޓުވަން ރާނީ އިނީ ވަރަށް ހިތްހަމަޖެހިލައިގެންނެވެ. ފަހަތުން ހިޔަންޏެއް އެޅުންހެން ހީވެގެން ރާނީ ފަތަށް އެނބުރެ މައްޗަށް ބަލައިލިއެވެ. އޭރު މަންހާ ހުއްޓިގެން ހުރީ ރާނީ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. ރާނީ ތެދުވަން އުޅުމުން މަންހާ އެރީ ބިންމަތީ ކޭއްތެމުން ދިޔަ ރާނީގެ އިސްތަށިގަނޑަށެވެ. މަންހާގެ ފައިން އަރައި ކުއްލިއެއް ޖެހުމުން، ވީ ތަދުން ރާނީގެ އަނގައިން "އާހ" އެއް ނިކުތެވެ.

"އޯ ސޮރީ" ރާނީގެ މޫނަށް ބަލައިލަމުން މަންހާ ބުނެލިއެވެ. އަދި ކުޑަކޮށް ދުރުވެލިއެވެ. މަންހާގެ މޫނަށް ބަލައިލުމަށްފަހު ރާނީ އެތަނުން ދާން ހިނގައިގަތެވެ. އެއީ މަންހާ ގަސްތުގައި ކުރިކަމެއްކަން ރާނީއަށް އިނގެއެވެ.

"ރާނީ" މަންހާ ރާނީ އަށް ގޮވައިލިއެވެ. ރާނީ ބަލައިލިއެވެ.

"ހާދަ ބޮޑަކަށް މޫނަށް އިސްތަށިގަނޑު ވައްޓައިގެން ތިހުރީ ދައްކަބަލަ..." މަންހާ އަތްލަން އުޅުމުން ރާނީ އެއަތުގައި ހިފެހެއްޓިއެވެ. އެޔާއި އެކީ މަންހާ ރާނީގެ އަތް ފޮޅުވައިލިއެވެ.

"ހާދަ ފޮންޏޭ... ޒިއަންއާ އިނދެވުނީމަ ފޮނިބޮޑުވެފަ ދޯ... ބަލަން ހުންނައްޗޭ ދެން..." މަންހާ ރާނީ އަށް ލޯ އަޅައިލިއެވެ. ރާނީގެ ލޮލުން އެއްވެސް ތަފާތު އަސަރެއް ނުފެނެއެވެ.

"މާ ރީތި މީހެއް ކަމަށް... ކަލޭ އެއްވެސް ރީއްޗެއް ނޫން... ހަންޑި އަންހެނާ!!" މިހެން ބުނުމަށްފަހު މަންހާ އެތަނުން ހިނގައްޖެއެވެ. މަންހާ އަކީ ބޮޑު ގޯހެއްކަން ރާނީ އަށް ވިސްނުނެވެ. ރާނީ އުޅެން ޖެހޭނީ ވަރަށް ވިސްނައިގެންނެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް