އަދީބު ގޭ ބަންދަށް ބަދަލު ކުރުމަށް ކުރި އަމުރަށް ސުޕްރީމް ކޯޓުން ތާއީދު ކޮއްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލު ކުރަން ހައިކޯޓުން ކުރި އަމުރަށް ސުޕްރީމް ކޯޓުން ތާއީދު ކޮއްފިއެވެ. މިއަދު ސުޕްރީމް ކޯޓުގައި ވަނީ ހައުކޯޓުގެ އަމުރު އިސްތިއުނާފު އަޑުއެހުން ކުރިއަ...

02 May 2019 | 08:30

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލު ކުރަން ހައިކޯޓުން ކުރި އަމުރަށް ސުޕްރީމް ކޯޓުން ތާއީދު ކޮއްފިއެވެ.

މިއަދު ސުޕްރީމް ކޯޓުގައި ވަނީ ހައުކޯޓުގެ އަމުރު އިސްތިއުނާފު އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. އަޑުއެހުން ތާވަލު ކުރީ މިއަދު 10:15 އަށެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އަދީބުގެ ފަރާތުން އެންމެ ފުރަތަމަ މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމީ ގައިދީން ބޭރަށް ފޮނުވުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖްރާއާތުތައް ފުރިހަމަ ކޮށްފައި ނުވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެހެންކަމުން ސިވިލް ކޯޓުގެ އެ ނިންމުން އަދީބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. އަދި ހައިކޯޓުގައި ކުރިއަށް ގެންދިޔަ އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި އެ ކޯޓުން ވަނީ އަދީބުގެ ބޭސްފަރުވާ ނިމެންދެން އޭނާ ގޭ ބަންދަށް ބަދަލު ކުރުމަށް އަމުރު ކޮށްފައެވެ.

އެގޮތުން ހައިކޯޓުގެ އަމުރު ދައުލަތުން އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުން، ހައި ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރުމަށް އަންގައި އަމުރެއް ނެރެފައެވެ. މި އަމުރުގައި ބުނެފައި ވަނީ އަދީބުގެ ގޭބަންދު އަމުރު ކޯޓުން ބަލައި ވަކި ގޮތެއް ނިމެންދެން ހައިކޯޓުގެ އަމުރު ތަންފީޒު ނުކުރުމަށެވެ.

މިއަދު ސުޕްރީމް ކޯޓުން އެ މައްސަލައިގައި ވަނީ އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާ ގޭބަންދަށް ބަދަލު ކުރަން ޖެހޭ ކަމަށް ކަނޑައަޅައި ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް