ހަތް ދިވެއްސަކު ޝާމިލްވެގެން ރަހީނުކޮއްފައިވާ ބިދޭސީއެއް ހޯދާ މައްސަލައިގެ ތުހުމަތު ކުރެވޭ އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މި މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް 02:36 ހާއިރު ކަމަށް ބުނެފައިވެއެވެ.
ރަހީނު ކޮއްފައި ހުރީ 29 އަހަރުގެ ބިދޭސީ އެއް ކަމަށާއި މި މީހާ ހޯދާފައިވަނީ ނިކަގަސް މަގުގައި ހުންނަ ގޯޅިއެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.
ރަހީނު ކޮއްފައިވާ މީހާ ގައިގާ ތަޅާ އަނިޔާ ކޮއްފައި، ދެ ފޯނާއި ކަރުގައި އޮތް ފަށުގެ އިތުރުން ތަޅުދަނޑި ފައްޗެއް ފޭރިގަނެފައިވެއެވެ.
ރަހީނު ކޮއްފައިވާ މީހާގެ ރައްޓެއްސަކަށް ގުޅާ އޭނާ މިނިވަން ކުރާނީ 40000 ރުފިޔާ ދިނުމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި ފައިސާއާ ހަވާލު ވާން ކެންގަރޫ ކިޑްސް ކައިރިއަށް ދިޔަ ކަމަށާއި، ފައިސާއާ ހަވާލުވާން ދިޔަ ބިދޭސީ މީހާވަނީ ހައްޔަރު ކޮއްފާކަމަށް ފުލުހުން ބުނެއެވެ. ހައްޔަރު ކޮއްފައިވަނީ 42 އަހަރުގެ ފިރިހެނެކެވެ.
މި މީހާ ހައްޔަރު ކުރުމަށް ފަހު އިތުރު މައުލޫމާތު ހޯދާ ރަހީނު ކޮއްފައިވާ މީހާ ހުރި ސަރަހައްދަށް ދިއުމުން ތުހުމަތު ކުރެވޭ އިތުރު މީހުން ފިލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ މިހާރު ދަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް