މާލީ ބަޔާން ހުށަނާޅާ ކެނޑިޑޭޓުންނަށް ދައުވާ ކުރަން ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މާލީ ބަޔާން ހުށަނާޅަނީ...

02 May 2019 | 07:24

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މާލީ ބަޔާން ހުށަނާޅަނީ 36 ފަރާތެއް ކަމަށާއި އެ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އަދި މާލީ ބަޔާން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 11 ފަރާތެއްގެ ބަޔާނުގައި މައުލޫމާތު ފުރިހަމަ ނުވުމުން އެ ބަޔާންތައް އިތުރަށް ފުރިހަމަ ކުރުމަށް އަލުން އެ ކެންޑިޑޭޓުންނަށް ފޮނުވާފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެގޮތުން އަނބުރާ ފޮނުވާލި ބަޔާންތައް ފުރިހަމަ ކުރުމަށްފަހު ސަރުކާރު ރަސްމީ ބަންދު ނޫން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭ މައުލޫމާތު ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓުކޮށްފައިވާ މާލީ ބަޔާނަކަށް ވާންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތުގައި ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6،000 ރުފިޔާ އާއި 24،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށްވެސް ގާނޫނުގައި ބުނެފައި ވެއެވެ.

މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ބަޔާން ހުށަހަޅާފައިވަނީ އިންތިހާބުގައި ވާދަކުރި 386 ކެންޑިޑޭޓުންގެ ތެރެއިން 350 ކެނޑިޑޭޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް