ސްރީލަންކާގައި މިދިޔަ މަހުގެ 21ގައިން ދިން ބޮމުގެ ހަމަލާތައް ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ނުވަ މީހުންގެ ފޮޓޯއާއި ވަނަވަރު ލަންކާ ފުލުހުން ހާމަކޮށްފިއެވެ.
މި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ އަށް ފިރިހެނަކާއި އަންހެނެކެވެ.
މި މައުލޫމާތު ހާމަކުރަމުން ފުލުހުން އިއްޔެ ބުނެފައިވަނީ އެ އެންމެންގެ އާއިލާވެސް ލޮކޭޓް ކުރެވިފައިވާކަމަށާއި އެ އާއިލާތަކުގެ މުދާތައްވެސް ދައުލަތަށް ނަގާނެ ކަމަށެވެ.
ހާމަކުރި މައުލޫމާތަށް ބަލާއިރު ކޮޗިކަޑޭ ޗާޗްގައި ބޮން ގޮއްވާލީ އަލައުދީން މުހައްމަދު މުވާން ނަމަކަށް ކިޔާ މީހެކެވެ. އަދި ޝަންގްރިއްލާގައި ބޮންގޮއްވާލީ ކާސިމް މުހައްމަދު ޒަހްރާން ނަމަކަށް ކިޔާ މީހަކާއި މުހައްމަދު އިބްރާހިމް އިލްހާމް އަހްމަދު ނަމަކަށް ކިޔާ މީހެކެވެ. އިލްހާމަކީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި ދެބެންގެ ތެރެއިން އެކަކެވެ.
ސިނަމަން ގްރޭންޑްގައި ބޮން ގޮއްވާލީ މުހައްމަދު އިބްރާހިމް އިންޝާން އަހްމަދު ކަމަށް ބުނެފައިވާއިރު ކިންގްސްބަރީގައި ބޮން ގޮއްވާލީ މުހައްމަދު އާޒަމް މުހައްމަދު މުބާރަކް ނަމަކަށް ކިޔާ މީހަކު ކަމަށް ބުނެފައިވެއެވެ. އަދި ދެހިވަލައިގެ ޓްރޮޕިކަލް އިންގައި ބޮން ގޮއްވާލީ އަބްދުއްލަތީފް ޖަމީލް މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ޑެމަޓަގޮޑާގައި ގެއެއް ފާސްކުރަމުންދަނިކޮށް ބޮން ގޮއްވާލީ ފާތިމާ އިލްހާމަ ނަމަކަށް ކިޔާ އަންހެނެއް ކަމަށާއި އޭނާ އަކީ ޝަންގްރިއްލާގައި ބޮން ގޮއްވާލި މުހައްމަދު އިބްރާހިމް އިލްހާމް އަހްމަދުގެ އަންހެނުން ކަމަށްވެސް ބުނެފައިވެއެވެ.
މި އެންމެންވެސް ބޮން ގޮއްވާފައިވަނީ ޖާނުން ފިދާވެގެންނެވެ.
މި ހަމަލާތަކުގައި 253 މީހަކު މަރުވެފައިވާއިރު މި ހަމަލާތަކަށްފަހު ލަންކާގެ އާންމު ހާލަތު އަދިވެސް ހަމައަކަށް އެޅިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް