ބަޔާންތައް ލީކު ކޮށްލީ ނުފޫޒު ގަދަ ބައެއް، މައްސަލަ ތަހުގީގު ކުރަނީ

ފެބުރުއަރީ އެކެއް ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުން ކުރި ތަހުގީގުގެ ބަޔާންތަކެއް ލީކުކޮށްލި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ. ބަޔާންތައް ލީކުކޮށްލާފައިވަނީ ސޯޝަލް މީޑިއާގައި އ...

02 May 2018 | 07:10

ފެބުރުއަރީ އެކެއް ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުން ކުރި ތަހުގީގުގެ ބަޔާންތަކެއް ލީކުކޮށްލި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ބަޔާންތައް ލީކުކޮށްލާފައިވަނީ ސޯޝަލް މީޑިއާގައި އެވެ. އެބަޔާންތަކުގެ ތެރޭގައި ފުލުހުންގެ އިސްވެރިންނާއި ފަނޑިޔާރުންގެ ބަޔާންތައް ހިމެނެ އެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުންގެ ތަރުޖަމާނު، އަހްމަދު ޝިފާން ވިދާޅުވީ ތަހުގީގު ބަޔާންތައް ލީކުކޮށްލީ  އަމުރާ ގުޅޭ މައްސަލަތަކުގައި ތުހުމަތުކުރެވޭ ނުފޫޒު ގަދަ ބައެއް ކަމަށެވެ. ޝިފާން ވިދާޅުވީ ބަޔާންތައް ލީކޮށްލީ ޝަރިއަތަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށެވެ.

އެމީހުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިއީ ގާނޫނީ ނިޒާމާއި މެދު އާންމުންގެ މެދުގައި އިތުބާރު ނަގާލާއި ގާނޫނީ ނިޒާމަށް ހުރަސް އެޅުމަށް ހިންގި އަމަލެއް ކަމަށް ޝިފާން ވިދާޅުވި އެވެ.

"މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގުކޮށް ޝާމިލްވާ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން. މި މައްސަލައަކީ ފުލުހުން ތަހުގީގުކޮށް ގާނޫނީ މަރުހަލާގައިވާ މައްސަލައަކަށް ވާއިރު މިކަމަކީ ޝަރީއަތަށް ނުފޫޒު ފޯރުވަން ނުފޫޒުފަދަ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ފުލުހުންނަށް ވަނީ މައުލޫމާތު ލިބިފައި،" ޝިފާން ވިދާޅުވި އެވެ.

ލީކުކޮށްލި ބަޔާންތަކުގެ ތެރޭގައި، ފެބުރުއަރީ އެކެއް ގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަމަލު ކުރެއްވި ގޮތާއި ބައެއް ގާޒީންނަށް އެ ދެ ބޭފުޅުން ނުފޫޒު ފޯރުވި ކަމަށް ހެކިބަސް ދީފައިވާ ބަޔާންތައް ހިމެނެ އެވެ. އަދި، އަމުރާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު، އަހްމަދު އަރީފް އަމަލު ކުރެއްވި ގޮތާ ގުޅޭ ގޮތުން ފުލުހުންގެ އިސް ވެރިން ދެއްވި ކަަމަށް ބުނާ ބަޔާންތަކެއް ވެސް ހިމެނެ އެވެ.

ފަނޑިޔާރުންގެ ބައެއް ބަޔާންތަކުގައި ވަނީ ވަކި ގޮތަކަށް ހުކުމްތައް ކުރުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަންގި ކަމަށް ބުނެފަ އެވެ. އަދި އެބޭފުޅުން ބައެއް ހުކުމްތައް ނެރުމަށް އަންގަވަނީ ރައީސް އަބްދުﷲ ޔާމީން އަންގަވާ ގޮތަށް ކަމަށް ބުނެފައި ވެ އެވެ.

ލީކުވި ބަޔާންތަކުގެ ތެރޭގައި، މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންއާ ގުޅޭ ގޮތުން ނަގާފައިވާ ހެކި ބަސް ވެސް ހިމެނެ އެވެ. މި ބަޔާންތައް އާއްމުވުމާ އެކު، ސޯޝަލްމީޑީއާގައި، ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އިތުރަށް ކޯޓުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް