ރޯދައަށް ގެނައި ފިޔާ، އަލުވި އަދި ބިސް އަގު ހެޔޮކޮށް ވިއްކަން ފަށައިފި

ރޯދަ މަހާއި ދިމާކޮށް އެސްޓީއޯއިން ކޮންމެ އަހަރަކުވެސް އަގު ހެޔޮ ކުރާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ފިޔާ، އަލުވި އަދި ބިސް މިދިޔަ އަހަރެކޭ ގާތްގަނޑަކަށް އެއް އަގެއްގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފ...

02 May 2018 | 04:05

ރޯދަ މަހާއި ދިމާކޮށް އެސްޓީއޯއިން ކޮންމެ އަހަރަކުވެސް އަގު ހެޔޮ ކުރާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ފިޔާ، އަލުވި އަދި ބިސް މިދިޔަ އަހަރެކޭ ގާތްގަނޑަކަށް އެއް އަގެއްގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން ބުނީ މިއަހަރުވެސް ފިޔާ ބަސްތާއެއް 170 ރުފިޔާއަށް، އަލުވި ބަސްތާއެއް 200 ރުފިޔާއަށް އަދި ބިސް ކޭހެއް 270 ރުފިޔާއަށް ލިބޭނެ ކަމަށެވެ. މިއަދުން ފެށިގެން މި ތިން ބާވަތް ވަނީ މި އަގުގައި ވިއްކަން ފަށާފައި އެވެ.

އެ ކުންފުނިން ބުނީ 50 ބަސްތާއަށްވުރެ ގިނައިން ގަންނަ ނަމަ ފިޔާ ބަސްތާއެއް ވިއްކާނީ 160 ރުފިޔާއަށް ކަމަށެވެ. އަދި 50 ބަސްތާއަށްވުރެ ގިނައިން ގަންނަ ނަމަ އަލުވި ބަސްތާއެއް ވިއްކާނީ 190 ރުފިޔާއަށް ކަމަށާއި 50 ބަސްތާއަށްވުރެ ގިނައިން ގަންނަ ނަމަ ބިސް ކޭހެއް ވިއްކާނީ 260 ރުފިޔާއަށް ކަމަށެވެ.

އަދި ވަކިވަކިން ވިއްކާ އަގުތަކަށް ބަލާއިރު ފިޔާ އަދި އަލުވު ކިލޯއެއް ވިއްކާނީ އާންމުކޮށް ބާޒާރުގައި ވިއްކަން ހުންނަ އެންމެ ހެޔޮ އަގުގައި އެވެ. މިދިޔަ އަހަރު ރޯދަ އާއި ދިމާކޮށް އެ ދެ ބާވަތް ވިއްކާފައިވަ ކިލޯއެއް ގާތްގަނޑަކަށް 10 ރުފިޔާ އަށެވެ. ވަކި ބިހެއް މިއަހަރު ވިއްކަނީ 1.60 ރުފިޔާ އަށެވެ.

އެސްޓީއޯ އިން ބުނިގޮތުގައި، ރޯދަ މަހަށް ގެނައި ތަކެތި އާއްމުންނަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުންނާއި ހޯސޭލް ސެންޓަރުން ވެސް ގަންނަން ލިބޭނެ އެވެ. އިންޑަސްޓްރިއަލް ވިލެޖުގައި މިތަކެތި ވިއްކުމަށް ވަކި ތަނެއް ހަދައި ކަސްޓަމަރުންނަށް ފަސޭހަ ވާނެހެން ކައުންޓަރު ތައް ވަނީ ބަހައްޓާފައި އެވެ.

މި ތިން ބާވަތް އެސްޓީއޯ މާލޭ ފިހާރަތަކުން ވިއްކާ އަގުގައި އަތޮޅު ތެރޭގެ އައުޓްލެޓްތަކުންވެސް ލިބޭނެ ކަމަށް ބުނެ އެވެ. އަދި މިއަގުގައި ސްޓޮކް ހުސްނުވެ ރޯދަ މަސް ނިމެންދެން މި ތިން ބާވަތް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް