ގިނަ ދުވަސްތަކަކަށް ފަހު ބޮލީވުޑްގެ ކުރީގެ ބަތަލު ގޯވިންދާ އަނެއްކާވެސް ފިލްމެއްގެ ލީޑް ރޯލުން ފެންނަން ތައްޔާރު ވެއްޖެ އެވެ.
މިފަހަރު ގޯވިންދާ ފެނިގެންދާނީ މީގެ 31 އަހަރު ކުރިން އޭނާ ބޮލީވުޑަށް ތައާރަފު ކުރި ޑައިރެކްޓަރު ޕަލަޖް ނިހަލާނީގެ ފިލްމަކުންނެވެ. ދުވަސް ތަކަކަށްފަހު އަލުން ޑައިރެކްޓު ކުރަން ފެށި ޕަލަޖް ބުނީ މިފަހަރުވެސް ގޯވިންދާ ފެނިގެންދާނީ ހެއްވާ މަޖާ ފިލްމަކުން ކަމަށެވެ.
"ރަންގީލާ ރާޖާ" ގެ ނަން ދީފައިވާ މި ފިލްމުގައި ގޯވިންދާ ޑަބަލް ރޯލުން ފެނިގެންދާއިރު މުޅިން އާ ހަތަރު ފިރިހެން ތަރިން ތައާރަފު ކުރާނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ބުނެފައިވަނީ އަބަދުވެސް މަޖާ ރޯލުތަކުން ފެނިގެން ގޮސްފައިވާ ގޯވިންދާ މި ފިލްމުގައި ފެނިގެންދާނީ މަޖާ ރޯލަކުން ކަމަށް ވިޔަސް މުޅިން ތަފާތު ވާނެ ކަމަށެވެ.
ޕަލަޖް ބުނެފައިވަނީ ގޯވިންދާގެ އެނބުރި އައުން އާންމުން ބަލައިގެންނާނެ ކަމާއި މެދު ޝައްކު ނުކުރާ ކަމަށެވެ. މި ފިލްމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި އެވެ.
ފިލްމު ރިލީޒް ކުރާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެ ފިލްމު މިއަހަރު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
އެންމެ ފަހުން ގޯވިންދާ ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި "އާ ގަޔާ ހީރޯ" އިން ފުލުހެއްގެ ރޯލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް