ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި ދިއްލީގެ ވިޔަފާރިވެރިޔާ އަނަންދު އަހޫޖާގެ ކައިވެނި އޮންނަ ތާރީހާއި ތަން އާއިލާއިން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
ދެ އާއިލާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޯނަމްގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށް ވަނަ ދުވަހު މުމްބާއީގައި ހުންނަ ސޯނަމްގެ އާއިލީ ގޭގައި ކަމަށެވެ. އަދި މިކަމަށް މާބޮޑަށް ފާރަ ނުލުމަށާއި ދެ އާއިލާއަށް އަމިއްލަ މިނިވަންކަމާއި އެކު ކައިވެނީގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް މީޑިއާ އާއި އާންމުންގެ ކިބައިން އެދިފަަވެ އެވެ.
ސޯނަމްގެ ކައިވެންޏާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދެކެވޭތާ މިހާރު ދެތިން މަސްދުވަސް ވެއްޖެ އެވެ. އެގޮތުން ބައެއް ރިޕޯޓުތަކުގައި އޭނާގެ ކައިވެނި ހަފްލާ އޮތީ ލަންޑަންގައި ކަމަށް ބުނެފައިވާއިރު އަނެއްބައި ރިޕޯޓުތަކުގައި ބުނެފައިވަނީ ހަފްލާ އޮތީ ސުވިޒަލޭންޑުގައި ކަމަށެވެ.
އެކަމަކު ކުއްލިއަކަށް މިދިޔަ ހަފްތާގައި ސޯނަމްގެ ގޭގައި ބޮކިފަތި ދަމައި ޒީނަތްތެރި ކުރަން ފެށުމުން އެންމެންނަށް ވަނީ އެ ކައިވެނި އޮތީ މުމްބާއީގައި ކަން އެނގިފަ އެވެ. އަދި ގެ ޒީނަތްތެރި ކުރި ފަހުން ނޫސްވެރިން ސުވާލު ކުރުމުން ސޯނަމް ވަނީ ކައިވެނި ކުރާނީ މުމްބާއީގައި ކަމަށް ބުނެފައި އެވެ.
ގެ ޒީނަތްތެރިކޮށްފައިވާތީ ނޫސްވެރިން ސުވާލު ކުރުމުން މީގެ ދެ ދުވަސް ކުރިން ސޯނަމްގެ ބައްޕަ އަނިލް ކަޕޫރު ބުނެފައިވަނީ އޭގެ ސިއްރު އާއިލާއިން ވަގުތު ޖެހުމުން ރަސްމީކޮށް ހާމަ ކުރާނެ ކަމަށެވެ.
ސޯނަމް ކަޕޫރާއި އަނަންދު އަހޫޖާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު އެ ދެމީހުންގެ ގުޅުމާއި ގުޅޭގޮތުން ސުވާލު ކުރިޔަސް މިހާތަނަށްވެސް ސޯނަމް އެ ސުވާލަށް ޖަވާބު ދީފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް