ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ 2 ވަނަ ލެގުގައި ބަޔާން މިޔުނިކާ 2-2 އިން އެއްވަރުކޮށް، އެގްރިގޭޓުން ކުރި ހޯދާ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ރެއާލް މެޑްރިޑް ޖެހިޖެހިގެން 3 ވަނަ ފަހަރަށް ފައިނަލަށް ދަތުރު ކޮށްފިއެވެ.
މިއާއެކު ރެއާލްގެ މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާން ކޯޗުކަމާ ހަވާލުވި ފަހުން ހުރިހާ އަހަރެއްގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ވެސް ޖާގަ ހޯދުމުގެ ޝަރަފު ކޯޗެއްގެ ގޮތުގައި އޭނާ މިވަނީ ހާޞިލްކޮށްފައެވެ.
ފުރަތަމަ ލެގުގައި ބަޔާންގެ ދަނޑުގައި 2-1 އިން ހޯދި މޮޅާއެކު 4-3 ގެ އެގްރިގޭޓް ނަތީޖާއިން ރެއާލް މެޑްރިޑް ކުރި ހޯދިއިރު، ޗެމްޕިއަންސް ލީގު މިހާރުގެ ފޯމެޓަށް ބަދަލު ކުރި ފަހުން ޖެހިޖެހިގެން 2 އަހަރު މުބާރާތުގެ ތަށި ހޯދުމުގެ ޝަރަފު ވެސް އޮތީ އެ ކްލަބް އަތުގައި އެކަންޏެވެ. މި ސީޒަންގައި ސްޕެނިޝް ލީގައި ކަޕް ގެއްލުމާއެކު، ރެއާލްގެ މިހާރުގެ އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގައި ހެޓްރިކެއް ހެދުމެވެ.
ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލަށް ޖެހިޖެހިގެން 3 ފަހަރު މީގެ ކުރިން ދަތުރުކުރީ ޔުވެންޓަސް އާއި ބަޔާން މިޔުނިކެވެ. އެއީ ކުރީގެ ފޯމެޓަށް އޮތްއިރުގައެވެ. 1996 ން 1998 ޖުވެންޓަސްއިން މި ކާމިޔާބީ ހޯދި ނަމަވެސް، އެ ޓީމަށް 3 ފައިނަލުގެ ތެރެއިން އޭރު ކާމިޔާބު ކުރެވުނީ އެންމެ ފައިނަލެކެވެ. ބަޔާނުން ވަނީ 1974 ން 1976 އަށް މުބާރާތް އޭރުގެ ފޯމެޓަށް އޮތްއިރު ކާމިޔާބު ކޮށްފައެވެ.
ބަޔާން ދަނޑުގައި މޮޅުވެފައި އޮތް ރެއާލް ކޮޅަށް ރޭގެ މެޗުގެ ކުރީ ކޮޅު ލަނޑެއް ޖަހައި ބަޔާނުން ނަތީޖާ އަނބުރާލުމަށް ރަނގަޅު ފެށުމަކުން ފެށިއެވެ. ޓޮލިއްސޯގެ އެސިސްޓަކާއެކު މެޗުގެ 3 ވަނަ މިނިޓުގައި ޖޯޝުއާ ކިމިޗް މި ލަނޑު ޖެހި ނަމަވެސް، ފުރަތަމަ ލެގެކޭ އެއްގޮތަށް މުޅި މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފައްދައި، މި މެޗުގައި ވެސް ބަޔާންއަށް ލަނޑުތަކެއް ޖެހުމުގައި ކާމިޔާބީ ހޯދޭ ގޮތެއް ނުވިއެވެ.
ބަޔާންގެ ލަނޑަށް ފަހު ގިނައިރުތަކެއް ނުވެ މެޗުގެ 11 ވަނަ މިނިޓުގައި ރެއާލް އިން ނަތީޖާ ހަމަހަމަކުރިއެވެ. މާސެލޯ ނަގައިދިން ހިތްގައިމު ހުރަހަކުން މި ލަނޑު ޖެހީ ކަރީމް ބެންޒެމާއެވެ.
ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނުއިރު، ދެ ވަނަ ހާފު ފެށުނު ގޮތަށް ރެއާލް އިން ވަނީ ލީޑު ނަގާފައެވެ. ޓޮލިއްސޯ ފަހަތަށް ޖައްސާލި ބޯޅައެއް ބަޔާންގެ ކީޕަރަށް ސާފުކޮށްނުލެވި ފައިދަށުން ދިޔައިރު، އެ ބޯޅައަށް ދުވަމުންދިޔަ ބެންޒެމާ ވަނީ ބޯޅަ ހޯދާ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ރެއާލްއިން ލީޑު ނެގުމާއެކު ބަޔާން މިޔުނިކުން ކުރަން ޖެހޭ މަސައްކަތް ދެ ގުނަ ވިއިރު، އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެހެނަސް، އެ ހަމަލާތައް ދިފާއު ކުރުމުގައި ރެއާލްގެ ކީޕަރާއި ޑިފެންޑަރުން ކާމިޔާބު ހޯދިއެވެ.
ބަޔާނުން ކުރަމުން އައި މަސައްކަތުގެ ނަތީޖާ ފެނި އެއްވަރު ކޮށްލެވުނީ 63 ވަނަ މިނިޓުގައި ޖޭމްސް ރޮޑްރިގޭޒް ޖެހި ލަނޑުންނެވެ. ރެއާލް އިން ބަޔާންއަށް ލޯނަށް ދޫކޮށްފައިވާ ޖޭމްސް ލަނޑު ޖެހުމަށްފަހު ވަނީ އުފާފާޅުކުރަން ދެކޮޅު ހަދައި، ރެއާލްގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭކަން އަތުގެ އިޝާރާތުން ދައްކާފައެވެ.
ބަޔާންއިން ނަތީޖާ ހަމަހަމަކޮށް އިތުރު ލަނޑެއް ޖަހައިގެން ކުރި ހޯދަން މަސައްކަތް ކުރިއިރު، މެޗުގެ ފަހު ބައިގައި ރެއާލް އިން ވަނީ ވަރަށް ބޮޑަށް މެޗު ލަސްކުރަން މަސައްކަތް ކޮށްފައެވެ. މި ބައްޔާއެކު ބަޔާނުން ޗެމްޕިއަންސް ލީގުގައި ރެއާލްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 7 މެޗުން ވެސް މި ވަނީ ކާމިޔާބީއެއް ހޯދޭގޮތް ނުވެފައެވެ. 7 މެޗުގެ ތެރެއިން 6 މެޗުން ވަނީ ބަލިވެފައެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނީ މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ. ލިވަޕޫލް އާއި ރޯމާ ބައްދަލުކުރާ މި މެޗު ފެށޭނީ ރާއްޖެ ގަޑިން މިރޭ 23:45 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް